ޚަބަރު

ސާކް ޤައުމުތަކުގެ ގުޅުން އިތުރަށް ބަދަހި ކުރަންޖެހޭ - އުމަރު


ދުނިޔޭގެ ބޮޑެތި ބާރުތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށްޓަކައި ސާކްގެ ޤައުމުތަކުން އެކުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ސާކްގެ އިންފޮމޭޝަން ސެންޓަރުގެ ފަރާތުން ރާއްޖޭގެ މީޑިއާތަކާއެކު ޚިޔާލު ބަދަލުކުރުމުގެ ބައްދަލުވުން ފައްޓަވައި ދެއްވާ ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ ސާކްގެ އަމާޒަށް ވާސިލުވުމަށްޓަކައި ސާރކްގެ ޤައުމުތަކުން އެއްޤައުމު އަނެއްޤައުމަށް އިތުރަށް އެއްބާރުލުން ދޭންޖެހޭކަމަށެވެ. އަދި ޚާއްސަ ގޮތެއްގައި ސާކްގެ މެންބަރު ޤައުމުތަކުގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ޤައުމުތައް ގުޅިގެން މަސައްކަތް ފަށަންވެއްޖެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ވާހަކަފުޅުގައި މެންބަރު ޤައުމުތަކުގެ ޚަބަރުތައް ރިޕޯޓު ކުރުމުގައި އެއްޤައުމު އަނެއްޤައުމާ މެދު ނުތަނަވަސްކަން ނުއުފެދޭގޮތަށް ރިޕޯޓް ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. ސާކްގެ އިންފޮމޭޝަން ސެންޓަރާއި، ރާއްޖޭގެ މިނިސްޓްރީ އޮފް ހޯމް އެފެއާރޒް ގުޅިގެން ކުރިއަށްގެންދިޔަ މި ބައްދަލުވުގައި ރާއްޖޭގެ މީޑިއާތަކާ ގުޅޭ މައުލޫމާތު ހޯދުމާއި، ސާކުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާ ގުޅޭ މައުލޫމާތުދިނުން ވަނީ ކުރިއަށްގެންގޮސްފައެވެ. މިބައްދަލުވުމުގެ މިއަދު ހެނދުނު އޮތް ސެޝަންގައިވަނީ ސާކުގެ ޤައުމުތަކުގައި ހިނގާ ކަންކަމުގެ ޚަބަރުތައް ސާކްގެ މެންބަރު ޤައުމުތަކުގެ މީޑިއާތަކުން ގެނެސްދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.ރާއްޖޭގެ މީޑިއާ ތަކުން ބައިވެރިވި ރިޕޯޓަރުންނާ އެޑިޓަރުން ވަނީ ސާރކްގެ މެންބަރު ޤައުމުތަކުގެ މީޑިއާތަށް އިތުރަށް ހަރުދަނާ ކުރުމަށް ސާކްގެ އިންފޮމޭޝަން ސެންޓަރުން ކުރެވިދާނެ ކަންތައްތަކާ ބޭހޭގޮތުން ބައެއް ހުށައެޅުންތައް ހުށައަޅާފައެވެ. އެގޮތުން ސާކްގެ މެންބަރު ޤައުމުތަކަށް ނޫސްވެރިން ދަތުރުކުރުމަށް ވިސާ ނަގަން ނުޖެހޭ ގޮތަށް ހަމަޖެއްސުމުގެ މުހިންމުކަން ބައެއް ރިޕޯޓަރުން ފާހަގަކޮށްފައިވެއެވެ.މިބައްދަލުވުމުގައި ޤައުމީ ޔުނިވަރސިޓީގައި ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނާއި، ރާއްޖޭގެ ބައެއް މީޑިއާތަކުގެ އެޑިޓަރުން އަދި ރިޕޯޓަރުން ބައިވެރިވެފައިވެއެވެ.