ޚަބަރު

ޢާންމުންގެ ކުރިމައްޗަށް ކިމް ނުކުމެވަޑައިގަތުން، ޣައްޒާގައި ކޯވިޑް-19 ޖެހިގެން މީހަކު މަރުވުން އަދި ބޮރިސްގެ މުޝީރުގެ މައްސަލަ


މިއީ މިއަދު ދުނިޔޭގައި ހިނގި ކަންކަމުގެ ތެރެއިން ފާހަގަކުރެވުނު ބައެއް ޙާދިސާތަކެވެ.

ތިން ހަފުތާއަށްފަހު ކިމް ޖޮންގް އުން ޢާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުން

ޞިއްޙީ ޙާލުކޮޅާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އުތުރު ކޮރެޔާގެ ޒަޢީމު ކިމް ޖޮންގް އުން މަތީ ފަންތީގެ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަންނަވައިފިއެވެ. ތިން ހަފުތާއަށްފަހު ޢާންމުންގެ ކުރިމައްޗަށް ވަޑައިގެންނެވީ ސެންޓްރަލް މިލިޓްރީ ކޮމިޝަންގެ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަންނަވާ އުތުރު ކޮރެޔާގެ ނިއުކްލިޔަރ ޤާބިލުކަމާމެދު މަޝްވަރާކުރެއްވުމަށެވެ. އުތުރު ކޮރެޔާއަކީ މިހާތަނަށް ކޯވިޑް-19 ފެތުރިފައިނުވާކަމަށް ބުނެފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި ކިމް ބައިވެރިވަޑައިގެންނެވި ބައްދަލުވުމުގައި މާސްކު އެޅުންފަދަ ރައްކާތެރި އެއްވެސް ފިޔަވަޅެއް އަޅާފައިވާ މަންޒަރެއް ނުފެނުނެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ އުތުރު ކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް އެމެރިކާއާއިއެކު ފެށި މަޝްވަރާތައް މަޑުޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ކުރިއަށްއޮތް މަސްތަކުގެ ތެރޭގައި ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް އުފައްދަނީ

ކުރިއަށްއޮތް މަސްތަކުގެ ތެރޭގައި ކޯވިޑް-19އާ ދެކޮޅަށް ބޭނުންކުރެވޭނެ ވެކްސިނެއް އުފެއްދިދާނެކަމަށް ގަވީ ވެކްސިން އެލަޔަންސުން ބުނެފިއެވެ. ސްވިޓްޒަލެންޑުގެ ކުންފުނިން ބުނީ ވެކްސިން ކާމިޔާބުވާނެ މިންވަރު ސެޕްޓެންބަރު މަހާއި ޑިސެންބަރު މަހާ ދެމެދު އިނގިގެންދާނެކަމަށެވެ. ނަމަވެސް، ދުނިޔޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން އުފެއްދުމަށް ގިނަ ދުވަސްތަކެއް ނަގާފާނެކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. އަދި ބައިނަލްއަޤްވާމީ ކުންފުނިތަކުން ގުޅިގެން ބޭނުންވާ މިންވަރަށް ވެކްސިން އުފެއްދުމަށް އެއްބަސްވާންޖެހޭކަމަށްވެސް ގަވީ ވެކްސިން އެލަޔަންސުންވަނީ ބުނެފައެވެ.

ކޯވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް ޣައްޒާއިން މީހަކު މަރުވުން

ކޯވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް ފަލަސްޠީނުގެ ޣައްޒާއިން މީހަކު މަރުވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ އުމުރުން 77 އަހަރުގެ އަންހެނެކެވެ. ހަމާސް ޖަމާޢަތުގެ ބާރުގެ ދަށުގައި އޮންނަ ޣައްޒާގައި ދިރިއުޅޭ 2 މިލިއަން މީހުންގެ ތެރެއިން 55 މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށްވަނީ ބުނެފައެވެ. ނަމަވެސް، ދިގު ޒަމާންތަކެއްވަންދެން އިސްރާއީލާ ކުރިމަތިލަންމުންދާ ޣައްޒާގެ ޞިއްހީ ނިޒާމުވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެހެންކަމުން، ޣައްޒާގެ އަސްލު ޙާލަތު ދެނެގަތުމަށް އުނދަގޫތަކެއް އެބަހުއްޓެވެ. 2007ވަނަ އަހަރުން ފެށިގެން ޣައްޒާއާއި މިޞްރާއި އިސްރާއީލާ ގުޅޭ ހުރިހާ ސަރަޙައްދީ ރޮނގެއްވަނީ ބަންދުކޮށްފައެވެ. ފަލަސްޠީނުގެ ހުޅަނގު އައްސޭރިން 423 މީހުންނަށް ކޯވިޑް-19 ޖެހި، 2 މީހުން މަރުވެފައިވާކަމަށްވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ ޕްރައިމަރީ ސްކޫލުތައް ހުޅުވަނީ

އިނގިރޭސިވިލާތުގެ ޕްރައިމަރީ ސްކޫލުތައް ޖޫން މަހުގެ 1ވަނަ ދުވަހު ހުޅުވަން ނިންމާފައިވާކަމަށް އެ ޤައުމުގެ ދަތުރުފަތުރާބެހޭ ވަޒީރު ގްރަންޓް ޝަޕްސް ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެކުލަވާލެވިފައިވާ މަގުޗާޓާ އެއްގޮތަށް ކަނޑައެޅިފައިވާ ތާރީޚުގައި ކިޔެވުން ފެށޭނެކަމަށެވެ. އިނގިރޭސިވިލާތުގެ ސަރުކާރުގެ ނިންމުމާ ދެކޮޅަށް އެ ޤައުމުގެ މަސައްކަތްތެރިންގެ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކާއި ޓީޗަރުންވަނީ އަޑުއުފުލާފައެވެ. އިނގިރޭސިވިލާތަކީ ދުނިޔޭގައި ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސް އެއް ޤައުމެވެ. އެ ޤައުމުގައި 257,154 މީހުންނަށް ބަލިމަޑުކަމުގެ އަސަރުކޮށް، 36,675 މީހުންވަނީ މަރުވެފައެވެ. އިނގިރޭސިވިލާތަކީ އެމެރިކާއަށްފަހު ކޯވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވާ ޤައުމެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މުޝީރު ޑޮމިނިކު ކަމިންގްސް އިސްތިޢުފާއެއް ނުދެއްވާނެ

ފުރަބަންދުގެ އުޞޫލުތަކާ ޚިލާވެވަޑައިގެންނެވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ މުޝީރު ޑޮމިނިކު ކަމިންގްސް އިސްތިޢުފާ ނުދެއްވާނެކަމަށް ވިދާޅުވެއްޖެއެވެ. ކަމިންގްސްވަނީ އޭނާގެ އަނބިމިހާއާއި ކުޑަދަރިފުޅާއެކު ވެރިރަށް ލަންޑަން ދޫކުރައްވާ ތިމާގެ ބޭފުޅުން ދިރިއުޅުއްވާ ޑަރަމަށް ވަޑައިގެންފައެވެ، އޭރު އޭނާގެ އަނބިމިހާގެ ގައިން ކޯވިޑް-19ގެ ޢަމާމާތްތައްވަނީ ފެނިފައެވެ. އެ ޙާދިޘާ ހިނގާފައިވަނީ މިދިޔަ މަހުގެ މެދުތެރޭގައެވެ. ފުރަބަންދުގެ އުޞޫލުތަކާ ޚިލާވެވަޑައިގެންނެވިނަމަވެސް ކަމިންގްސަށް ސަރުކާރުގެ ތާޢީދު އެބައޮތެވެ. ނަމަވެސް، އޭނާގެ އިސްތިޢުފާއަށް އިދިކޮޅު ލޭބަރ ޕާޓީންދަނީ ގޮވާލަމުންނެވެ.