ޚަބަރު

އޮންލައިންކޮށް ހިންގޭނެ ކޯސްތައް ކަނޑައަޅާ ކިޔަވާދިނުން ފެށުމަށް ހަޔަރ އެޑިއުކޭޝަނުން އެދިއްޖެ


އޮންލައިންކޮށް ހިންގޭނެ ކޯސްތައް ކަނޑައަޅައި އަވަހަށް އެކޯސްތައް ފެށޭނެ އިންތިޒާމް ހަމަޖެއްސުމަށް ހަޔަރ އެޑިއުކޭޝަނުން އެދިއްޖެއެވެ.

ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ކޮލެޖް ޔުނިވަރސިޓީތަކުގެ ކިޔެވުންވަނީ މެދުކަނޑާލާފައެވެ. މިކަމުގެ ސަބަބުން ސެމިސްޓަރގެ ބޮޑުބައެއް ކިޔަވައިނުދެވި ވަނީ ފާއިތުވެފައެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ޙަސަން މިއަދުވަނީ މިނިސްޓްރީގެ އިސް ވެރިންނާއި، ޓިވެޓް އޮތޯރިޓީއާއި ޕޮލިޓެކްނިކްގެ އިތުރުން އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ވަރލްޑް ބޭނުންކުން ހިންގާ "މީރީ" ޕްރޮޖެކްޓްގެ އިސް ބޭފުޅުންނާއި އޮންލައިންކޮށް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަކީ ކޯވިޑް 19ގެ މި ޙާލަތުގައާއި މި ޙާލަތުން އަރައިގަނެވުމަށްފަހު ވަޒީފާގެ ބާޒާރަށް މީހުން ބިނާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމެކެވެ.

މިބައްދަލުކުރެއްވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިިމް ޙަސަންވަނީ، އުނގެނުމުގެ ކަންކަން މެދުނުކެނޑި ކުރިއަށްގެންދެވޭނެ ގޮތްތަކެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކޯސްތައް ކަނޑައެޅުމުގައި ވަޒީފާގެ ބާޒާރަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ ކޯސްތައް ފަރުމާކުރަންޖެހޭކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.
އެގޮތުން ޓުއަރިޒަމާއި އައިސީޓީ އަދި ދަނޑުވެރިކަމުގެ ކޯސްތައް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މި ދަނޑިވަޅުގައި ވަޒީފާ ގެއްލިފައިވާ މީހުންނާއި މުސާރަ ނުލިބޭގޮތަށް ފޮނުވާލާފައިވާ ޓުއަރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ޢަމާޒުކޮށްގެން ކޯސްތަކެއް ފަރުމާކޮށް ހިންގުމަށްވެސްވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރވަނީ މި ޙާލަތުގައިވެސް އުންގަންނައިދިނުން މެދުނުކެނޑި ކުރިއަށްދެވޭނި ގޮތްތަކެއް ހޯދުމަށް އެދިފައެވެ. މީގެ ބޭނުމަކީ އަލަށް ވަޒީފާއަށް ނިކުންނަ މީހުންނާއި އަދި ސްކިލްޑް ނުވަތަ ސެމީ-ސްކިލްޑް ކެޓަގަރީގައި ތަމްރީންވެފައި ތިބި މިހުން ތިބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދާއިރާތަކުގައި ގިނަދުވަހު މަސައްކަތްކޮށް، އިތުރަށް ތަމްރީންވާން ބޭނުންވާ މީހުންނަށް އެ ފުރުސަތުވެސް ލިބޭނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ޕޮލިޓެކްނިކާއި ޓިވެޓް އޮތޯރިޓީން ހިންގާ ކޯސްތަކަކީ ސަރުކާރުން އެއްވެސް ފީއަކާއި ނުލައި ހިންގާ ކޯސްތަކެކެވެ. މި ކޯސްތަކުގެ ބޭނުމަކީ ރާއްޖޭގައި ވަޒީފާހުރި ދާއިރާތަކުން ދިވެހިންނަށް ފުރުސަތު ފަހިކޮށްދިނުމެވެ.