ޚަބަރު

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކުރަމުންދިޔަ 11 މީހަކާމެދު ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފި


ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަމުންދިޔަ 11 މީހަކާމެދު ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލް ކްރިމިނަލް ކޯޓަށް ހުށައަޅުއްވައިފިއެވެ.

މިއީ މ.ބޮއިލިންގފިޝް، އަޙްމަދު ވިސާމް އިސްވެހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހު "އިރު އަލިމަސް" ކިޔާ ދޯންޏެއްގައި ދިވެހިރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި 11 މީހުންގެ މައްސަލައެވެ.

މިމީހުން އަތުލައިގަތީ މިދިޔަ މާޗްމަހުގެ 20ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މ.ބޮއިލިންގފިޝް، އަޙްމަދު ވިސާމާއި އިތުރު ބަޔަކު ގުޅިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭތީ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

މިމައްސަލާގައި ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ބަލައިދިޔަ ކަމަށް ތުހުމަތުކުރެވޭ އިރުއަލިމަސް ނަމަކަށްކިޔާ ދޯނި ބަލައި ފާސްކޮށް، މިއޮޕަރޭޝަނުގައި މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ގިނައަދަދެއްގެ ފައިސާވެސް ފުލުހުންވަނީ އަތުލައިގެންފައެވެ. މި 11 މީހުންގެ ތެރެއިން 7 މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި "އިރު އަލިމަސް" ދޯނީގައި ދަތުރު ކުރި މީހުން ކަމަށާއި، އަނެއް 4 މީހުން ހައްޔަރުރީ މާލެއިންކަމަސް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުން މަޢުލޫމާތުދެއްވާގޮތުގައި މިމައްސަލާގައި ފެނުނު މަސްތުވާތަކެތީގެތެރޭގައި 61 ކިލޯއަށްވުރެ ގިނަ ޑައަމޯފިން ނުވަތަ ހެރޮއިންކަމަށް ޝައްކުކުރެވޭ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މިމައްސަލާގައި ގިނަ ޢަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.