ޚަބަރު

ވެނެޒުއޭލާއަށް ދިމާވެފައިވާ ތެލުގެ މައްސަލަތަކަށް ޙައްލު ހޯދާދެނީ އިރާނުން


ތެލަށް ޖެހިފައިވާ ވެނެޒުއެލާއަށް ތެޔޮ ފޯރުކޮށްދިނުމަށް އީރާނުގެ 5 ތެޔޮ ޓޭންކަރު އެ ޤައުމަށްދަނީ ދަތުރުކުރަމުންނެވެ. އެ ބޯޓުތަކުގެ ތެރެއިން މައި އުޅަނދު ވެނެޒުއެލާގެ މައި ތެޔޮ ކުންފުނި ޕީޑީވީއެސްއޭއިން ހިންގާ ބަނދަރަކަށް ވަރަށް އަވަހަށް ގާތްކުރާނެއެވެ.

ވެނެޒުއެލާގެ ތެލުގެ ސިނާޢަތުން މީގެ ކުރިން ދުވާލެއްގެ މައްޗަށް 1.3 މިލިއަން ތެޔޮ ފީފާ އުފައްދައެވެ. ނަމަވެސް މި އަހަރު އެ ޢަދަދުގެ 10 އިންސައްތަވެސް އެ ޤައުމަށް ނުއުފެއްދެއެވެ. އެހެންކަމުން ބޭރު ޤައުމުތަކުން އެތެރެކުރާ ތެލުގެ މައްޗަށް ބަރޯސާވާން އެ ޤައުމަށްވަނީ މަޖުބޫރުވެފައެވެ. ނަމަވެސް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމަށް ތެޔޮ އެތެރެކުރެވޭ ޤައުމުތަކާއި އެތެރެކުރާ ތެލުގެ ބާވަތްތައްވަނީ ކޮންޓްރޯލުކުރެވިފައެވެ.

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯވަނީ އީރާނުން ފޯރުކޮށްދޭ އެހީތެރިކަމަށް އެ ޤައުމަށް ޝުކުރު އަދާކުރައްވާފައެވެ. ނަމަވެސް ވެނެޒުއޭލާއަށް ގެންނަނީ ކިހާ ޢަދަދެއްގެ ތެލެއްކަމެއް ޕީދީވީއެސްއޭއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސަރުކާރާއި އެހެން މަސްދަރުތަކުން ހާމަކޮށްފައިވާ މަޢުލޫމާތުން ދައްކާގޮތުގައި 1.53 މިލިއަން ފީފާގެ ތެޔޮ އީރާނުން ފޯރުކޮށްދޭނެކަމަށް ބެލެވެއެވެ.

އީރާނުގެ އެ ނިންމުމަކީ އެމެރިކާގެ ފަރާތުން ފާޑުކިޔުން ރައްދުވެފައިވާ ނިންމުމެކެވެ. ވެނެޒުއެލާގެ އިތުރުން އީރާނަކީވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޤައުމެކެވެ. އީރާނުން ވެނެޒުއެލާއަށް ތެޔޮ ފޯރުކޮށްދޭތީ އަޅާނެ ފިޔަވަޅަކާމެދު މަޝްވަރާކުރަމުންދާކަމަށް އެމެރިކާއިންވަނީ ބުނެފައެވެ.