ޚަބަރު

ޚަލީފާ ޙަފްތާރީއަށް ވާގިވެރިވާ ރަޝިޔާ ސިފައިން ތުރާބުލުސް ސަރަޙައްދުން ގޮސްފި

ލީބިޔާގެ ދަޚިލީ ހަނގުރާމައިގެ ތެރެއިން އެ ޤައުމުގެ އިރުމަތީގައި ޙަރަކާތްތެރިވާ އަސްކަރީ ހަނގުރާމަވެރި ޖަމާޢަތުގެ ބާރުގެ ދަށަށް ވެރިރަށް ތުރާބުލުސް ގެނައުމަށް އެހީތެރިވަމުންދާ ރަޝިޔާގެ ފައުޖުތައް އެ ސަރަޙައްދު ދޫކޮށް ގޮސްފިއެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން އިދިކޮޅު ޚަލީފާ ޙަފްތާރުވަނީ ލީބިޔާގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ތުރާބުލުސާއި ލީބިޔާގެ ހުޅަނގު އުތުރު ސަރަޙައްދުތައް އޭނާގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ. އޭގެ ސަބަބުން ލީބިޔާގެ ސަރަޙައްދުތައްވަނީ ދެބަޔަކަށް ބެހިފައެވެ. ޙަފްތާރަށް ވާގިވެރިވަނީ ޔޫއޭއޫއާއި މިޞްރާއި ރަޝިޔާއިންނެވެ. ލީބިޔާގެ ސަރުކާރަށް ވާގިވެރިވަނީ ތުރުކީވިލާތުންނެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޚަލީފާ ޙަފްތާރުގެ އެލްއެންއޭވަނީ ލީބިޔާގެ ރަސްމީ ސަރުކާރުގެ އަސްކަރިއްޔާއާ ކުރިމަތިލާ ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާފައެވެ. ފާއިތުވި ހަފުތާތަކުގެ ތެރޭގައި ތުރާބުލުސްގެ ސަރުކާރުންވަނީ ތުރުކީވިލާތުގެ އެހީތެރިކަމާއެކު އެލްއެންއޭގެ ބާރުދަށުގައި އޮތް ގިނަ ސަރަޙައްދުތަކެއް އަލުން އަތުލާ، މުހިންމު ބިނާއެއްކަމަށްވާ އަލްވަތިއްޔާ ވައިގެ މަރުކަޒު އަލުން ހިފާފައެވެ.

ޚަލީފާ ޙަފްތާރުގެ އަސްކަރިއްޔާއަށް ވާގިވެރިވާ ރަޝިޔާ ސިފައިން ތުރާބުލުސް ކައިރީ ސަރަޙައްދު ދޫކޮށް ދިޔުމަކީ އެލްއެންއޭ އިތުރަށް ބަލިކަށިވެފައިވާކަމެކެވެ. ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެލްއެންއޭއަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ހަނގުރާމަވެރިންވަނީ ތުރާބުލުސާ ކައިރި ބައެއް ހިސާބުތައް ދޫކޮށް ގޮސްފައެވެ. އެއީ އިންސާނިއްޔަތުކަމުގެ ޢަމަލެއްކަމަށް އެ ޖަމާޢަތުންވަނީ ސިފަކޮށްފައެވެ. އޭގެ ފަހުން މައި ސަރުކާރަށް ވާގިވެރިވާ ހަނގުރާމަވެރިންވަނީ އެ ސަރަޙައްދުތަކަށް އަލުން ވަދެފައެވެ.

ތުރާބުލުސްގެ އިރުއުތުރުގައި އޮންނަ ބަނީ ވަލީދުގެ މޭޔަރު ސަލީމް އަލައިވަންވިދާޅުވީ އެއަވަށުގެ ވައިގެ ބަނދަރުން ރަޝިޔާގެ ހަނގުރާމަވެރިން އެލްއެންއޭގެ ބާރުގެ ދަށުގައި އޮންނަ ޖަފްރާއަށް ފުރާފައިވާކަމަށާއި އެމީހުންގެ އަސްކަރީ އުޅަނދުތައްވެސް ޖަފްރާއަށް ގެންގޮސްފައިވާކަމަށެވެ. ނެދަލޭންޑްސްގެ ކްލިންގެންޑާލް އިންސްޓިޓިއުޓުގެ ރިސާޗައްރެއްކަމަށްވާ ޖަލީލު ޚަރްޝާއޫ ވިދާޅުވީ ރަޝިޔާގެ ހަނގުރާމަވެރިން ތުރާބުލުސް ސަރަޙައްދު ދޫކޮށްފައި ދިޔުމަކީ ވަރަށް މުހިންމު ހާދިޘާއެއްކަމަށާއި އޭގެ ސަބަބުން އެލްއެންއޭއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންއައި އެންމެ ވަރުގަދަ ބޭރުގެ ހަނގުރާމަވެރިންގެ އެހީތެރިކަން އެޖަމާޢާތަށް ނުލިބޭނެކަމަށެވެ