ޚަބަރު

ނިއު ނޯމަލްގައި ކޮލެޖްތައް ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި


ފުރަބަންދަށްފަހު އައު އާންމު ހާލަތުގައި އަމިއްލަ ކޮލެޖްތަކުގައި ކިޔެވުން ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ކޯވިޑް-19ގެ ސަބަބުން ކޮލެޖްތަކުގެ ކިޔަވާދިނުމަށް ގެންނަމުންދާ ބަދަލުތައް ޙިއްސާ ކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގައެވެ. އޮންލައިންކޮށް ބޭއްވެވި މިބައްދަލުވުންތައް ބާއްވަވާފައިވަނީ ކުދި ގްރޫޕްތަކަކަށް ބަހާލައިގެންނެވެ.

މިބައްދަލުވުންތަކުގައި ކޯވިޑްގެ މިޙާލަތާއިއެކު ކޮލެޖްތަކުން ކިޔަވާދިނުމަށް ގެނައި ބަދަލުތަކާއި އެބަދަލުތައް ގެނައުމަށްޓަކައި ވެވުނު ތައްޔާރީތަކުގެ މައްޗަށް ވާހަކަދައްކައި ވަނީ ޚިޔާލު ބަދަލުކޮށްފައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކުރިޔަށް މިއޮތް ދުވަސްތަކުގައި ފުރަބަންދުގެ ޙާލަތުބަދަލުވެ އައު އާންމު ހާލަތުގައި ކޮލެޖްގެ ޙަރަކާތްތަކާއި ކިޔަވާދިނުން ކުރިޔަށް ގެންދިއުމަށްޓަކައި ކޮލެޖްތަކުން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ އާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާ ކޮށްފައިވާކަމަށެވެ.

މި ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ޙަސަން ވަނީ އޮންލައިންކޮށް ކިޔަވައިދިނުމަށް ފަށާފައިވުމާއެކު ކިޔަވައި ދިނުމާއި، ކިޔަވައި ދިނުމާއި ގުޅުންހުރި އެންމެހާ ކަންތައްތަކުގެ ފެންވަރު ކަށަވަރުކުރުމަށް (ކޮލިޓީ އެޝުއަރެންސް) މަސައްކަތް ކުރެއްވުމަށާއި ފެންވަރު ހިފެހެއްޓޭކަން ކަށަވަރު ކުރެއްވުމަށް ކޮލެޖެތަކުން ކުރައްވާ ކަންތައްތަކާއި ގުޅޭގޮތުން ސުވާލު ކުރައްވައި އެކަމާގުޅޭ ތަފްސީލް ހޯއްދަވާފައެވެ. އަދި އެކަންކަން ކަށަވަރު ކުރައްވަމުން ކުރިޔަށް ގެންދިއުމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުންތަކުގެ ތެރޭގައި ކޮލެޖު ތަކުގެ ވެރިން ވަނީ ކޮލެޖްތަކަށް މިވަގުތު ހުރި ގޮންޖެހުންތައް މިނިސްޓަރަށް ހުށަހަޅުއްވާފައެވެ. މި ސިލްސިލާ ބައްދަލުވުންތަކަކީ، އާ ޚިޔާލުތައް ޙިއްސާކޮށް، ކޯވިޑް-19ގެ ސަބަބުން ދިމާވެފައި މިވާ ގޮންޖެހުންތަކާއި އެކުވެސް ކިޔަވާ ދިނުން ހަރުދަނާކޮށް ކުރިޔަށް ގެންދެވޭނެ ފައިދާކުރަނިވި ގޮތްތަކެއް ކަޑައެޅިގެންދާނެ ބައްދަލުވުންތަކަކަށް ވާނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19ގެ ސަބުން ކޮލެޖް ޔުނިވަރސިޓީތައް ބަންދުކޮށް ބައެއްތަންތަނުން ދަނީ އޮންލައިންކޮށްވެސް ކިޔަވައިދެމުންނެވެ. އަދި ޤައުމީ ޔުނިވަރސިޓީންވެސް ވަނީ މިމަހުގެ 31 ވަނަ ދުވަހު ކިޔެވުން ފަށަން ނިންމާފައެވެ.