ވިޔަފާރި

މުވައްޒަފުންނަށް ފިޔަވަޅު އެޅި ކުންފުނިތަކަށް ލޯނު ލިބޭނެ، އެކަމަކު ޝަރުތުތަކަކާއެކު


ކޯވިޑް19 ރިކަވަރީ ލޯނު ސްކީމް ޕްރޮގްރާމުގެ ދަށުން ލޯނު ނެގުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވެގެން ލޯނު ނުލިބުނު ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމަވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އާއި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަށް ލޯނަށް އެދި ހުށަހަޅާފައިވާ ވިޔަފާރިތަކުގެ ތެރޭގައި، ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯޕޭ ލީވް ނަގަން މަޖުބޫރުކޮށްފައިވާ ވިޔަފާރިތައް ހިމެނޭކަމަށެވެ. ނަމަވެސް އެފަދަ ވިޔަފާރިތަކަކީ ލޯނަށް ޝަރުތު ފުރިހަމަވާނެ ފަރާތްތަކެއް ނޫންކަން ކުރިންވެސް އަންގާ، އިޢުލާންކޮށްފައިވާނޭކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

ނަމަވެސް މި ވިޔަފާރިތަކުގެ މުވައްޒަފުންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ ބޭނުމުގައި، މި ސްކީމުގެ ދަށުން ލޯނު ނެގުމަށް އެޕްލައިކޮށް، ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައި ހުރުމުގެ ސަބަބުން ލޯނު ނުލިބުނު ވިޔަފާރިތަކަށް ލޯނު ހޯދުމަށް އިތުރު ފުރުސަތެއް ދިނުމަށް މިހާރު ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ އެފަދަ ވިޔަފާރިތަކަށް ލޯން ނުދޭން ނިންމި ނިންމުން މުރާޖަޢާކުރާނީ، އެފަރާތްތަކުން ވަކި ކަންތައްތަކެއް ފުރިހަމަކުރުމުންކަމަށެވެ.

ލޯނު ރިޖެކްޓްކުރުމަށް ނިންމާފައިވާ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަންކަމުގެ ތެރޭގައި،
1 - ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ހުށަހެޅުމުގެ ކުރިން ދިވެހި މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް ވަޒީފާ އަލުން އިއާދަކޮށްދީ، ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ދިވެހި މުވައްޒަފުންގެ މުސާރަ މަދުވެގެން 5000 ރުފިޔާއަށް އިއާދަކޮށްދިނުން.
- އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޖޮބް ސެންޓަރު ޕޯޓަލްގައި ވަޒީފާގެ ހާލަތު ބަދަލުވުމުގެ ސަބަބުން ރެޖިސްޓަރކޮށް މައްސަލަ ހުށަހަޅާފައިވާ މުވައްޒަފެއް ވާނަމަ، 3 (ތިނެއް) ދުވަސް ތެރޭގައި މައްސަލަ އަނބުރާ ނަގައިދިނުމަށް ހުރިހާ މުވައްޒަފުންގެ ކިބައިން އެދުން

2- ނިންމުން މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާއިރު، ވިޔަފާރީގެ ފަރާތުން އެކަމަށް އެދި ހުށަހަޅާ ސިޓީއަކާއި ވިޔަފާރީގެ އަންޑަރ ޓޭކިންގ ލިޔުމެއް ހުށަހަޅަންޖެހޭނެ.
އަންޑަޓޭކިންގ ލިޔުމުގައި ހިމަނަންޖެހޭ ބައިތައް،
- ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ދިވެހި މުވައްޒަފުންގެ ފުރިހަމަ ނަން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ހިމެނޭ ލިސްޓެއް
-ވިޔަފާރިތަކުން ހުށަހަޅާ ލިސްޓުގައި ހިމެނޭ ކޮންމެ މުވައްޒަފަކާއި މެދު ނެގުނު ފިޔަވަޅު (ވަޒީފާއިން
ވަކިކުރުން ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވުން) އަދި ފިޔަވަޅު ނެގުނު ތާރީހު.
- ދިވެހި މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް ވަޒީފާ އަލުން އިއާދަކޮށްދޭން، އަދި ނޯ
ޕޭ ނަގަން މަޖުބޫ ޖުބޫރުކުރުވާފައިވާ ދިވެހި މުވައްޒަފުންގެ މުސާރަ މަދުވެގެން 5000 ރުފިޔާއަށް އިއާދަކޮށްދޭން
މުވައްޒަފުންނަށް ހުށަހަޅާފައިވާކަމަށް ވިޔަފާރީގެ ފަރާތުންވާ އިޤުރާރު.
- މި ހުށަހެޅުންގަބޫލުކޮށްފައިވާ މުވައްޒަފުންނާއި ގަބޫލު ނުކުރާ މުވައްޒަފުންގެ ލިސްޓެއް މި އިޤުރާރު
-މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޖޮބް ސެންޓަރު ޕޯޓަލްގައި ވަޒީފާގެ ހާލަތު ބަދަލުވުމުގެ ސަބަބުން
ރެޖިސްޓަރކޮށް މައްސަލަ ހުށަހަޅާފައިވާ މުވައްޒަފެއް ވާނަމަ، 3 ދުވަސް ތެރޭގައި މައްސަލަ އަނބުރާ
ނަގައިދިނުމަށް ހުރިހާ މުވައްޒަފުންގެ ކިބައިން އެދިފައިވާކަމަށް ވިޔަފާރީގެ ފަރާތުންވާ އިޤުރާރު.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އަށް އެޕްލިކޭޝަން ހުށަހެޅި ފަރާތްކުން ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް [email protected] އަށްކަމަށެވެ. އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންއަށް އެޕްލިކޭޝަން ހުށަހެޅި ފަރާތްކުން ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް [email protected] އަށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.