ވިޔަފާރި

އީ-ސްޓޯރގެ ޚިދުމަތް ހޯމަދުވަހު އަލުން ފަށަނީ


އާއްމު ގޭބީސީތަކަށް ބޭނުންވާ މުދާ ފޯރުކޮށްދިނުމަށް އެސްޓީއޯއިން ޤާއިމްކޮށްފައިވާ އޮންލައިން ޕްލެޓްފޯމް "އީ-ސްޓޯރ"ގެ ޚިދުމަތް އަންނަމަހުގެ އެއްވަނަ ދުވަހު އަލުން ފަށާނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން އޭޕްރީލްމަހު ކުރީކޮޅު ފެށި އީސްޓޯރގެ ޚިދުމަތް މޭމަހުގެ ކުރީކޮޅު މެދުކަނޑާލީ އެސްޓީއޯގެ ބައެއް ސްޓާފުން ކޯވިޑްއަށް ޕޮޒިޓިވްވެ، އަދި ބައެއް ސްޓާފުން ކަރަންޓީނަށް ދާންޖެހުމާ ގުޅިގެން ޚިދުމަތަށް ބުރޫ އެރުމުގެ ސަބަބުންނެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޭގެއަށް ޑެލިވަރކުރުން މެދުކަނޑާލިނަމަވެސް އޭރުން ފެށިގެންވެސް ހޯލްސޭލް ޚިދުމަތް އީސްޓޯރއިން ދެމުންދިޔަކަމަށެވެ. އަދި އަންނަ ހޯމަދުވަހު އީސްޓޯރގެ ޚިދުމަތް އަލުން ފަށާއިރު، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ޚިދުމަތްވެސް ފަށާނެކަމަށް އަމްރު ވިދާޅުވިއެވެ.

ލޮކްޑައުންގެ ހަފްތާއެއްކުރިން އެސްޓީއޯއިން ފެށި އީސްޓޯރގެ ޚިދުމަތަށް ލޮކްޑައުން ފެށުމާއެކު ވަރަށް ބޮޑަށް ބާރުވެގެން ދިޔައެވެ. އެގޮތުން ލޮކްޑައުންގެ ފުރަތަމަ ދުވަހުން ފެށިގެން އެތައް ހާސް އޯޑަރެއް އީސްޓޯރއަށް އަންނައިރު، އެހުރިހާ އޯޑަރަކަށް އެސްޓީއޯއިން ވަނީ މުދާ ފޯރުކޮށްދީފައެވެ.

އެސްޓީއޯގެ އީސްޓޯރ މެދުވެރިކޮށް އެސްޓީއޯ ސުޕަރމާޓުން ވިއްކާ ހުރިހާ ތަކެއްޗެއްހެން ގަންނަން ލިބޭނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.