ޚަބަރު

ކޯވިޑް-19ން ރައްކާތެރިވުމަށް އެމެރިކާގެ ރައީސް ބޭސް ބޭނުންކުރައްވަނީ


ކޯވިޑް-19ން ރައްކާތެރިވުމަށް ހައިޑްރޮކްސިކްލޮރޮކީން ބޭނުންކުރައްވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ވިދާޅުވެއްޖެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޓްރަންޕްވަނީ މެލޭރިއާއަށް ފަރުވާދިނުމަށް ބޭނުންކުރާ ހައިޑްރޮކްސިކްލޮރޮކީނަކީ ކޯވިޑް-19އަށް ފަރުވާދިނުމަށް ބޭނުންކުރެވިދާނެ ބޭހެއްގެ ގޮތުގައި އިޝްތިހާރުކުރައްވާފައެވެ. ނަމަވެސް އެބޭހާ ގުޅޭގޮތުން ފަހުން ކުރި ދިރާސާތަކުން ދައްކާގޮތުގައި ކޯވިޑް-19އަށް ފަރުވާދިނުމަށް އެ ބޭސް ބޭނުންކުރުމުން އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެއެވެ. އަދި ކޯވިޑް-19އަށް ފަރުވާދިނުމަށް އެ ބޭސް ބޭނުންކުރުމާ ދެކޮޅަށް ޞިއްޙީ މާހިރުންދަނީ ލަފާދެމުންނެވެ. ކޯވިޑް-19އަށް ފަރުވާދިނުމަށް އެ ބޭސް ބޭނުންކުރުމުން ހިތުގެ ބޮޑެތި މައްސަލަތަކެއް ދިމާވާކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުންވަނީ ބުނެފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަންޕް ވިދާޅުވީ ކޯވިޑް-19ން ރައްކާތެރިވުމަށް އޭނާ ހައިޑްރޮކްސިކްލޮރޮކީން ބޭނުންކުރައްވާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށެވެ. ޓްރަމްޕް ވިދާޅުވީ ބޭސް ބޭނުންކުރުމަކީ އެންމެ ރަނގަޅުކަމެއްތޯ ސުވާލުކުރެއްވުމުން ބޭސް ބޭނުންކުރައްވަން ބޭނުންނަމަ ބޭނުންކުރުން އެންމެ ރަނގަޅުކަމަށް ވައިޓް ހައުސްގެ ރަސްމީ ޑޮކްޓަރު ލަފާދެއްވާފައިވާކަމަށެވެ. އަދި ބޭސް ބޭނުންކުރުމުގެ ސަބަބުން އޭނާއަށް އެއްވެސް ޞިއްޙީ މައްސަލައެއް ދިމާވެފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ރަޓްގާސް ޔުނިވާސިޓީގެ ބޭހާބެހޭ މާހިރެއްކަމަށްވާ ޑރ. ބޮބް ލަހީތާ ވިދާލުވީ ހައިޑްރޮކްސިކްލޮރޮކީން ބޭނުންކޮށްގެން ކޯވިޑް-19 ޖެހިފައިވާ ގިނަ ޢަދަދެއްގެ މީހުންނަށް ފަރުވާދީފައިވާކަމަށާއި ބޭސް ބޭނުންކުރުމުން ބަލި ފަސޭހަވާފަދަ އެއްވެސް އަސަރެއް ކޮށްފައިނުވާކަމަށެވެ. އޭނާވަނީ ކޯވިޑް-19އަށް ފަރުކުރުމަށް އެ ބޭސް ބޭނުންނުކުރުމަށް ނަޞޭހަތްތެރިވެފައެވެ.