ޚަބަރު

އައްނަބީލާ އަމީނާ މުހައްމަދު އަމީނުގެ ހަށިކޮޅު ގަލޮޅު ސަހަރާގައި ފަސްދާނުލައިފި


ދިވެހި ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ދަރިކަނބަލުން އައްނަބީލާ އަމީނާ މުހައްމަދު އަމީންގެ ހަށިކޮޅު ގަލޮޅު ސަހަރާގައި ފަސްދާނުލައިފިއެވެ.

ކޯވިޑް-19 ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާތީ، އައްނަބީލާ އަމީނާ މުހައްމަދު އަމީނުގެ ޖަނާޒާ ބާއްވާފައި ވަނީ އާއިލާގެ މަދު ބޭފުޅުންކޮޅަކާއި އެކު މިއަދު މެންދުރު ނަމާދުގެ ފަހުން ގަލޮޅު ސަހަރާގައެވެ.

އެކަމަނާގެ ހަށިކޮޅު ފަސްދާނުލާފައި ވަނީ ގަލޮޅު ސަހަރާގައި އިއްޒަތްތެރީން ފަސްދާނުލާ ބައިގައެވެ. އެކަމަނާގެ ޖަނާޒާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެކަަމަނާގެ ދަރިކަލުން އަމީން ފައިސަލާއި މިވަގުތު މާލޭގައި ތިއްބެވި އާއިލާގެ ބައެއް އެހެން ބޭފުޅުންވެސް ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އައްނަބީލާ އަމީނާ މުހައްމަދު އަމީން އަވަހާރަވުމުގެ ހިތާމައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ އެއާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރުން އޮންލައިންކޮށް ކުރިޔަށް ގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އައްނަބީލާ އަމީނާ މުހައްމަދު އަމީނަކީ 23 ފެބުރުއަރީ 1980 އިން 15 ޖެނުއަރީ 1989އަށް ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމުހޫރިއްޔާގެ މެމްބަރުކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭކަނބަލެކެވެ.

އައްނަބީލާ އަމީނާ މުހައްމަދު އަމީން އަވަހާރަވީ، އާލާސްކަންފުޅާއި އުޅުއްވުމަށްފަހުގައި މިއަދު މާލޭގައި އަމިއްލަފުޅު ގެކޮޅުގައި އޮންނަވަނިކޮށެވެ.

އަވާހަރަވި އިރު އުމުރުފުޅަކީ 85 އަހަރުފުޅެވެ.

އައްނަބީލާ އަމީނާ މުހައްމަދު އަމީން އަވަހާރަވި އިރު، އެކަމަނާގެ ފިރިކަލުންނާއި ހަތަރު ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އެކަމަނާގެ ހަތަރު ބޭފުޅުންނަނީ އިބްރާހީމް ފައިސަލާއި އަމީން ފައިސަލާއި ޑރ.ފަރަހަނާޒް ފައިސަލާއި ސުވޭކާރުއަބްދުލް ހަމީދެވެ.

އަމީން ފައިސަލަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޑރ.ފަރަހަނާޒް ފައިޞަލަކީ ރާއްޖެ އިން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ސަފީރުގެ މަޤާމުގައި މިހާރުވެސް ހުންނެވި ބޭފުޅާއެވެ.