ޚަބަރު

ވާހަކަ ލިޔުންތެރިޔާ އަންވަރު އިބްރާހިމްގެ އީދު ހަދިޔާއަކީ ތަހުނިޔާގެ ސަޅި ވައިބާ ސްޓިކާޕެކެއް


ކޯވިޑް ނަވާރައާއި ގުޅިގެން ޢީދު ފާހަގަކުރުން މިއަހަރުވަނީ ވަރަށް ބޮޑަށް ފަނޑުވެފައެވެ. އެހެންނަމަވެސް ލޮކްޑައުންގެ ސަބަބުން ޢީދުގެ ފާހަގަކުރުމުގެ ފޯރި މިއަހަރު ފަނޑުވެފައިވީ ނަމަވެސް ފިތުރު ޢީދުގެ ތަހުނިޔާ ޢާއިލާ އާއި ރަޙުމަތްތެރިންނަށް ދިވެހިވަންތަ ގޮތަކަށް ފޮނުވާލުން ކިހިނެތްވާނެތޯ؟

ފުރަބަންދުގެ ތެރޭގައި ކޯވިޑް ނަވާރަ އާއި ގުޅޭގޮތުން ކުޑަކުދިންނާއި ބޮޑެތި މީހުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން މިއަހަރުގެ ފިތުރު ޢީދުގެ ތަހުނިޔާ ދިވެހިވަންތަ ގޮތަކަށް ފޮނުވާލެވޭނެ ވައިބާ ސްޓިކާތަކެއް މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި މަޤުބޫލު ދިވެހި މުދައްރިސް އަންވަރު އިބުރާހިމް ވަނީ ތައްޔާރުކުރައްވާފައެވެ. މިއަހަރުގެ ފިތުރު ޢީދުގެ ޚާއްސަ ވައިބާ ސްޓީކާ ތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރާ އަންވަރު އިބްރާހިމް ވިދާޅުވީ މިގޮތަށް ސްޓިކާ ހެދުމަށް ޚިޔާލު އައީ ޢާއިލާތެރޭގައި ސްޓިކަރޕެކެއް ހަދާފައި ކުއްޖަކު ވައިބާ ގުރޫޕަކަށް ލީ ހިސާބުންކަމަށެވެ.

" އެހިސާބުން ޝައުގުވެރިވެއްޖެ ސްޓިކަރޕެކެއް ހަދާން. ދެން ހިތަށް އެރީ ޢީދު ސްޓިކަރތަކެއް ދިވެހިބަހުން ތާނައަކުރުން ހަދާން. އެއީ ގިނަބަޔަކަށް ބޭނުން ކުރެވޭ އެއްޗަކަށް ވެދާނެ. އެހެންވެ މަސައްކަތް ފެށީ." އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ ސްޓިކާޕެކް ފަރުމާކޮށް ތައްޔާރުކުރެއްވީ އަމިއްލައަށްކަމަށެވެ. އެކަމުގައި އިތުރު މީހެއްގެ އެހީ ނުހޯދިނަމަވެސް ވައިބާއަށް ސްޓިކާ ލުމުގެ ކަންކަން އޮންނަ ގޮތެއް ނޭނގޭތީ އެކަމުގައި ކޮއްކޮއެއްގެ އެހީތެރިކަން ހޯދިކަމަށެވެ. ކޮއްކޮގެ އެހީއާއި އިންޓަނެޓުން އިތުރު މައުލޫމާތު ސާފުކޮށްގެން މިހާރުވަނީ 22 ސްޓިކަރގެ ސްޓިކަރޕެކެއް ވައިބަރ މެދުވެރިކޮށް ފޮނުވޭނެ ގޮތް ހަމަޖައްސާފައެވެ. މިމަސައްކަތް ނިންމާލީ ގާތްގަނޑަކަށް 3 ދުވަހުގެތެރޭގައިކަމަށް އަންވަރު ވިދާޅުވެއެވެ.

