ޚަބަރު

އީދު ނަމާދުގެ ޖަމާއަތާއި، އީދު ހެދުމާއި، އީދު ކުޅިވަރާއި ނުލައި މާލެއަށް އައި އީދެއް


ވެރިރަށް މާލެއަށްވެސް އަންނަ އެންމެ އުފާވެރި އެއްދުވަހަކީ، ކޮންމެ ފިޠުރު އީދާއި އަޟުހާ އީދު ދުވަހެވެ. އީދުގެ އުފާ އާއްމުންނަށް ހޯދައި ދިނުމަށްޓަކައި އީދު ދުވަހު މާލޭގެ މަގުތަކުގައި އިންޖީނުލީ އެއްގަމު އުޅަނދު ފަހަރު ދުއްވުން ސިޓީކައުންސިލުން މަނާކުރެއެވެ. އެވަގުތުކޮޅު ވަނީ މާލެއަށް އަންނަ އެންމެ އުފާވެރި އެއްވަގުތުކޮޅަށެވެ.

އެހެން ނަމަވެސް ކޯވިޑް-19 އާއި އެކު މާލެ ފުރަބަންދުގައި އޮތުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިއީދުވެފައި މިވަނީ، އީދު ނަމާދުގެ ޖަމާއަތްނެތް، އަދި އީދު ހެދުމާއި އީދު ކުޅިވަރެއްވެސް ނެތް އީދަކަށެވެ. މިއީ މާލޭގެ ތާރީޚުގައިވެސް އަދި ނުފެންނަ މަންޒަރެކެވެ.

އީދު ފާހަގަކުރުމަށް ރޯދަމަހުގެ ފަހު ދުވަހު، މާލޭގައި ދިރިއުޅޭ އެތައް ބަޔަކު އަތޮޅުތެރޭގެ ރަށްރަށަށާއި ރިޒޯޓުތަކަށް ދިޔަ ނަމަވެސް ފުރަ ބަންދާއި ގުޅިގެން އެންމެވެސް ތިބެން ޖެހިފައި ވަނީ މާލޭގައެވެ. ގޭ ބަންދުގައެވެ.

މާލޭގައިވެސް އީދު ދުވަހުގެ އެންމެ ބޮޑު އުފަލަކީ އީދުނަމާދެވެ. އީދު ނަމާދަށް ދިޔުމަށްޓަކައި ދުރާލައި ތައްޔާރުވެއެވެ. އައު ހެދުމާއި އައު ފައިވާނާއި ބޫޓު ފަދަ ތަކެތި ހޯދައެވެ. އީދު ވިލޭރެއަކީ ވިޔަފާރިވެރިންނަށްވެސް އުފާވެރި ރެއަކަށް ވެފައިވެއެވެ. އެހެންނަމަވެސް ކޯވިޑް-19ގެ ބިރުވެރިކަމާއި އެކު އެންމެން ގޭގައި ތިބެންޖެހުމުން ހުރިހާކަމެއް ބަދަލުވީއެވެ.

މާލޭގެ ބައެއް ވިޔަފާރިވެރިން ބުނެފައިވާ ގޮތުގައި ހެދުން ވިއްކާ ފިހާރަތަކާއި ފައިވާން ވިއްކާ ފިހާރަތަކުގެ ވިޔަފާރިވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ. އޮންލައިންކޮށް ތަކެތި ވިއްކިޔަސް ގަންނާނެ މީހުންނެއް ނެތެވެ.

އާއިލާތަކުގެ މާލީ ހާލަތުދަށްވުމާއި އެކު އީދުހެދުން މިފަހަރުގަތް މީހުންގެ އަދަދު މަދެވެ. އަދި ފިހާރަތައް ނުހުޅުވާތީ އާއި އީދުގެ ޖަމާއަތްނެތުންވެސް އެއީ އެއް ސަބަބުކަން ބައެއް ވިޔަފާރިވެރިން ފާހަގަކުރުއެވެ.

އީދުގެ އެންމެ ބޮޑު އުފަލަކީ އީދު ނަމާދެވެ. ހެނދުނު ހެނދުނާ މާލޭގެ މަގުތައް ހަލަބޮލިވެގެން ދަނީ އީދު ނަމާދަށްދާ މީހުންނާއިގެންނެވެ. ފައިއިނދޭފުރައިން ފެށިގެން ބަލިއެނދުގައި އޮތް މީހަކު މެނުވީ ހަމަ އާއިލާގެ ހުރިހާއެންމެން އީދު ނަމާދަށް ދެއެވެ. އީދު ނަމާދު ނިމޭއިރަށް ކުޑަކުދިންނަށް އީދު ހަދިޔާ ބެހުމަށް ޖަމިއްޔާތަކުން ހަރަކާތްތެރިއެވެ.

ފުރަމާލޭގެ ތާރީޚަށް ބަލާއިރު، މުހައްމަދު ތަކުރުފާނު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކޮށް މާލައި އެމީހުންގެ ވެރިކަން ނެތިކޮށްލުމަށްފަހު މިވީ، 400 އަހަރުގެ ތެރޭގައި މުޅި މާލޭގައި މިގޮތަށް އީދުނަމާދުގެ ޖަމާއަތް ނުބޭއްވި ދިޔަ އީ ދުދުވަހެއް މިނޫނީ މާލޭގެ ރައްޔިތުން ދުށްކަމެއް އެނގޭކަށް ނެތެވެ. އިސްލާމީ މަރުކަޒުގައި މިއަދު އީދު ނަމާދުކޮށްފައި ވަނީ، އެމަރުކަޒުގައި ފުރަ ބަންދުވެގެން ތިބި އިސްލާމިކް މިނިސްޓްރީގެ މަދު މުވައްޒަފުންނެވެ.

