ޚަބަރު

"ޝުޢާއުމީދު"ގެ ދިވެހި ތަރުޖަމާ ނެރެފި


އަދަބީ ދާއިރާގައި ދުނިޔެއަށް ނަންމަޝްހޫރު ޑރ. އައްލާމާ އިޤްބާލުގެ ޅެން "ޝުޢާއުމީދު"ގެ ދިވެހި ތަރުޖަމާ ނެރެފިއެވެ.މިޅެން ދިވެހި ބަހަށް ތަރުޖަމާކޮށް ދަރިވަރުންނަށް އުނގެނެން ފަސޭހަވާނެހެން ލިޔެފައިވަނީ މަޝްހޫރު ލިއުންތެރިޔާ އަޝްރަފް އަބްދުއްރަހީމެވެ. ޤައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި އޮތް ޚާއްސަ ހަފްލާއެއްގައި މިފޮތް ނެރެދެއްވީ ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ލަތީފެވެ.މިޅެމުގެ ތަރުޖަމާ އެކުލަވާލުމުގެ ޚިޔާލު އުފެދުނު ގޮތަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ޅެންވެރިންގެ ދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ބޭރުގެ މަޝްހޫރު ޅެންވެރިންގެ ޅެންތަކުން ދައްކުވައިދޭ ތަސްވީރު ދިވެހިބަހުން ގެންނެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ދެއްކެވި ވާހަކަފުޅު ކަމަށް އަޝްރަފް އަބްދުއްރަހީމް ވިދާޅުވިއެވެ.އަޝްރަފްގެ މިފޮތުގައި އެޅެމުގެ ތަރުޖަމާގެ އިތުރުން ޝަރަހައާއި، ޅެމުގައި ހިމެނޭ ބައެއް އުނދަގޫ ބަސްބަހުގެ މާނަ، އަދި އައްލާމާ އިޤްބާލުގެ "ޝުޢާޢުމީދު" ޅޭމާ ގުޅިގެން ރާއްޖޭގެ ބައެއް އަދީބުންގެ ބަސްވެސް ހިމަނާފައިވެއެވެ. އަދި މި ފޮތް އެކުލަވާލާފައިވަނީ ބަހުގެ ޢިލްމް އުނގެނޭ ދަރިވަރުންނަށް އުނގެނެން ފަސޭހަވާނެގޮތަށް ކަމަށް އަޝްރަފް ވިދާޅުވިއެވެ. ފޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަޝްރަފް ވަނީ އައްލާމާ އިޤްބާލުގެ "ޝުޢާއުމީދު" މިޅެމުގެ ބައިތުތައް އަތުރާލާފައިވާލެއް ފުރިހަމަކަމުގެ މައްޗަށް އަލިއަޅުއްވާލާ ވާހަކަދައްކަވާފައެވެ. އަޝްރަފް ވިދާޅުވީ އައްލާމާ އިޤްބާލުގެ އިތުރު ޅެންތަކެއްވެސް ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. "ޝޫޢާއުމީދު"ގެ ދިވެހިތަރުޖަމާ ފޮތް ނެރެދެއްވުމަށްފަހު ވާހަކަދައްކަވަމުން ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ލަތީފް ވިދާޅުވީ މިފަދަ އަދަބީ މަސައްކަތްތަކަކީ ވަރަށްބޮޑަށް ބޭނުންޖެހިފައިވާ މަސައްކަތްތަކެއްކަމަށެވެ. އަދި އަދަބިއްޔާތާ ގުޅުންހުރި ޅެންވެރިކަން ފަދަ މަސައްކަތް ކުރުމުގައި ވިސްނާ ފިކުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ޑރ. ލަތީފް އަލިއަޅުއްވާލެއްވިއެވެ.އިންޑިއާއަށް އުފަން މަޝްހޫރު ޅެންވެރިޔާ އަދި ލިއުންތެރިޔާ އަދި 1900 ގެ ކުރީކޮޅު އެޤައުމުގެ ސިޔާސީ ދާއިރާގައިވެސް މަޝްހޫރު އައްލާމާ އިޤްބާލް އަކީ މަޖާޒީ ޅެންތައް ހެއްދެވުމުގައި ފާހަގަކޮށްލެވުނު ބޭފުޅެކެވެ. މިފޮތް ނެރުމުގެ ރަސްމިއްޔާތުގައި އަދަބީދާއިރާގައި މަޝްހޫރު ގިނައަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.