ދީން

އަޅުކަން އަދާކުރުމުގައި ސަމާލުކަން ދެވިދާނެ ބައެއް ކަންކަން


ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. މުސްލިމުން އަޅުކަމަށް ދޭ އަހައްމިއްޔަތު މިމަހުގައި ބޮޑެވެ. ޚާއްސަކޮށް ރަމަޟާން މަސްފެށިގެން އަންނަ އިރު އަޅުކަމަށް ގިނަ ވަގުތުދީ އަޅުކަމާއިގެން އިހަށްވުރެ ގިނައިން އުޅެވެއެވެ.

ނަމަވެސް ފުރަތަމަ ދިހައެއް ނިމި މެދު ދިހައެއް ފެށޭއިރު، އަޅުކަމަށް ދެމުން އައި އިސްކަން ކުޑަވެގެންދާތަން ފެނެއެވެ. މެދު ދިހައެއްގައި އަޅުކަމަށް ގިނަ ވަގުތު ދިނުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

އެގޮތުން:

1-ޤުރުއާން ކިޔެވުން: ކޮންމެ ދުވަހަކުވެސް ޤުރުއާން ކިޔަވާނަމަ، ރޯދަ ހިފަނީ ކޮން މަޤްސަދެއްގައިކަން ހަދާނުގައި ހުންނާނެއެވެ.

2-ރަމަޟާން ތާވަލް: ކުރާނެ ކަންތައްތައް ޕްލޭންކޮށް ތައްޔާރުކުރާ ރަމަޟާން ތާވަލާއި އެއްގޮތަށް އަމަލު ކުރެވެމުންދޭތޯ އަމިއްލައަށް ޗެކްކޮށް، އަމާޒަށް ވާސިލްވުމަށް އަމިއްލައަށް ހަދުމަކޮށްދިނުން

3-ބޭނުންވާ ވަރަށް އަރާމްކުރުން: ފަހު ދިހައަށް ތައްޔާރުވުމަށް ކުޑަކޮށް މަޑުޖެހިލާ ބޭނުންވާ ވަރަށް އަރާމްކޮށްލުން މުޙިއްމެވެ. ނަމަވެސް މެދު ދިހައެއްގައިވެސް އަޅުކަމަށް ސަމާލުކަން ދޭން ޖެހެއެވެ.

4-ރައްޓެހިންނާއި އާއިލާގެ ސަޕޯޓު: އަޅުކަމަށް ހިތްވަރު ދިނުމަށް އާއިލާ އާއި ރައްޓެހިންގެ އެހީތެރިކަމަށް އެދޭށެވެ. އަޅުކަމަށް އިސްކަން ދިނުމަށް އިތުރު އެހީއަކަށްވާނެއެވެ.

5-ދީނީ ދަރުސްތައް އަޑުއެހެން: އޮންލައިންކޮށް ގިނަ އަދަދެއްގެ ދީނީ ދަރުސްތައް އަޑުއަހާލެވެއެވެ. އަޅުކަން ކުރުމަށް ހިތްވަރު ލިބޭފަދަ ދަރުސްތައް އަޑުއަހާލާށެވެ.

6-ދުޢާ ކުރުން: އަޅުކަމަށް ދެވޭ އިސްކަން ކުޑަވާ ނަމަ، ދުޢާކުރުން އިތުރު ކުރާށެވެ.

7-ދީނީ ވާހަކަތައް ކިޔުން: ރަސޫލު ބޭކަލުންނާއި އަސްހާބީން ރަމަޟާންމަސް ހޭދަކުރާ ގޮތާއި ގުޅޭގޮތުން ލިޔެފައިވާ ވާހަކަތައް ކިޔާ ހެދުމަކީވެސް އަޅުކަން ކުރުން އިތުރުކުރުމަށް ލިބޭ ހިތްވަރެކެވެ.

މިކަންތައްތަކުގެ އިތުރަށް ކުރެވޭނެ ވަރަށްގިނަ ކަންތައްތައް ހުންނާނެއެވެ. ރަމަޟާންމަސް އަންނަނީ އަހަރަކު އެއްފަހަރުއެވެ. ރަމަޟާންމަހުގެ ސަވާބާއި ދަރުމަ ހޯދުމަށް މަސައްކަތްކުރުމަކީ އެންމެންނަށްވެސް ހަމަހަމައަށް އޮތް ފުރުސަތެކެވެ.