ކޯވިޑް 19އިން ރައްކާތެރިވުމަށް ކޮންމެ މީހަކުވެސް އަންނަނީ އެމީހަކަށް ކުރެވުނު ކަމެއް ކުރަމުންނެވެ. މިދުވަސްވަރު އޮތް ލޮކްޑައުންގެ ސަބަބުން ގެއިން ބޭރަށް ނިކުތުން ހުއްޓިފައިވާއިރު ބައެއް ޙާލަތްތަކުގައި ހުއްދައާއެކު ބޭރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. މިހެންދާއިރުވެސް ގިނަބަޔަކު ބޭރަށް ދަނީ މާސްކާއި އަންގިލައްވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. މިހާހިސަބުން އުފެދޭ ސުވާލަކީ މިޙާލަތުގައި އަންގި ލައްވައިގެން ބޭރަށް ދިޔުމުން އިތުރު ރައްކާތެރިކަމެއް ލިބިގެންދޭތޯއެވެ؟.
އަންގި ބޭނުންކުރުމާއި ގުޅޭގޮތުން ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަނީ އެއީ ވައިރަހުން ރައްކާތެރިވުމަށް އެންމެ ރައްކާތެރި ގޮތް ނޫންކަމަށެވެ. ސަބަބަކީ ވައިރަސް އަތުގައި ހުންނަ ގޮތަށް ވައިރަސް އަންގިއަށްވެސް އަރައެވެ. އަދި ހަމަ އަނގަޔާއި ނޭފަތް ނުވަތަ ލޮލުގައި އަތް ލެވުމުގެ ސަބަބުން ވައިރަސް ހަށިގަނޑަށް ވާސިލްވާގޮތަށް އަންގިއާއެކު މިއިން ތަނެއްގައި އަތްލެވިއްޖެނަމަވެސް ވައިރަސް ހަށިގަނޑަށް ވާސިލްވެއެވެ.
ސިއްޙީ މާހިރުން ވިދާޅުވަނީ އަންގި ލައްވައިގެން ހުރެނަމަވެސް އަތުގައި ވައިރަސް ހުރިނަމަ އެއަތްލާ ތަނެއްގައި ވައިރަސް ހުންނާނެކަމަށެވެ. އެހެންކަމުން އަންގި ލެއްވިނަމަވެސް ފިހާރަތަކާއި އަދި އެހެނިހެން ތަންތަނުގައިވެސް ހުންނަ ތަކެތީގައި ބޭނުމެއް ނެތްގޮތުގައި އަތް ނުލުމަށް ކަމާބެހޭ ފަރާތްތަކުން އަންނީ އިރުޝާދުދެމުންނެވެ. ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި ބޭރުގައި އުޅުމަށްފަހު ގެއަށް ގޮސް އަންގި ނައްޓާލާ ވަގުތުކޮޅަކީ ނާޒުކު ވަގުތުކޮޅެކެވެ. ސަބަބަކީ އަންގީގައި ހުންނަ ވައިރަހާއި ޖަރާސީމުތައް އަތަށް އެރުމުގެ ފުރުސަތު އެވަގުތު ބޮޑުވާތީއެވެ. އެހެންކަމުން ރައްކާތެރިގޮތުގައި އަންގި ނައްތާލުމަށްފަހު ރަނގަޅަށް އަތް ދޮންނަންޖެހެއެވެ.
ބޭރަށް ދާއިރު އަންގިލެއްވުމަކުން އިތުރު ރައްކާތެރިކަމެއް ނުލިބޭތީ އެންމެ ރައްކާތެރިގޮތަކީ ގިނަ ގިނައިން އަތްދޮވުމެވެ. އަދި ބޭރުގައި އުޅޭއިރުވެސް ތަންތަނުގައި އަތްލުމާއި މޫނުގައި އަތްލުން ވީހާވެސް ބޮޑަށް މަދުކުރުމަށް ނަފްސު ތައްޔާރުކުރުމެވެ.
މާސްކެކޭ އެއްފަދައިން މެޑިކަލް އަންގިއަށް ހުރިހާ ޤައުމެއްގައިވެސްވަނީ ޑިމާންޑު ބޮޑުވެ ލިބުން ދަތިވެފައެވެ. މެޑިކަލް އަންގިއަކީ ހަމައެކަނި ކުރީ ސަފުގައި ޙަރަކަތްތެރިވާ މީހުން ބޭނުންކުރަންޖެހޭ އެއްޗެކެވެ. އަދި މެޑިކަލް އަންގި ބޭނުންކުރާއިރުވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ގިނައިން އަންގި ބަދަލުކޮށްކުރުމާއި، އަތް ދޮވުމާއި ސެނިޓައިޒް އާއްމުކޮށް ކުރަންޖެހެއެވެ.