ޚަބަރު

ބްރެޒިލުން އެމެރިކާއަށް ދަތުރުކުރުން މަނާކޮށްފި


ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ ބްރެޒިލުން އެމެރިކާއަށް ކުރާ ދަތުރުތައް ހުއްޓާލައިފިއެވެ.

ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދަނީ އެމެރިކާގައެވެ. އެމެރިކާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 1.706 މިލިއަނަށްވަނީ އިތުރުވެފައެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ ބްރެޒިލުގައެވެ. ބްރެޒިލުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 376،669އަށް އަރައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާއަށްވުރެ ގިނަ މީހުން ބްރެޒިލްގައި ކޯވިޑް-19 ޖެހިގެން މަރުވެފައިވެއެވެ.

އެމެރިކާއިން ކުރިންވަނީ މެއި މަހުގެ 28ވަނަ ދުވަހުން ފެށިގެން ބްރެޒިލުން އެމެރިކާއަށް ދަތުރުނުކުރެވޭނެކަމަށް އިޢުލާނުކޮށްފައެވެ. ނަމަވެސް އެމެރިކާއިންވަނީ އެ ތާރީޚު އަވަސްކޮށް މެއި 26ން ފެށިގެން ބްރެޒިލުން އެމެރިކާއަށް މީހުން ދަތުރުކުރުން މަނާކޮށްފައެވެ. ދަތުރުކުރުން މަނާކުރާ ތާރީޚު އަވަސްކުރި ސަބަބެއް އެމެރިކާގެ ސަރުކާރުން ބުނެފައެއް ނުވެއެވެ. އެ ނިންމުމުގެ ސަބަބުން ފާއިތުވި ދެ ހަފުތާގެ ތެރޭގައި ބްރެޒިލަށް ދަތުރުކޮށްފައިވާ އެއްވެސް މީހަކަށް އެމެރިކާއަކަށް އެތެރެއެއްނުވެވޭނެއެވެ.

އެމެރިކާ ރިޔާސީ އޮފީސް، ވައިޓް ހައުސުން ބުނީ އެ ނިންމުމުގެ ސަބަބުން ބޭރު ޤައުމުތަކުން އަންނަ މީހުންގެ ފަރާތުން އެ ޤައުމަށް ބަލިމަޑުކަން އިތުރަށް ނާންނާނެކަން ޔަޤީންވާނެކަމަށެވެ. އަދި ބައިނަލްއަޤްވާމީ ވިޔަފާރިއަށް އެ ނިންމުމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމަށް ވައިޓް ހައުސުންވަނީ ބުނެފައެވެ. އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ރޮބަޓް އޯބްރެއިން ވިދާޅުވީ ދަތުރުކުރުން މަނާކުރުމަކީ ވަގުތީ ފިޔަވަޅަކަށްވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

ކޯވިޑް-19އާމެދު ބްރެޒިލްގެ ރައީސް ޖައީޚް ބޮލްސޮނާރޯ ޢަމަލުކުރައްވަމުންދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕާ ދާދި އެއްގޮތަކަށެވެ. އެންމެ ފުރަތަމަ ބަލި ފެތުރެން ފެށުމުން ދެ ބޭފުޅުންވެސްވަނީ އެއީ އާދައިގެ ރޯގާއެއްކަމަށް ސިފަކުރައްވާފައެވެ. ދެ ބޭފުޅުންވެސްވަނީ އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ޞިއްޙީ މާހިރުން ދެމުންދާ ނަޞޭހަތަށް ގޮންޖައްސަވާފައެވެ. އަދި ކޯވިޑް-19އަށް ފަރުވާދިނުމަށް ގޮތް ނޭނގޭ ބޭސް ބޭނުންކުރުމަށް ދެ ބޭފުޅުންވެސްދަނީ ހިތްވަރު ދެއްވަމުންނެވެ.

އެމެރިކާއަށް ބްރެޒިލުން ދަތުރުކުރާ މީހުން އެ ޤައުމަށް އެތެރެވުން މަނާކުރަން ނިންމި ނިންމުމުން ބްރެޒިލާއި އެމެރިކާއާ ދެމެދު އޮންނަނެ ގުޅުމަކާމެދުވަނީ ސުވާލު އުފެދިފައެވެ.