ޚަބަރު

މަހާތިރު ބޭނުންވަނީ ވެރިކަން ބަދަލުކުރައްވަން


ލިބިވަޑައިގަންނަވާ ހުރިހާ ފުރުޞަތެއްގައި މަސައްކަތްކުރައްވާނީ މެލޭޝިޔާގެ ބޮޑުވަޒީރު މުޙްޔިއްދިން ޔާސީން މަޤާމުން ދުރުކުރައްވާ ވެރިކަން ބަދަލުކުރައްވަންކަމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ފެބުރުއަރީ މަހު ބޮޑުވަޒީރުކަމުން ވަކިވެވަޑައިގަތް އުމުރުން 94 އަހަރުގެ މަހާތިރު މުޙައްމަދުވަނީ މުޙްޔިއްދިން ޔާސީންއާއި ޔޫއެމްއެންއޯ އިއްތިޙާދުގެ ވެރިކަމުގެ ޞައްޙަކަމާމެދު ސުވާލު އުފައްދަވާފައެވެ. މަހާތިރުވަނީ ބޮޑުވަޒީރު މުޙްޔިއްދިން ޔާސީން ވެރިކަމުގެ ނިޒާމު ތަޤައްޔަރުކުރައްވާ ކޮރޮޕްޓް ސިޔާސީވެރިން އަނބުރާ ސަރުކާރުގެ ތެރެއަށް ގެންނެވިކަމަށް ތުހުމަތުކުރައްވާފައެވެ. މެލޭޝިޔާގައި ސިޔާސީ ނުތަވަސްކަމެއް އުފެދިފައިވަނީ ކޯވިޑް-19ގެ ސަބަބުން ބޮޑެތި އިޤްތިޞާދީ މައްސަލަތަކަކާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައެވެ.

އޭނާ ވެރިކަމުން ދުރުކުރުމަށް ކުރި މަސައްކަތްތަކަށް އިޝާރާތްކުރައްވާ މަހާތިރު ވިދާޅުވީ ވަގަށް އެއްބަސްވުންތައް އެކުލަވާލާ ވެރިކަން ބަދަލުކުރުމަކީ ގޯހެއްކަމަށާއި ވެރިކަންކުރަންޖެހޭނީ ރައްޔިތުން އިންތިޚާބުކުރި ސަރުކާރަކުންކަމަށެވެ. މަހާތިރުގެ ސަރުކާރުގައި ހުންނެވުމަށްފަހު، ޔޫއެމްއެންއޯއާއެކު އިއްތިޙާދެއް އުފައްދަވާ، ޤާނޫނުހަދާ މަޖިލިހުގެ އަޣުލަބިއްޔަތު ހޯއްދެވުމަށްފަހު، މުޙްޔިއްދިން ޔާސީން މެލޭޝިޔާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ މިދިޔަ މާރިޗު މަހުއެވެ. އޭނާގެ މައްޗަށް ވޯޓަކާ ނުލާ ވެރިކަން ބަދަލުކުރެއްވިކަމުގެ ތުހުމަތުކުރެވެނީ އެހެންވެއެވެ.

ބޮޑުވަޒީރުގެ މަޤާމުގައި މުޙްޔިއްދިން ޔާސީން ހުންނެވީ މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލިހުގެ 222 ގޮންޑީގެ ތެރެއިން އެންމެ 2 ގޮނޑި އިތުރަށް ހޯއްދަވައިގެން ލިބިވަޑައިގަތް ވަރަށް ހަނި އަޣުލަބިއްޔަތަކުންނެވެ. މަހާތިރު ވިދާޅުވީ އެއީ މެލޭޝިޔާގައި ސަރުކާރެއް އެކުލަވާލި އެންމެ ހަނި އަޣްލަބިއްޔަތުކަމަށާއި ލިބިވަޑައިގަންނަވާ ހުރިހާ ފުރުޞަތެއްގައި މަސައްކަތްކުރައްވާނީ ވެރިކަން ބަދަލުކުރައްވަންކަމަށެވެ. އަދި ޚިލާފުތައް އެކަހެރިކޮށް، މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބުކަން މީގެ ކުރިން ކުރައްވާފައިވާ ނުފޫޒުގަދަ ސިޔާސީވެރިޔާ އަންވަރު އިބްރާހީމާއެކު ވެރިކަން ބަދަލުކުރައްވަން މަސައްކަތްކުރައްވަން ތައްޔާރަށް ހުނެނެވިކަމަށްވެސް މަހާތިރު ވިދާޅުވިއެވެ.

ބާވީސް އަހަރުގެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަންކުރެއްވާ 2003ވަނަ އަހަރު ވެރިކަމުން ދުރުވެވަޑައިގަތް މަހާތިރުވަނީ މުޙްޔިއްދިން ޔާސީންގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެންގެވުމަށްވެސް މަސައްކަތްކުރައްވާފައެވެ. ނަމަވެސް، މުޙްޔިއްދިން ޔާސީންވަނީ އޭނާއަށް ލިބިވަޑައިގެންފައިވާ ހަނި އަޣްލަބިއްޔަތު ބޭނުންކުރައްވާ އެކަމަށް ހުރަސްއަޅުއްވާފައެވެ. މަހާތިރު ވިދާޅުވާ ގޮތުގައި އިތުބާރުނެތްކަމުގެ ވޯޓު އެޖެންޑާ ނުކުރާނަމަ ސަރުކާރުން ހުށަހަޅާ ހުރިހާ ބިލްތަކަކަށް ޤާނޫނުހަދާ މަޖިލިހުގައި ހިމެނިވަޑައިގަންންވާ އިދިކޮޅު މެންބަރުން ހުރަސްއަޅާނެއެވެ.

2018ވަނަ އަހަރު ބޭއްވި ޢާންމު އިންތިޚާބުކުރައްވާ ބޮޑުވަޒީރުކަމުގެ މަޤާމުން ނަޖީބު ރައްޒާޤު ދުރުކުރެއްވުމުގެ އެންމެ އިސް އާރުކާޓީއަކީ މަހާތިރެވެ. އެއީ އިނގިރޭސިންގެ އަތުން މެލޭޝިޔާއަށް މިނިވަންކަން ލިބުނުފަހުން ޔޫއެމްއެންއޯއަށް ވެރިކަން ގެއްލުނު ހަމައެކަނި ފަހަރެވެ.