އީދު ނަމާދަށް ފަހު، އާއިލާގެ އެހެންމީހުންގެ ގޭގެއަށް ޒިޔާރަތް ކުރުމަކީ މާލޭގައި ދިރިއުޅޭ އާއިލާތަކުގެ މެދުގައިވެސް ހިނގަމުން އައި އާދައެކެވެ. އަދި ޒުވާން ފުރައިގެ ކުދިންގެ ފެންޖެހުމާއި ކުލަޖެހުމުގެ މަޖާނެގުން، ފަތާ ޓްރެކާއި، އާޓިފިޝަލް ބީޗާއި ހުޅުމާލެ ބީޗުގައި އޮވެއެވެ.

މީގެ އިތުރުން އީދު ދުވަހުގެ މެންދުރަށް ކައްކާ ކާބޯތަކެތި އަވަށްޓެރިންނާއި ގާތްތިމާގެ މީހުންނަށް ބަހައެވެ. އެތައް ބަޔަކަށް ދައުވަތުދީ ބޮޑެތި ސުފުރާތައް ތައްޔާރުކޮށްލައެވެ.

އީދު ދުވަހުގެ ހަވީރު ވާއިރު، މާލެއިން ފެންނާނީ ދުއްވާއެއްޗެހީގެ އަޑުކެނޑި ހިމޭންވެފައި ވަނިކޮށެވެ. ބިރެއްނެތި ކުޑަކުދިންނާއި ތުއްތު ކުދިން މަގުމަތީގައި ކުޅެ އުޅޭނެއެވެ. އާއިލާތައް އެކުގައި ހިނގާލަން ނުކުމެ އުޅޭއިރު މާލޭގެ މާހައުލުން ފެންނާނީ އުފާވެރިކަމެވެ.

ކޮންމެ ފިޠުރު އީދަކާއި އެކު ދެން ފެންނަ އެންމެ ފޯރިގަދަ ކުޅިވަރަކީ ޒުވާނުންގެ މެދުގައި އޮންނަ ވާދަވެރި ބައިބަލާ ކުޅިވަރެވެ. އެއާއި އެކު ރޭގަނޑުގެ ސްޓޭޖް ޝޯވތަކަކީވެސް ޒުވާނުންގެ މެދުގައި މުހިއްމު ބައެކެވެ.

ކޯވިޑް-19 އާއި އެކު މިއަދު އެހުރިހާކަމެއް ބަދަލުވީ ގޭގެ ތެރެއަށެވެ. އީދު ނަމާދުކުރަން ޖެހުނީ އާއިލާ އާއި އެކު ގޭގައެވެ. އީދުގެ އުފާ އާއިލާގެ އެހެން މެމްބަރުންނާއި ހިއްސާކުރަން ޖެހުނީ، މުވާސަލާތީ ވަސީލަތްތަކުންނެވެ. އެންމެވެސް އިޖުތިމާއީ ގުޅުންތައް ބަދަހި ކުރަން ޖެހިފައި ވަނީ ވާޗުއަލް ދުނިޔެއެއްގައެވެ.

މީޑިއާތަކުންވެސް އީދު ފާހަގަކުރަމުން މިއަދު ގެންދަނީ ހަމައެކަނި ފޮޓޯތަކާއި ވީޑިއޯތަކުންނެވެ. ޒޫމް އާއި ސްކައިޕް ކޯލްތަކުންނެވެ. ފަންނާނުންވެސް އެމީހުންގެ ޝޯވތައް އާއްމުންނާއި ހަމަށް ގެނެސްދެނީ ގޭގައި ތިބެ ފޭސްބުކް ލައިވްތަކުންނެވެ.

ކޯވިޑް-19 އާއި އެކު ދުނިޔެ ބަދަލުވެއްޖެއެވެ. ކޮންމެ މީހަކުވެސް އެކަހެރި އެކަނިވެރި ދިރިއުޅުމެއް އުޅެން މިވަނީ މަޖުބޫރުވެފައެވެ. އަލުން އިހުގެ ދިރިއުޅުމަށް ރުޖޫއަވެވޭނެ ދުވަހެއް އޮތީ ނޭގުމެއްގެ ތެރޭގައެވެ. އެންމެންވެސް ތައްޔާރުވާން ޖެހިފައިވަނީ ނިއުނޯމަލް އަކަށެވެ. އީދުގެ އުފާ ހިއްސާކޮށްލުމަށް ކުރީ އަހަރުތަކުގެ މަޖަލާއި އުފާ އަލުން ހަނދާނަށް ގެނެސް އެފޮޓޯތައް ހިއްސާކޮށް އީދުތަހުނިޔާ ކިޔައި، ގިބަ ބަޔަކު ގޭގައި ތިބެގެން މިއަދު ދަނީ އީދުގެ އުފާފާޅު ކުރަމުންނެވެ.