ޚަބަރު

ފިޠުރު ޢީދުދުވަހަކީ އާދީއްތަ ދުވަސް


މިއަހަރުގެ ޝައްވާލްމަހުގެ ފުރަތަމަ ދުވަހަކީ ނުވަތަ ފިޠުރު ޢީދުދުވަހަކީ މި ހިނގާ މޭމަހުގެ 24 ވާ އާދީއްތަދުވަސްކަމަށް އިސްލާމިކް މިނިސްޓްރަރު ކަނޑައަޅުއްވައިފިއެވެ.

ޝައްވާލުމަހުގެ ހަނދާބެހޭގޮތުން ގޮތެއް ކަނޑައެޅުއްވުމަށް މިރޭ ބޭއްވި ޖަލްސާއަށްފަހު އިސްލާމިކް މިނިސްޓަރ ވަނީ މިކަން ހާމަކުރައްވާފައެވެ. އެގޮތުން މިއަހަރުގެ ރަމަޟާންމަހުގެ 29، ނުވަތަ 2020 ވަނަ އަހަރުގެ މޭމަހުގެ 22 ވާ ހުކުރުދުވަހުގެ އިރުއޮއްސޭއިރު ދިވެހިރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1441 ވަނަ އަހަރުގެ ޝައްވާލްމަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރުހުރި ފަލަކީހިސާބުން ކަށަވަރުވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަދި މިއަދުގެ އިރުއޮއްސުމަށްފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ފެނިފައިނުވާކަަމަށާ، އިސްލާމީ އެއްވެސް ގައުމަކަށްވެސް މިއަހަރުގެ ޝައްވާލްމަހުގެ ހަނދުފެނުނުކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިފައިނުވާކަމަށްވެސް މިނިސްޓަރވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގައި ރަމަޟާންމަހާއި ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމުގައި އަމަލުކުރާ އުސޫލުގެދަށުން މާދަމާއަކީ ރަމަޟާންމަހުގެ 30 ކަމަށް ކަނޑައަޅާކަމަށް އިސްލާމިކް މިނިސްޓަރ ވަނީ އެކަން ހާމަކުރައްވާފައެވެ. އެހެންކަމުން 1441 ވަނަ އަހަރުގެ ޝައްވާލްމަހުގެ ފުރަތަމަ ދުވަހަކީ ނުވަތަ ފިޠުރު ޢީދުދުވަހަކީ މި ހިނގާ މޭމަހުގެ 24ވާ އާދީއްތަދުވަހެވެ.