ޚަބަރު

ވިއްސާރައިގައި ވައިގަދަވެ ދެކުނުގެ ރަށްރަށުން ގަސްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް


ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ވައިބާރުވެ ފެންބޮޑުވުމުގެ ސަބަބުން ދެކުނުގެ ރަށްރަށުން ގަސްތައް ވެއްޓި އެކިވަރުގެ ގެއްލުންވެއްޖެއެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުންނާއި ބޭއޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ތޫފާނުގެސަބަބުން ރާއްޖެ ސަރަހައްދަށް ވައިބާރުވެފައިވާކަމަށް މޫސުމާއިބެހޭ ޤައުމީ ޢިދާރާއިން ވިދާޅުވެފައިވާއިރު، ރެއިންސުރެ ވައިގަދަވުމުގެ ސަބަބުން ގއ. ގދ، ލ. އަދި ތ. އަތޮޅުގެ ބައެއް ރަށްރަށަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

އެގޮތުން ރެއިން ފެށިގެން މިހާތަނަށް ގއ. ކޮނޑޭއިން 4 ބަނބުކެޔޮގަސް މުލުހުން ލުހިގެން ވެއްޓިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ. އަދި ބައެއް ރުއްތަކާއި އެނޫންވެސް ބައެއް ގޭގޭގެ ގޯތިތެރޭގައި ހައްދާފައިވާ ގަސްތަކާއި ބައެއް ރުއްތައްވެސް ވެއްޓިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.

މީގެ އިތުރުން އެއަތޮޅު ކޮލަމާފުއްޓާއި ގެމަނަފުށިންވެސް ވައިބާރުވުމުގެ ސަބަބުން ގަސްތައް ވެއްޓި ގެތަކަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ތިނަދޫއާއި ވާދޫގެ ބައެއް ގެތަކުގެ ފުރާޅުއެއްލާލާއި އެގެތަކުގައި ގެންގުޅޭ ތަކެއްޗަށްވަނީ ގެއްލުންވެފައެވެ. އަދި ގޭގޭގައި ހުރި އަނބު ގަސްފަދަ މޭވާ ގަސްތައްވެސް ވަނީ ވެއްޓިފައެވެ. އަދި ފަރެސްމާތޮޑާގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާނަށްވެސް ގެއްލުންވެފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި ފެން ހިންދުމަށްޓަކައި ރަށުގެ ދެ ސަރަހައްދެއްގައި ހޮޅިއަޅާފައިވާކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ހުވަދު އަތޮޅުގެ އިތުރުން މި ވިއްސާރާގައި ފުވައްމުލަކު ސިޓީއާއި ހައްދުންމަތީގެ ބައެއް ރަށްތަކުގެ އިތުރުން ތ. އަތޮޅުގެ ބައެއް ރަށްތަކާއި، ފ.އަތޮޅުގެ ބައެއް ރަށްރަށުން ބަންބުކެޔޮ ގަހާއި އެނޫންވެސް ބޮޑެތި ގަސްތައް ވެއްޓުމާއި ފެން ބޮޑުވެ ބައެއް ގެތަކަށް ފެންވަނުމުގެ ހާދިސާތައްވަނީ ހިނގާފައެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާގުޅިގެން މުޅި ރާއްޖެއަށްވަނީ އެލާޓް ނެގެފައެއެވެ. އެގޮތުން އުތުރުގެ ހިސާބުތަކަށް ވައިޓް އެލާޓް ނެރެފައިވާއިރު، މާލެއިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އިއްޔެއިން ފެށިގެން އެކިފަހަރުމަތިން ވަނީ ރީނދޫ އެލަރޓް ނެރެފައެވެ. އަދި މިރޭ 10 ޖެހުމާއަހަމައަށް ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ ޔެލޯއެލާޓް ނެރެފައެއެވެ.

އަދި އެސަރަހައްދުތަކަށް 55 މޭލާއި 60 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެތީ އެކަމަށް ސަމާލުވުމަށާއި، ކަނޑުތައްވެސް ގަދަވާނެތީ ކަނޑުދަތުރުތައް މަޑުޖައްސާލުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.