މިއަހަރުގެ ފިތުރުޢީދަށް ތައްޔާރުކުރި ވައިބަރ ސްޓިކަރޕެކް

"ސްޓިކަރ ހެދުމުގައި ވިސްނީ ޢީދު ތަހުނިޔާ ކިއިދާނެ ގޮތްތަކަކަށް. އިސްލާމީ ވަންތަކަމާއި ދިވެހިވަންތަކަން ވެސް ފެންނާނެ ގޮތަކަށް ސްޓިކަރތައް ހެދުމަށް. އެހެންވީމާ ބައެއް ސްޓިކަރތަކުގައި ތާނައިން ލިޔެފައި ހުރިނަމަވެސް ޢަރަބި އަކުރުގެ ބައްޓަން ސިފަވާނެ ގޮތަކަށް ފަރުމާ ކޮށްފައިވާނެ. އެކަން ކުރީ އެންމެ ފުރަތަމަ އަރަބި ލިޔާ ގަލަމަކުން ކަރުދާހުގައި ލިޔުމަށްފަހު، ދެން ފޮޓޯއެއް ނަގައި ކޮމްޕިއުޓަރަށް ގެންގޮސް، ފަރުމާކުރީ." އަންވަރު ވިދާޅުވިއެވެ.

ކަރުދާސްގަނޑެއްގައި ފުރަތަމަ އަތުން އެކި ޑިޒައިންތަކަށް އަކުރުތައް އެޅުމަށްފަހު ކޮމްޕިއުޓަރުން އިތުރަށް ފުރިހަމަކަމެއް ގެންނަކަމަށް އަންވަރު ވިދާޅުވިއެވެ. ޢާއްމުގޮތެއްގައި މިފަދަގޮތަކަށް އެކި މުނާސަބަތުތަކަށް ތަހުނިޔާގެ މެސެޖުތައް ފަރުމާކޮށް ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމުތަކަށް މީގެކުރިންވެސްވަނީ ހިއްސާކުރައްވާފައެވެ.

ދިވެހި ބަހަށް ކުދިން އަހުލުވެރިކުރުވުމާއި ބަހަށް އެކި ގޮތްގޮތުން ގިނަ ޚިދުމަތްތަކެއް ކުރައްވަމުންގެންދަވާ އެމްއެންޔޫގެ ލެކްޗަރާ އަންވަރު އިބްރާހީމް ދެކިވަޑާއިގަންނަވާ ގޮތުގައި އެކި މުނާސަބާތައް ފާހަގަކުރާއިރު އަމިއްލަ ބަހާއި އަކުރު ދޫކޮށް ނުލައި އަމިއްލަ މާދަރީ ބަހުން ތަހުނިޔާ ކިޔުމަކީ ކުރެވިދާނެ ކަމެއްކަމަށެވެ. އެހެން ބަސް ބަހުން ގިނަ ފަރުމާތަކަށް މެސެޖުތައް ލިޔެ އާއްމު ކުރާއިރު ދިވެހި ބަހުން ވެސް އެކަން ކުރެވިދާނެކަމަށާއި އެއީ ބަހަށް ކުރެވޭ ޚިދުމަތެއްގެ ގޮތުގައި އަންވަރު ދެކިލައްވައެވެ.

ވައިބާ ސްޓިކާތައް ހަދައި އާއްމުންނަށް ދޫކޮށްލާ ވަރަށް ގިނަ ޒުވާނުން މިއަދު ކުރަމުން އަންނަ ކަމެކެވެ. އެކި ކުންފުނިތަކުންވެސް އީދާއި އެކި އެކި އެހެން މުނާސަބާތަކަށް ޚާއްސަ ވައިބާ ސްޓީކާތައް ތަޢާރަފް ކުރެއެވެ. އެހެން ނަމަވެސް ވާހަކަލިޔުމާއި ބަހުސްކުރުމާއި އަދަބީ ފަންނުތަކުގައި އެންމެ ކުރީގައި ހުންނެވި އަންވަރު އިބުރާހިމްގެ މިހަދިޔާއަކީވެސް ތަފާތު ހަދިޔާއެކެވެ.