ޚަބަރު

ވެރިފަރާތުން ބަލާ ނައިސްގެން ނައްތާލަން ނެރުނު ޕާރުސަލަކުން މަސްތުވާތަކެތި ފެނިއްޖެ


މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ގުދަނަކުން ނައްތާލަން ނެރުނު ޕެކޭޖެއްގެ ތެރެއިން ބައި ކިލޯއަށްވުރެ ގިނަ ކެނަބިސް ފެނިއްޖެއެވެ.

ކަސްޓަމްސްއިން ހާމަކުރައްވާފައިވާ ގޮތުގައި މި މަސްތުވާތަކެތީގެ އަގު ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާއަށް އަރާނެއެވެ.

މިއީ ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ ތެރެއިން، ވެރިފަރާތުން ހަވާލުނުވެ ގިނަ ދުވަސްވުމުގެ ސަބަބުން ނައްތާލުމަށް ކަނޑައެޅުނު މުދާ ތަކުގެ ތެރޭގައި ހިމެނޭ ޕެކޭޖްތަކެކެވެ.

ކަސްޓަމްސްއިން ވިދާޅުވީ މިތަކެތި ފެނިފައިވަނީ، މިމަހުގެ ތިންވަނަ ދުވަހު ނައްތާލުމަށްޓަކައި ކާގޯ ގުދަނުން އެ މުދާތައް ނެރުނު މަރުޙަލާގައި ބަލާ ފާސްކުރުމުންކަމަށެވެ.

ކަސްޓަމްސްއިން މި ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިހަށް ވަނީ ޕޮޒިޓިވްވެފައެވެ.

މި ތަކެތީގެ ބަރުދަނުގައި ޕެކިންގ އާއެކު 542 ގްރާމު ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ގާތްގަޑަކަށް ހަތަރު ލައްކަ ތިރީސް ތިން ހާސް ހަސަތޭކަ ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މި މައްސަލަ ތަޙުޤީޤުކުރުމަށްޓަކައި، މި މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޙަވާލުކުރެވިފައިކަމުގައިވެސް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ.