މިއީ މިއަދު ދުނިޔޭގައި ހިނގި ކަންކަމުގެ ތެރެއިން ފާހަގަކުރެވުނު ބައެއް ޙާދިސާތަކެވެ.
ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީކަމަށްވާ ކަރާޗީއަށް މަތިންދާބޯޓެއް ވެއްޓި މަދުވެގެން 41 މީހުން މަރުވެފައިވާކަމަށް ޕާކިސްތާނު އިންޓަނޭޝަނަލް އެއަރލައިންސްގެ ޗީފު އެގްޒެކަޓިވް އަރުޝަދު މާލިކު ވިދާޅުވެއްޖެއެވެ. 99 މީހުންނާއެކު ދަތުރުކުރި އެއަރބަސް އޭ320 މަރުކައިގެ މަތިންދާބޯޓު ވެއްޓިފައިވަނީ ކަރާޗީގެ މީހުން ދިރިއުޅޭ ސަރަޙައްދަކަށެވެ. ލާހޫރުން ކަރާޗީއަށް ދަތުރުކުރި މަތިންދާބޯޓު ވެއްޓުނީ އޭގެ ދެ އިންޖީނުވެސް ހުއްޓިގެންކަމަށް ބެލެވެއެވެ. އޭރު މަތިންދާބޯޓު ދަތުރުކުރީ ކަރާޗީގެ ޖިނާޙް އިންޓަނޭޝަނަލް އެއަރޕޯޓާ ވަރަށް ކައިރިންނެވެ.
ތޫފާން އަންޕަންގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އިންޑިޔާގެ ވެސްޓު ބެންގޯލް ސްޓޭޓަށް ކުއްލި އެހީގެ ގޮތުގައި 312 މިލިއަން އެމެރިކާ ޑޮލަރު ދެއްވާނެކަމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަޢުދުވެވަޑައިގެންފިއެވެ. ބޭ އޮފް ބެންގޯލުގައި އުފެދުނު ތޫފާނުގެ ސަބަބުން އިންޑިޔާއާއި ބަންގްލަދޭޝުން 96 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރެއިން 80 މީހުން މަރުވީ ވެސްޓު ބެންގޯލް ސްޓޭޓުންނެވެ. ތޫފާނުގެ އަސަރުވަނީ އިންޑިޔާގެ އެހެން ސަރަޙައްދުތަކަށްވެސް ކޮށްފައެވެ. އެ ސަރަޙައްދަށް ޒިޔާރަތްކުރެއްވުމަށްފަހު މޯދީ ވިދާޅުވީ ތޫފާނުން ލިބޭނެ ގެއްލުން ކުޑަކުރެއްވުމަށް ވަރަށް މަސައްކަތްކުރެއްވިކަމަށާއި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމުން ހިތާމަކުރައްވާކަމަށެވެ. ތޫފާނުގެ ސަބަބުން ބޮޑެތި ސަރަހައްދުތަކުގައި ފެންބޮޑުވެ، ގެދޮރަށް ގެއްލުންވެ، ގަސް ވެއްޓި އަދި ކަރަންޓު ކެނޑިފައިވެއެވެ. ބަންގްލަދޭޝުން ބުނެފައިވަނީ ތޫފާނުގެ ސަބަބުން އެ ޤައުމަށް 130 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަމަށެވެ.
14 ދުވަހުގެ މުއްދަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު މުޙުޔިއްދީން ޔާސީން ކަރަންޓީނުކުރުމަށް ނިންމައިފިއެވެ. މެލޭޝިޔާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޙުޔިއްދީން ޔާސީންއާއެކު ބައްދަލުވުމެއްގައި ބައިވެރި މީހަކަށް ކޯވިޑް-19 ޖެހިފައިވާކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ބައްދަލުވުމުގައި ބައިވެރި އެންމެން ކަރަންޓީނުކުރަން ނިންމާފައިވާކަމަށެވެ. ބޮޑުވަޒީރު ޔާސީންގެ ސާންޕަލް ނެގުމަށްފަހު ކުރި ތަހުލީލުތަކުން އޭނާއަށް ކޯވިޑް-19 ނުޖެހޭކަންވަނީ ޔަޤީންކުރެވިފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން 14 ދުވަހުގެ މުއްދަތަކަށް އޭނާ ހުންނަވާނީ އަމިއްލަ ގޭގައި ކަރަންޓީނުކޮށްފައެވެ.
ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝުޤުޖީގެ ޤާތިލުންނަށް އޭނާގެ ވާރިޘުން މަޢާފުކޮށްފިއެވެ. އެއާއެކު ޚާޝުޤުޖީ މަރާލުމުގައި ބައިވެރިވި 5 މީހުންނަށް މަރުގެ ޢަދަބެއް ނުދޭނެއެވެ. ޚާޝުޤުޖީ އެންމެ ފަހުން ފެނިފައިވަނީ 2018ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 28ވަނަ ދުވަހު ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސުލޭޓަށް ވަންނަނިކޮށެވެ. ބެލެވޭ ގޮތުގައި އޭނާ ޤަތުލުކޮށްފައިވަނީ ކޮންސުލޭޓުގެ އެތެރޭގައެވެ. އަދި އޭނާގެ ހަށިގަނޑުގެ ބައިތައް ބޭރަށް ނެރެފައިވަނީ ކުނި ކޮތަޅުތަކެއްގައެވެ. އޭނާގެ މަރުގެ ސަބަބުން ސަޢުދީ ޢަރަބިއްޔާއާއި ހުޅަނގުގެ ޤައުމުތަކާ ދެމެދު އޮންނަ ގުޅުމަށްވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފައެވެ.
އިސްރާއީލަކީ ނައްތާލަންޖެހޭ ޓިއުމަރެއްކަމަށާއި ފަލަސްޠީނުގެ ހަނގުރާމަވެރިންނަށް އީރާނުން ހަތިޔާރު ފޯރުކޮށްދޭނެކަމަށް އެ ޤައުމުގެ އެންމެ އިސްވެރިޔާ އާޔަތުއްﷲ ޢަލީ ޚާމަނާއީ ވިދާޅުވުމުން އެމެރިކާއާއި ވިލާތުގެ އިއްތިޙާދާއި އިސްރާއީލުން ނުރުހުންފާޅުކޮށްފިއެވެ. ފަލަސްޠީނާއި ލުބުނާނުގައި ޙަރަކާތްތެރިވާ އިސްރާއީލާ ދެކޮޅު ހަނގުރާމަވެރި ޖަމާޢަތްތަކަށް އީރާނުންދަނީ މާލީގޮތުންނާއި އަސްކަރީގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޚާމަނާއީ ވިދާޅުވި ގޮތުގައި ފަލަސްޠީނުގެ ހަނގުރާމަވެރިންނަށް މަދުވަނީ ހަތިޔާރުކަމަށާއި އީރާނުގެ ރޭވުންތެރިކަމާއި އެހީތެރިކަމާއެކު މިހާރު ޢައްޒާގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންނަށް އިސްރާއީލާ ދެކޮޅަށް ތެދުވެވޭނެކަމަށާއި ޔަހޫދީ ޒަޔޮނިސްޓުން ބަލިކުރެވޭނެކަމަށެވެ. މިއީ ފަލަސްޠީނުގެ ހަނގުރާމަވެރިންނަށް އީރާނުން ހަތިޔާރު ދޭކަމަށް ޚާމަނާއީ ފާޅުގައި އިޢުތިރާފުވެވަޑައިގަތް ފުރަތަމަ ފަހަރެވެ.