ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއާއި ޗައިނާ ގުޅިގެން މަސައްކަތްކުރުމަށާއި، އެމަސައްކަތް ކުރާނެ އޮނިގަނޑެއް ރޭވުމާ ބެހޭގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލޮޖޮންގް މަޝްވަރާކުރައްވައިފިއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފޮރިން މިނިސްޓަރާއި ޗައިނާ ސަފީރު ކުރެއްވި މަޝްވަރާތަކުގައި ދެޤައުމުގެ މެދުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ބެހޭގޮތުންނާއި، ޗައިނާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ކުރިއަށް ރޭވިފައިހުރި ބައެއް މަސައްކަތްތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ކޯވިޑް-19 އިން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން ބޭނުންވާކަން ޗައިނާ ސަފީރު ފާހަގަކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލްއާއި، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދާއި، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ.ޢަލީ ނަސީރު މުޙައްމަދާއި ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ސީނާގެ އިތުރުން ފޮރިން މިނިސްޓްރީއާއި ޗައިނާ އެމްބަސީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.