ޚަބަރު

ވޯލްޑް ބޭންކުން ރާއްޖެއަށް 16.5 މިލިއަން ޑޮލަރުގެ އެހީ ދެނީ


ކާރިޘާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި ދިވެހިރާއްޖެއަށް 16.5 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވާލްޑް ބޭންކުން ނިންމައިފިއެވެ.

މިއެހީގެ އެއްބަސްވުމުގައި މިދިޔަ ހަފްތާގައި ވަނީ ޑިޖިޓަލްކޮށް ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ފައިނޭންސް އިބްރާހީމް އަމީރު ސޮއިކުރައްވާފައިވާއިރު، ވާލްޑް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ޑރ.އައިޑާ ސްވަރާއީ-ރިޑިހޯއެވެ.

އެބޭންކުން ދީފައިވާ މިއެހީއަކީ "މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް" ގެ ދަށުން، މާލޭގެ ފެންހިންދުމުގެ ނިޒާމްގެ ފެންވަރު މަތިކުރުމަށް ވަނީ ކަނޑައަޅާފައެެވެ. މާލޭގެ ފެންހިންދުމުގެ ނިޒާމަކީ، 40 އަހަރުދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އަދި ބޭނުން ނުހިފޭ ހާލަތުގައިވާ ނިޒާމެކެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވެހުނު ވާރޭގެ ނިޞްބަތް އިތުރުވަމުން ގޮސްފައިވާއިރު، ފެންހިންދާ ހޮޅިތައް ހަލާކުވެފައިވުމާއި ބެދިފައިވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވުމުގެ އެތައް ހާދިސާތަކަކާ ކުރިމަތިލާންޖެހިފައިވެއެވެ. މި ހާދިސާތަކުގެ ސަބަބުން، ވިޔަފާރިތަކަށާއި މަގުމަތީގެ ޓްރެފިކަށް އަސަރުކޮށް، ގިނަ އަދަދެއްގެ މުދަލަށް ގެއްލުން ލިބިފައިވެއެވެ.

ފެން ހިންދާ ނިޒާމު ރަނގަޅުކުރުމުގެ މަޝްރޫއުގެ ދަށުން، ނަރުދަމާގެ ނިޒާމް މެދުވެރިކޮށް ހިންދޭ ފެން ރައްކާތެރި ގޮތުގައި ނައްތާލުމަށްޓަކައި ބޭނުންވާ ސޫވޭޖް ޓްރީޓްމަންޓް ޕްލާންޓެއް، މާލޭގެ ތޮށްޖެހުން ކުޑަކޮށް އުމްރާނީ ތަރައްޤީ އަށް ދިވެހިންގެ މެދުގައި އޮތް ޑިމާންޑަށް ހައްލެއް ހޯދައިދިނުމަށްޓަކައި ޕްލޭންކޮށްގެން ހުޅުމާލޭގައި ޤާއިމްކުރުމަށް ބޭނުންވާ ފައިސާ ،ހަމަޖެހިގެންދާނެކަމަށްވެސް ވޯލްޑް ބޭންކުން ބުނެއެވެ.

"ތޮށްޖެހިފައިވާ ސިޓީތަކުގައި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެއް. ޞަރަހައްދީ ހަބްތައް ޤާއިމްކޮށް، ތޮށްޖެހުން ކުޑަކުރުމަށް އަމާޒުކުރެވޭ ގެދޮރުވެރިކުރުމުގެ ސިޔާސަތުތައް ވެގެންދާނީ ޤުދުރަތީ ކާރިޡާތަކާއި ބަލިމަޑުކަން ފަދަ ކަންކަމުން އަރައިގަތުމުގެ ޤާބިލްކަން އިތުރުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުތަކަށް،" އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާ ދެކޮޅަށް މިހާރަށްވުރެ ރަނގަޅަށް މަސައްކަތްކުރުމަށްޓަކައި ދިވެހިރާއްޖެއަށް އެހީތެރިވެދިނުމުގެގޮތުން، ދުރާލައި އިންޒާރުދޭ ޒަމާނީ ނިޒާމެއް ފޯރުކޮށްދިނުން ހިމެނޭ ގޮތަށް، ކުއްލި ޙާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކުރުމަށްޓަކައިވެސް މަސައްކަތްކުރެވޭނެކަމަށް އެ ބޭންކުން ބުނެއެވެ.

"އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާއިރު، ފެންހިންދުމުގެ ނިޒާމްގެ ފެންވަރު ރަނގަޅުކޮށް، ވާރޭފެން ރައްކާކުރުމުގެ ސަބަބުން ހަމައެކަނި އިތުރުވެގެންދާނީ މި ރަށްރަށުގައި ލިބެންހުންނަ މީރުފެނުގެ މިންވަރެއް ނޫން. އެއާ އެކު، ބޮޑެތި އާބާދީތައް ދިރިއުޅޭ ޞަރަޙައްދުތަކުގައި އަލިފާން ނިއްވުމުގައި ބޭނުންކުރަން ހުންނަ ފެނުގެ ނިޞްބަތްވެސް އިތުރުވެގެންދާނެ،" ވާލްޑް ބޭންކުން މި މަޝްރޫއަށް ކަނޑައަޅާފައިވާ ޓާސްކް ޓީމް ލީޑަރުން ކަމަށްވާ ކައުބަނާ އަމަންކައު-އަޔޭ އަދި ސުރާންގަ ކަހަންޑަވާ ވިދާޅުވިއެވެ.

އަލަށް ހިންގާ "އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާއި މާލެ އަދި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާ އިންނެވެ.

މި މަޝްރޫއަށް ޖުމްލަ ހޭދަކުރެވޭނީ 16.5 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ފޯރުކޮށްދޭ 8.25 މިލިއަން ޑޮލަރުގެ ހިލޭއެހީ އަދި 8.25 މިލިއަން ޑޮލަރުގެ ލޯނު އެހީއެވެ.