ޚަބަރު

ޑަބްލިއުއެޗުއޯއާ ދެކޮޅަށް ކުރާ ތުހުމަތުތައް ތަހުޤީޤުކުރާނީ


ކޯވިޑް-19 ފެތުރެން ފެށުމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން ޢަމަލުކުރި ގޮތާމެދު މިނިވަން ތަހުޤީޤެއް ކުރައްވާނެކަމަށް އެޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ތެޑްރޮސް އަދަނޮމް ގެބްރިއޭސުސް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 73ވަނަ އަހަރީ ބައްދަލުވުމުގައި ތަގުރީރުކުރައްވަމުން ތެޑްރޮސް ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ޑަބްލިއުއެޗުއޯއިން ކުރަމުންދާ މަސައްކަތްތައް އެންމެ އެކަށީގެންވާ ވަގުތެއްގައި ތަހުޤީޤުކުރައްވާނެކަމަށާއި ދެފުށް ފެންނަ ގޮތަކަށް ކުރާ ތަހުޤީޤުގެ ހޯދުންތަކާ އެއްގޮތަށް ފިޔަވަޅު އަޅުއްވާނެކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުން ގިނަ ފިލާވަޅުތަކެއް ލިބިގެންދާނެކަމަށާއި ހުރިހާ ޤައުމަކާއި ޖަމްޢިއްޔާއަކުން މަސައްކަތްކޮށްފައިވާގޮތް ދިރާސާކޮށް އެއިން ތަޖުރިބާ ލިބިގަތުން މުހިންމުކަމަށެވެ. އަދި ހާމަކަން ބޮޑު ގޮތަކަށް މައްސަލަތައް ތަހުޤީޤުކޮށް އެ ކަންކަމަށް ޖަވާބުދާރީވެ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރުމަށް އެ ޖަމްޢިއްޔާއިން އަބަދުވެސް ތައްޔާރަށް އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބަލިމަޑުކަން އެންމެ ފުރަތަމަ ފެތުރެން ފެށުނު ޗައިނާއިން ބައްޔާބެހޭގޮތުން ދިން ޞައްޙަ ނޫން މައުލޫމާތަށް ތާއީދުކޮށް ހިތްވަރުދީފައިވާކަމަށް ވިދާޅުވެ ޒިންމާ އަދާކުރުމުގައި އެ ޖަމްޢިއްޔާއިން ފަރުވާކުޑަކޮށްފައިވާކަމުގެ ތުހުމަތު ކުރައްވާފައެވެ. އަދި އެމެރިކާއިން އެ ޖަމްޢިއްޔާއަށް ދެމުންދިޔަ މާލީ އެހީތެރިކަންވަނީ މެދުކަނޑާލައްވާފައެވެ.