ޚަބަރު

ލީބިޔާގައި ކުރާ ދާޚިލީ ހަނގުރާމައިގައި ސޫރިޔާއިން ބައިވެރިވާން އުޅޭކަމަށް އެމެރިކާއިން ބުނެފި


ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއިން އެ ޤައުމުގެ އިރުމަތީގައި ހަރަކާތްތެރިވާ އަސްކަރީ ހަނގުރާމަވެރި ޖަމާޢަތުން ވެރިރަށް ތުރާބުލުސް ހިފުމަށް ކުރަމުންދާ މަސައްކަތަށްް ވާގިދިނުމަށް ހަނގުރާމަވެރިންނާއި ހަތިޔާރު ފޮނުވުމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ރަޝިޔާއާއެކު މަސައްކަތްކުރަމުންދާކަމުގެ ތުހުމަތު އެމެރިކާއިން ކޮށްފިއެވެ.

އެމެރިކާއިން ބުނީ އިދިކޮޅު ޚަލީފާ ޙަފްތާރުގެ އަސްކަރިއްޔާއިން ތުރާބުލުސް ހިފުމަށް ކުރަމުންދާ މަސައްކަތަށް އެޤައުމުން ތާޢީދު ނުކުރާކަމަށާއި ތުރާބުލުސަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ހުރި ވަޞީލަތްތަކުގެ ބޭނުންހިފަންޖެހިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޚަލީފާ ޙަފްތާރު ވަނީ ލީބިޔާގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ތަރާބުލުސާއި ލީބިޔާގެ ހުޅަނގު އުތުރު ސަރަޙައްދުތައް ހިފުމަށް ޚާއްސަ އަސްކަރީ ހަރަކާތެއް ފަށާފައެވެ. އޭގެ ސަބަބުން ލީބިޔާގެ ސަރަޙައްދުތައްވަނީ ދެބަޔަކަށް ބެހިފައެވެ. ޙަފްތާރަށް ވާގިވެރިވަނީ އެމިރޭޓްސާއި މިޞްރާއި ރަޝިޔާއިންނެވެ. ލީބިޔާ ސަރުކާރަށް ވާގިވެރިވަނީ ތުރުކީވިލާތުންނެވެ. 2011 ވަނަ އަހަރު އދ ގެ ސަލަމާތަކާ ބެހޭ ކައުންސިލުންވަނީ އެޤައުމާއެކު ހަތިޔާރުގެ ވިޔަފާރިކުރުން މަނާކޮށްފައެވެ.
ލީބިޔާގެ ހަނގުރާމައިގައި ގިނަ ޢަދަދެއްގެ ބޭރުގެ ހަނގުރާމަވެރިން ހަރަކާތްތެރިވެއެވެ. އެމެރިކާއާއި އދއުންވަނީ ރަޝިޔާގެ ކުލީ ސިފައިން ލީބިޔާގައި ގިނަވަމުންދާކަމުގެ އިންޒާރުދީފައެވެ. ތުރުކީވިލާތާއި އެމިރޭޓްސުންވެސް ވަނީ އެޤައުމަށް ޑްރޯން ފޮނުވާފައެވެ.

އެމެރިކާގެ ރަސްމީ ލިޔުމެއްގައި ވާގޮތުގައި ރަޝިޔާގެ 1200އަށްވުރެ ގިނަ ކުލީ ސިފައިން ޚަލީފާ ޙަފްތާރުގެ އަސްކަރިއްޔާއަށް ވާގިވެރިވުމަށް ލީބިޔާގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ސީރިޔާގައި ހުންނަ އެމެރިކާގެ ޚާއްޞަ މަންދޫބު ޖިމް ޖެފްރީ ވިދާޅުވީ ސޫރިޔާގެ ހަނގުރާމަވެރިންނާއި ހަނގުރާމައަށް ބެނުންވާ ސާމާނު އެޤައުމަށް ފޮނުވުމަށް ރަޝިޔާއާއި ބައްޝާރުލް އަސަދުގެ ސަރުކާރުން މަސައްްކަތްކުރަމުންދާ ކަމަށެވެ. އަދި ސޫރިޔާގެ ބައިވެރިވުމާއެކު ލީބިޔާގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ގޯސްވެދާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްޞީލެއް ނުދެއްވައެވެ.

އެމެރިކާއިންވަނީ ލީބިޔާގައި ބަދަލުކުރަމުންދާ ޙަމަލާތައް ހުއްޓާލުމަށް ދެފަރާތަށްވެސް ގޮވާލާފައެވެ. ނަމަވެސް އެގޮވާލުމަށް އެއްވެސް ފަރާތަކުން ޢިޖާބަދީފައެއް ނުވެއެވެ. ޙަފްތާރަށް ވާގިވެރިވާ ބޭރު ޤައުމުތަކުން ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް އޭނާއަށް ހިތްވަރުދީފާނެތޯ ސުވާލުކުރުމުން އެމެރިކާގެ ބިއުރޯ އޮފް ނިއާ އީސްޓަން އެފެއާޒްގެ އެސިސްޓަންޓް ސެކެޓްރީގެ ނައިބު ހެންރީ ވޫސްޓާ ވިދާޅުވީ ޙަފްތާރުގެ ފަރާތުން އެޤައުމުތަކުގެ ބޭނުމެއް ޙާޞިލްކުރެވެން އޮތްހާ ހިނދަކު އެޤައުމުތަކުން ޙަމަލާ ބަަދަލުކުރުން ހުއްޓާލުމަށް ތާޢީދުކުރާނެކަމަށް ނުބެލެވޭކަމަށެވެ.

އެމެރިކާއިންވަނީ ބައްޝާރުލް އަސަދާއި ޚަލީފާ ޙަފްތާރާ ދެމެދު އޮންނަ ގުޅުމާމެދު ކޮންބޮޑުވުން ފާޅުކޮށްފައެވެ. ސޫރިޔާއިންވަނީ ޙަފްތާރާއެކު ޚާރިޖީ ގުޅުން ޤާއިމްކޮށްފައެވެ. އެހެންކަމުން ސޫރިޔާ ހަނގުރާމަވެރިން ލީބިޔާގެ ހަނގުރާމައިގައި ބައިވެރިވުމަކީ އެކަށީގެންވާކަމެއްކަމަށް ވޫސްޓާ ވިދާޅުވިއެވެ. ޙަފްތާރުވަނީ މާރިޗުމަހު ސޫރިޔާގައި އެމްބަސީއެއް ހުޅުވާ، ދެޤައުމުގެވެސް ހަތުރުކަމުގައިވާ ތުރުކީވިލާތާ ދެކޮޅަށް މަސައްކަތްކުރުމުގައި އެއްބައިވުމަށް ގޮވާލާފައެވެ.