ޚަބަރު

ހަތަރު މަހުގެ ތުއްތު ކުއްޖާ ނިޔާވި ހާދިސާގެ ތަފްޞީލް ރިވިޔުއެއް ހަދަން ފަށައިފި


އޭޑިކޭގައި އިއްޔެ ފަރުވާދެމުންދަނިކޮށް 4 މަހުގެ ތުއްތު ކުއްޖަކު ނިޔާވި ހާދިސާއާ ގުޅިގެން އެހޮސްޕިޓަލުގައި ކަނޑައަޅާފައިވާ އެސްއޯޕީތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަފްޞީލް ރިވިޔުއެއް ހަދަން ފަށާފައިވާ ކަމުގައި އޭޑިކޭއިން ވިދާޅުވެޖެއެވެ.

ޢުމުރުން 4 މަހުގެ ތުއްތު ކުއްޖަކު ނިޔާވުމާގުޅިގެން ފެތެރެމުންދާ ޚަބަރުތަކާ ގުޅިގެން އޭޑީކޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ މި ތުއްތުކުއްޖާ ހޮސްޕިޓަލުގެ އެމަރޖެންސީއަށް ގެންދިއުމާއެކު އެމަރޖެންސީ ޑޮކްޓަރުން، ސްޕެޝަލިސްޓުންގެ ލަފަޔާއެކު ކުއްޖާގެ ފަރުވާ ކުރިޔަށް ގެންދަވާފައިވާކަމަށެވެ. އަދި ކުއްޖާގެ ބަލި ދެނެގަތުމަށް ޓަކައި އަލްޓްރާސައުންޑާއި ސީޓީ ސްކޭންވެސް ހަދާފައިވާކަމަށާ، ކުއްޖާގެ ޙާލަތު ބަދަލުވުމާ ގުޅިގެން ފުރާނަ ސަލާމަތް ކުރުމަށްޓަކައި، އެމަރޖެންސީ ފިޒިޝަނާކީ، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންނާއި އޮޕަރޭޝަން ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން ފަރުވާދެއްވާފައިވާކަމަށެވެ. ނަމަވެސް، އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭގޮތް ވަނީ ނުވެފައިކަމަށްވެސް އޭޑީކޭއިން ވަނީ ވިދާޅުވެފައެވެ.

މިހިތާމަވެރި ހާދިސާއާ ގުޅިގެން، ކަން ހިނގައިދިޔަގޮތުގެ މަޢުލޫމާތު ޢާއިލާއާ ޙިއްސާކޮށްފައި ވާނެކަމަށާ، މިފަދަ ޙަލަތެއް ދިމާވެއްޖެ ނަމަ ޢަމަލުކުރަން މި ހޮސްޕިޓަލުގައި ކަނޑައަޅާފައިވާ އެސްއޯޕީ ތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަފްޞީލް ރިވިޔު އެއް ހަދަން ފަށާފައިވާކަމަށެވެ. އަދި މި ރިވިޔު ނިމުމުން އެމަޢުލޫމާތު ޢާއިލާއާ ޙިއްޞާކުރާނެ ކަމުގައިވެސް އޭޑީކޭއިން ވިދާޅުވެއެވެ.

މި ހިތްދަތި ދަނޑިވަޅުގައި، ތުއްތުކުއްޖާގެ ޢާއިލާ އަށް ކެތްތެރިކަން ދެއްވާ މަރްޙޫމް ގެ ފުރާނަށް ސުވަރުގޭ މަތިވެރި ނިޢުމަތް ދެއްވުން އެދި މާތްﷲއަށް ދުޢާކޮށް، ހޮސްޕިޓަލުގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ފަރާތުން އާޢިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމުގައި މިބަޔާނުގައިވެއެވެ.