ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި މިއޮތް ޙާލަތުގައި ޢިމާރާތްކުރުމުގެ ސައިޓުތަކުގައި މަސައްކަތް ކުރުމުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގައިޑްލައިނެއް އާއްމުކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި "ގައިޑްލައިން ޓު ކޮމްބެކްޓް ކޯވިޑް-19" ނެރެދެއްވީ އެ ޖަމްޢިއްޔާގެ ރައީސް މުޙައްމަދު ޢަލީ ޖަނާހެވެ. މި ގައިޑްލައިނަކީ ކޮންސްޓްރަކްޝަން ސިނާއަތުގައި މަސައްކަތް ކުރާ ހަ ޤައުމެއްގެ މީހުން ވާހަކަ ދައްކާ ބަހުން ތައްޔާރު ކޮށްފައިވާ ގައިޑްލައިންނެކެވެ.
މި ގައިޑްލައިންގައި ކޯވިޑް-19އަށްފަހު ޢިމާރާތް ކުރުމުގެ ސިނާއަތް ހުޅުވާލާއިރު ސައިޓުތަކުގައި އަމަލު ކުރަން ޖެހޭނެ އުސޫލުތައްވެސް ތަފުސީލް ކޮށްފައިވެއެވެ. މިގައިޑްލައިންގައި ސައިޓުތަކުގައި ކުރާ ހުރިހާ ބާވަތެއްގެ މަސައްކަތުގެ މީހުން މާސްކް އަޅަން މަޖުބޫރު ކޮށްފައިވެއެވެ. އަދި މަސައްކަތުގައި ބޭނުންކުރާ އާލާތްތައް ގިނަ ބަޔަކު ބޭނުން ކުރާނަމަ ޑިސްއިންފެކްޓް ކުރުމާއި މަސައްކަތް ކުރާއިރު، މީހުން ތޮއްޖެހުން މަދު ކުރަންވެސް ޖެހެއެވެ.
މި ގައިޑްލައިންގައި ވަނީ ކޮންމެ ސައިޓެއްގައިވެސް "ސައިޓް ހެލްތް ސޭފްޓީ ރެޕްރެޒެންޓޭޓިވް"އަކު ހުންނަން ލާޒިމް ކުރެއެވެ. މީގެ އިތުރުން ސައިޓަށް ވަންނައިރުވެސް ޓެމްޕަރޭޗާ ޗެކްކޮށް ކޮންމެ ހަ ގަޑިއިރަކުން ހުރިހާ އެންމެންގެ ޓެމްޕަރޭޗާ ޗެކް ކުރަން ލާޒިމް ކޮށްފައިވެއެވެ.
ގައިޑްލައިންގައިވާ ގޮތުން ކޮންމެ ސައިޓެއްގައި ވެސް އަތް ދޮވެވޭނެ ގޮތާއި ސެނެޓައިޒް ކުރެވޭނެގޮތް ހުންނަން ޖެހެއެވެ. އަދި މުވައްޒަފުންގެ ނިދާ ތަނުގައި އެސައިޓެއްގައި މަސައްކަތްކުރާ މީހުން ފިޔަވައި އެހެން ސައިޓުތަކުގެ މީހުން ނިންދެވުމަކީ މަނާކަމެކެވެ.
އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޖަމްޢިއްޔާގެ ރައީސް ޖަނާހު ވިދާޅުވީ މިގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި ނަމަވެސް މިއީ އެންމެ ރައްކާތެރި ގޮތްކަމަށެވެ. އަދި މި ގައިޑްލައިންނަށް ކުންފުނިތައް އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެކަމަށާ، އެއަށް ފަހު މަސައްކަތްތައް ކުރާއިރު ގައިޑްލައިންނާ އެއްގޮތަށް އަމަލު ކުރުމުންދޭތޯ ބަލާނެކަމަށެވެ. އަދި މި ގައިޑްލައިންނާ އެއްގޮތަށް އަމަލުކުރާ ކުންފުނިތައް ހޮވާ އެވޯޑް ހަވާލުކުރުމުގެ ވިސްނުމެއް ގެންގުޅުއްވާކަމަށްވެސް ޖަނާހު ވިދާޅުވިއެވެ.
"ޓާގެޓަކީ މިއަށް އަހުލުވެރިކުރުވުން. އަންނަ ހަފުތާގައި އޮންލައިން ޓްރެއިނިން ސެޝަންއެއް ބާއްވާނަން އެއްފަހަރާ 100 މީހުންނަށް ބައިވެރިވެވޭ. ޓްރެއިންކޮށްފައި ރެންޑަމްކޮށް މަސީގެ މެމްބަރުން 384 ކުންފުނިން ޗެކް ކުރެވޭތޯ ބަލާނަން." ޖަނާހު ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ އެންގުމާ އެއްގޮތަށް މިހާރުވަނީ ޢިމާރާތްކުރުމުގެ މަސައްކަތްތައް ހުއްޓާލާފައި އޮތުމަށްފަހު މިހާރުވަނީ އަލުން މަސައްކަތް ފެށުމަށް ހުއްދަ ދޫކުރަން ފަށާފައެވެ. މަސައްކަތް އަލުން ފަށާފައިވަނީ އެޗްޕީއޭއިން އަންގާފައިވާ އުސޫލަށް، ވަކި މިންގަނޑެއްގެ ތެރެއިންނެވެ.
މި އުސޫލުގެ ދަށުން 11 ކޮންސްޓްރަކްޝަން ސައިޓްގައި މަސައްކަތް ފެށުމާއި، އަދި މަގު ބަންދުކޮށްގެން މަސައްކަތްކުރުމުގެ ހުއްދަ 4 ފަރާތަކަށް ވަނީ ދީފައެވެ. މި އުސޫލުގެދަށުން މަސައްކަތް އަލުން ފެށުމުގެ ހުއްދަ ދިނުމުގައި އިސްކަންދީފައިވަނީ މަސައްކަތް ހުއްޓާލުމުގެ ސަބަބުން އެތެނަކަށް އިތުރު ގެއްލުންތައް ލިބިދާނެކަމަށް ފެންނަ ތަންތަނާއި، އަދި މަސައްކަތް ހުއްޓާލާފައި ބެހެއްޓުމުގެ ސަބަބުން ކައިރި ގޭގެއަށް ގެއްލުން ލިބޭގޮތަށް ހުރި ތަންތަން ބަލައިގެންނެވެ.