ޚަބަރު

އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރާ ޤައުމުތަކަށް އީރާނުން ވާގިވެރިވަނީ


އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރާ ކޮންމެ ފަރާތަކަށް އީރާނުން ވާގިވެރިވާނެކަމަށް އެޤައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

ޚާމަނާއީގެ ރަސްމީ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަޔަނިސްޓުންނާ ދެކޮޅަށް މަސައްކަތްކުރާ ކޮންމެ ޤައުމަކާއި ޖަމްޢިއްޔާއަކަށްވެސް އީރާނުން ވާގިވެރިވާނެކަމަށާއި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފަސްނުޖެހޭނެކަމަށެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އިސްރާއީލުގެ އެންމެ ބޮޑު ހަތުރަކީ އީރާނެވެ. ރަޝިޔާގެ އިތުރުން އީރާނަކީ ސޫރިޔާގައި ކުރަމުންދާ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ވާގިވެރިވާ މައި ޤައުމެކެވެ. އެ ދެ ޤައުމުންވެސް ސޫރިޔާއަށް އަސްކަރީ މުޝީރުންނާއި ހަތިޔާރާއި ސިފައިންވަނީ ފޮނުވާފައެވެ.
އިސްރާއީލުންވަނީ ސޫރިޔާއަށް އެތައް ސަތޭކަ ޑްރޯން ޙަމަލާއެއް ދީފައެވެ.

ޚާމަނާއީ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ އީރާނާއި އިސްރާއީލާ ދެމެދު އޮންނަ ދެކޮޅުވެރިކަމަކީ ޔަހޫދީންނާމެދު އޮންނަ ނަފްރަތެއް ނޫންކަމަށާއި އެއީ ތަފާތު ދެ ކަމެއްކަމަށެވެ. އިސްރާއީލުގެ ސަރުކާރު ނައްތާލުމަކީ ޔަހޫދީން ނައްތާލުން ނޫންކަމަށާއި ޔަހޫދީންނާމެދު ރުޅިވެރިކަމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އިސްރާއީލު ނައްތާލުމުގެ މާނައަކީ މުސްލިމުންނާއި ނަޞާރާއިންނާއި ޔަހޫދީން އެބައެއްގެ އަމިއްލަ ސަރުކާރެއް ކަނޑައެޅުންކަމަށާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫފަދަ ޟާލިމުން ބޭރުކުރުންކަމަށް އޭނާ ވިދާޅުވިއެވެ.