ޚަބަރު

ރާއްޖޭގެ 7 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރަން ހުއްދަ ދީފި


މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ 7 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިވަގުތު ރާއްޖޭގައި ފުރަބަންދުގެ ޙާލަތުގައި ހުރި ރަށްރަށާއި، މޮނީޓަރިންގެ ޙާލަތުގައި ހުރި ރަށްރަށާއި އެ ރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތައް ފިޔަވައި އެހެން ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރުން އެންމެ ރަނގަޅު ކަމުގައި ކުރިން ވިދާޅުވެފައިވީނަމަވެސް ރަށެއް، މޮނީޓަރިންގެ ޙާލަތުން ދޫކޮށްލާތާ 14 (ސާދަ) ދުވަސް ނުވާނަމަ، އެ ރަށެއްގެ މިސްކިތްތަކުގައިވެސް ޖަމާޢަތް ނުހެދުމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ލަފާދެއްވާފައިވާތީ، އެ ރަށްރަށުގެ މިސްކިތްތަކުގައިވެސް ޖަމާޢަތް ނުހެދުމަށް ނިންމަވާފައިވާކަމަށެވެ.

އެގޮތުން ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފައިވާ 7 ރަށަކީ، މިވަގުތު މޮނިޓަރިންގެ ޙާލަތުގައިވާ މާލެ ސިޓީއާއި ށ.ނަރުދޫއާއި މަނަދޫގެ އިތުރުން މޮނިޓަރިންގެ ހާލަތު އުވާލިފަހުން އަދި 14 ދުވަސްނުވާ 4 ރަށް ކަމަށްވާ ކ.ހިންމަފުއްޓާއި ކ ތުލުސްދޫއާއި ހއ.ތަކަންދޫގެ އިތުރުން ށ.މިލަންދޫއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތަތްތައް ނުހުޅުވާ ރަށްތަކާއި ރިސޯޓުތަކުގައި، ކުރިއެކޭވެސް އެއްގޮތަށް މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި " صلوفي بيوتكم " މިފަދައިން 2 ފަހަރު ގޮވުމަށް ދަންނަވާފައެވެ. އަދި މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ފަރުޟު ފަސް ނަމާދާއި، ސުންނަތް ނަމާދުތައް ބަރާބަރަށް އަދާކުރުމަށާއި، ކީރިތި ޤުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް އެ މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މިސްކިތުގެ ޖަމާޢަތް ހެދުމަށް ހުއްދަ ދީފައިވާ ރަށްތަކުގައި ކޮންމެ ނަމާދަގެއްގައިވެސް ޤުނޫތު ނާޒިލާ ކިޔުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.