އިތުރު 25މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ، ރާއްޖޭގައި މި ބަލިޖެހުނު މީހުންގެ އަދަދު 790 އަށްއަރައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މި ޕޮޒިޓިވްވި 25 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 20 މީހުންނާއި 5 ދިވެހިންކަމަށެވެ. މިއާކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު މިހާރުމިވަނީ 263އަށް އިތުރުވެފައެވެ. އަދި ބިދޭސީންގެ ޢަދަދު މިހާރު 548އަށް ވަނީ އަރާފައެވެ. މީގެތެރެއިންވެސް އެންމެ ގިނައީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ.
މިހާރު ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި މިހާރުހުރި ކްލަސްޓާތަކަށް ނިސްބަތްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު އަލަށް ފެނުނު ކްލަސްޓާތައްވެސް ހިމެނޭކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.
އެންއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުން ލަފާކުރައްވާގޮތުގައި ރާއްޖޭގައި މިބަލި އެންމެ ބޮޑަށް ފެތުރިގެންދާނީ މިމަހުގެ 15އިން ފެށިގެން 31އާ ދެމެދުއެވެ. ރާއްޖޭގައިމިހާރު މިބަލި ގޭބީސީތަކަށް ފެތުރިފައިވާކަންވެސް ޑޮކްޓަރުންގެ ޓީމުން ފާހަގަކުރައްވައެވެ. އެހެންކަމުން ރާއްޖޭގައި މިހާރު އަޅަފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައެވެ. ޚާއްޞަކޮށް ޑެލިވަރީއާއި އެނޫންވެސް ޚިދުމަތްތައް ލިބިގަންނައިރު އެކަމަށް ސަމާލުވުމަށާއި، ގިނަގިނައިން އަތޮދޮވުމަށް އިލްތިމާސްކުރައްވައެވެ.
ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 އަށް ޓެސްޓްކުރުމަށް 11775 މީހުންގެ ސާމްޕަލް ނަގާފައިވާއިރު މިއަދު އެކަނިވެސް 41 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ރާއްޖެއިން މިހާތަނަށް މިބަލިން 29 މީހުން ވަނީ ރަނގަޅުވެފައެވެ.