ވިޔަފާރި

ޔޫރަޕްގެ ބޮޑެތި އިޤްތިޞާދުތައް މަޑުޖެހި، ރިސެޝަންއަކަށް!


ކޯވިޑް19އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕްގެ އެންމެ ބޮޑު އިޤްތިޞާދުތައްކަމަށްވާ ޖަރމަނީ، ފްރާންސް އަދި އިޓަލީގެ އިޤްތިޞާދު މަޑުޖެހި، ރިސެޝަނަކަށް ހިނގައްޖެއެވެ.

ޖަރމަނީ، ފްރާންސް އަދި އިޓަލީގެ ކަމާބެހޭ އިދާރާތަކުން އެންމެފަހުން އާއްމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، ނިމުނު ކުއާޓަރާއި އޭގެކުރީ ކުއާޓަރުވެސް އެޤައުމުތަކުގެ އިޤްތިޞާދު ވަނީ ދަށަށް ގޮސްފައެވެ. އިޤްތިޞާދީ ކަންކަން މާނަކުރާއިރު، ރިސެޝަންއަކީ ޖެހިޖެހިގެން ދެ ކުއާޓަރުގައި އިޤްތިޞާދު ކުރިނާރާ، ދަށަށް ދިއުމެވެ.

ޤައުމުތަކުން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޔޫރަޕްގެ އެންމެ ބޮޑު އިޤްތިޞާދުކަމަށްވާ، ޖަރުމަންވިލާތުގެ އިޤްތިޞާދު ވަނީ 2.2 އިންސައްތަ ދަށަށް ގޮސްފައެވެ. ޖަރުމަންވިލާތަށްފަހު ޔޫރަޕްގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދުކަމަށްވާ ފްރާންސްގެ އިޤްތިޞާދު 5.8 އިންސައްތަ ދަށަށްދިޔައިރު، އިޓަލީގެ އިޤްތިޞާދު ވަނީ 4.7 އިންސައްތަ ދަށަށް ގޮސްފައެވެ. ޔޫރަޕްގެ އެހެން ބައެއް ބޮޑެތި އިޤްތިޞާދުތަކަށް ބަލާއިރު އޮސްޓްރިއާގެ އިޤްތިޞާދު 2.5 އިންސައްތަ، ބެލްޖިއަމްގެ އިޤްތިޞާދު 3.9 އިންސައްތަ އަދި ސްވިޑަންގެ އިޤްތިޞާދު 0.3 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.

ޔޫރަޕްގެ ބޮޑެތި އިޤްތިޞާދުތައް ރިސެޝަންއަށް ގޮސްފައިވާއިރު، މުޅި ޔޫރޯ ޒޯންގެ އިޤްތިޞާދު މިދިޔަ ކުއާޓަރުގައި 3.8 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި މިހާރު ހިނގަމުންދާ ކުއާޓަރުގައި ޔޫރޯ ޒޯންގެ އިޤްތިޞާދު މަޑުޖެހިއްޖެނަމަ، ޔޫރޯޒޯންވެސް ދާނީ ރިސެޝަންއަކަށެވެ.

ޔޫރަޕްގެ އެންމެ ބޮޑު އިޤްތިޞާދުތައް މަޑުޖެހެމުންދާއިރު، ބައެއް ޤައުމުތަކުގެ އިޤްތިޞާދު ކުރިއަށް އޮތްތަނުގައި އިތުރަށް މަޑުޖެހޭނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުން ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އެންމެ އަވަހަށް އިޤްތިޞާދު އަލުން ކުރިއެރުމުގެ ފުރުޞަތު ބޮޑީ ޖަރުމަންވިލާތަށެވެ. އެގޮތުން ލޮކްޑައުންކުރަން ޖެހުނު މުއްދަތު ކުޑަވުމާއި، ޓުއަރިޒަމާއި ސަރވިސް ސެކްޓަރއަށް އިޤްތިޞާދު ބަރޯސާވުން ކުޑަވުމަކީ ޖަރުމަންވިލާތަށް އޮތް ފައިދާއެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ލޮކްޑައުންއަށްފަހު ޖަރުމަންވިލާތުގެ ސްކޫލްތަކާއި ފިހާރަތައް ހުޅުވުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި މާޗުމަހު މެދުތެރޭގައި އިޢުލާންކުރި ލޮކްޑައުންގެ މުއްދަތުގައި ކޮންސްޓްރަކްޝަން ސައިޓްތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީ ޖަރުމަންވިލާތުގެ ކޮންސްޓްރަކްޝަން ސިނާޢަތަށް ވަނީ ކުރިއެރުން ލިބިފައެވެ. މީގެއިތުރުން ވިޔަފާރިތަކަށް ސަރުކާރުން ދިން ރިލީފް ޕެކޭޖްތަކުގެ ސަބަބުން، ވަޒީފާތައް ގެއްލުނު މިންވަރުމަދުކޮށް، އެޤައުމުގެ އިޤްތިޞާދަށް ކުރި އަސަރުތައް ކުޑަކުރިއެވެ.

ޔޫރަޕްގެ ބޮޑެތި އިޤްތިޞާދުތަކުގެ އިތުރުން، ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކަށްވެސް ކޯވިޑްގެ ސަބަބުން ވަނީ އަސަރުތައް ކުރަން ފަށާފައެވެ. މިގޮތުން ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދުކަމަށްވާ އެމެރިކާގެ އިޤްތިޞާދު ވަނީ މިދިޔަ ކުއާޓަރުގައި 1.2 އންސައްތަ ދަށަށް ގޮސްފައެވެ. އަދި އެންމެ ފުރަތަމަ ކޯވިޑް ފެތުރެން ފެށި ޗައިނާގެ އިޤްތިޞާދު ވަނީ 9.8 އިންސައްތަ ދަށަށް ގޮސްފައެވެ. ތަޖުރިބާކާރުން ބުނާގޮތުން އިޤްތިޞާދުތަކަށް ލިބެމުންދާ ހަޤީޤީ ގެއްލުން ފެންނަނީ މިހާރު ހިނގަމުންދާ މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުމުންނެވެ.