ޚަބަރު

އަވަސް މުސްތަޤުބަލެއްގައި ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް ތައްޔާރު ކުރެވޭނެކަމަކަށް ނުބެލެވޭ


ކޯވިޑް-19 ފެތުރުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގައި އެ ބައްޔާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް އަވަސް މުސްތަޤުބަލެއްގައި ތައްޔާރު ކުރެވިދާނެކަމަށް ބަލައިގެން ނުވާނެކަމަށް އެމެރިކާގެ މަޝްހޫރު ސައިންސުވެރިޔާ ވިލިއަމް ހެސެލްޓައިން ވިދާޅުވެއްޖެއެވެ. އޭނާއަކީ ކެންސަރާއި އެއިޑްސްފަދަ ބަލިތަކުގެ އިތުރުން އިންސާނުންގެ ހަށިގަނޑުގައި ހުންނަ ވިރާސީ ބައިތަކާގުޅޭ ދިރާސާތައް ކުރުމުގައި އިސްކޮށް އުޅުއްވާ ސައިންސުވެރިއެކެވެ.

ކޯވިޑް-19އާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ބަލިފެތުރޭ މިންވަރު އިތުރުވިޔަނުދިނުމަށް ކުރެވޭނެ އެންމެ މުހިންމު އަދި ބޭނުންތެރި މަސައްކަތަކީ ބަލިޖެހިފައިވާ މީހުން ދެނެގަނެ އެމީހުން އެކަހެރިކުރުންކަމަށެވެ. ޗައިނާއާއި ދެކުނު ކޮރެޔާއާއި ޓައިވާނަކީ އެންމެ ކާމިޔާބުކަމާއެކު އެ އުކުޅުތައް ބޭނުންކޮށްފައިވާ ޤައުމުތަކުގެ ގޮތުގައި ފާހަގަކުރައްވާ ހެސެލްޓައިން ވިދާޅުވީ އެދެވޭ ފިޔަވަޅުތައް އެޅުމުގައި އެންމެ ފަރުވާކުޑަކޮށްފައިވަނީ އެމެރިކާއާއި ރަޝިޔާއާއި ބްރެޒިލްކަމަށެވެ.

ހެސެލްޓައިން ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރުމުގެ ފުރުޞަތު އޮތްނަމަވެސް އަވަސް މުސްތަޤުބަލެއްގައި ވެކްސިނެއް ތައްޔާރު ކުރެވިދާނެކަމަށް ނުބެލެވޭކަމަށެވެ. އޭނާ ވިދާޅުވީ ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަހުގެ އެހެން ބާވަތްތަކާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ވެކްސިންތަކުން އިންސާނުންގެ ނޭފަތުގައި ހުންނަ މިއުކަސް މެމްބްރޭން ވައިރަހުން ރައްކާތެރިކޮށްދޭން ނުކުޅެދިފައިވާކަމަށެވެ. ބައްޔަށް ދެވޭނެ ފަރުވާއެއް ނެތުމާއި ވެކްސިނެއް ނެތުމުން ބަލިފެތުރޭ މިންވަރު ދަށްކުރެވޭނެ ހަމައެކަނި ގޮތަކީ ބަލިޖެހިފައިވާ މީހުން ދެނެގަނެ އެމީހުން އެކަހެރިކުރުންކަމަށް އޭނާ ވިދާޅުވިއެވެ. މާސްކު ބޭނުންކުރުމާއި ގިނައިން އަތްދޮވުމާއި ޢާންމުކޮށް އަތްލާ ފަށަލަތައް އަވަހަށް ސާފުކުރުމާއި ގައިދުރުކަން ބެހެއްޓުމަށް އޭނާ ބާރުއެޅުއްވިއެވެ.

ކޯވިޑް-19އާ ދެކޮޅަށް ތައްޔާރުކުރަމުންދާ ބައެއް ވެކްސިންތައްދަނީ ޖަނަވާރު ބޭނުންކޮށްގެން ތަހުލީލުކުރަމުންނެވެ. އެ ތަހުލީލުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ފުއްޕާމޭފަދަ ގުނަވަންތަކަށް ވައިރަސް ޙަމަލާދޭ މިންވަރު ވެކްސިންގެ ސަބަބުން ކުޑަވެއެވެ. ނަމަވެސް ހަށިގަނޑުން ބަލީގެ އަސަރު އެއްކޮށް ނައްތާލުމުގައި ކާމިޔާބުވެފައެއް ނުވެއެވެ.

ކޯވިޑް-19 ޖެހުމުން ދެވޭ ފަރުވާއެއްގެ ގޮތުގައި ކުރިން ބަލިޖެހި ރަނގަޅުވެފައިވާ މީހުންގެ ހަށިގަނޑުގައި ހުންނަ ޕްލަސްމާ ބަލިޖެހިފައިވާ އެހެން މީހުންގެ ހަށިގަނޑަށް އަޅައެވެ. ބަލިން ރަނގަޅުވެފައިވާ މީހުންގެ ޕްލާސްމާގައި ހަށިގަނޑުން ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުން އުފެދޭ އެންޓިބޮޑީ ގިނަ ޢަދަދަކަށް ހުރެއެވެ. ސައިންސުވެރިންދަނީ އެންޓިބޮޑީތައް ނަކަލުކޮށް އެއާ އެއްގޮތް ބޭހެއް ތައްޔާރުކުރެވޭތޯ މަސައްކަތްކުރަމުންނެވެ. ހެސެލްޓައިން ވިދާޅުވާ ގޮތުގައި ބައްޔާ ދެކޮޅަށް ކާމިޔާބުވާނެކަމަށް ބެލެވެނީ އެގޮތަށް ދެވޭ ފަރުވާއެއްކަމަށާއި އިންސާނާގެ ހަށިގަނޑަށް ވައިރަސް ވަނަނުދޭ މޮނޯކްލޯނަލް އެންޓިބޮޑީއާމެދު ކުރެވޭ އުންމީދު ބޮޑުކަމަށެވެ.