ރޭ ފަތިހު ރ ވާދޫއަށް ޖެހުނު ކޮޅިގަނޑެއްގައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މިވަގުތު މާލޭގައި ހުންނެވި ވާދޫ ކައުންސިލްގެ ރައީސް، ހުސައިން އަލީ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފަތިހު 5:45 ހާއިރު ވާދޫއަށް ޖެހުނު ކޮޅިގަނޑުގައި ބޮޑެތި ބިޔަގަސްތަކާއި، ހޮޅިދަނޑިތަކާއި، ބައެއް އެންޓަނާ ދަނޑިތަކާއި ފާރުތައް ވެއްޓިގައިވާ ކަމަށެވެ.
އަދި ގިނަ ގޭގޭގެ ފުރާޅުތައް އެއްލާލާފައި ވާއިރު، އަލުން މަރާމާތުކޮށްގެން ނޫނީ ދިރި ނޫޅެވޭ ވަރަށް 4 ގެއަކަށް ގެއްލުންތައް ލިބިފައިވާ ކަމުގައި ހުސައިން އަލީ ވިދާޅުވިއެވެ،
ހުސައިން އަލީ ވިދާޅުވީ، ލިބުނު ގެއްލުންތަކާއި ގުޅޭ މައުލޫމާތު ކައުންސިލުން އެއްކުރަމުންދާކަމަށާއި އަދި އެމައުލޫމާތު ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަަކަށް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.
ހުސައިން އަލީ ވިދާޅުވީ، ގެއްލުން ލިބުނު ގެތައް މަރާމާތު ކުރުމުގެ މަސައްކަތުގައި ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އަދި ވެއްޓިފައިވާ ބޮޑެތި ރުއްގަސްތައްވެސް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ހުސައިން އަލީ ވިދާޅުވިއެވެ.
" ވެއްޓީފައިވާ ބޮދެތި ބިޔަ ގަސްތަކުގެ ތެރޭގައި އެބަ ހިމެނޭ، މޭވާ އަޅާ ގަސްތައް. ޖަނބުރޯލާއި ބަނބުކެޔޮ ގަސްތައް ވެއްޓިފައި ވަނީ. މިއީ މުޅިރާއްޖެއަށްވެސް ކާބޯތަކެތި އަޅާގަސްތައް ވަރަށް މުހިއްމު ދުވަސްވަރެއް. އެހެންކަމުން ވެއްޓުނު ބޮޑެތި ބިޔަގަސްތައް އަލުން ކޮޅަށް ޖަހައި އިންދޭނެ ގޮތެއް ވުމަކީ ވަރަށް އެދޭކަމެއް." ހުސައިން އަލީ ވިދާޅުވިއެވެ.
މިހާތަނަށް ވެއްޓުނު ރުއްގަހުގެ ތަފްސީލު އަދި ލިބިފައި ނުވިނަމަވެސް ވަރަށް ގިނަ އަދަދެއްގެ ރުއްގަސްތައް ވެއްޓިފައިވާކަމުގައި ހުސައިން އަލީ ވިދާޅުވިއެވެ.
އަދި ފުރާޅު އެއްލާލައި ގެއްލުން މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުންވި ގެތަކުގެ ފުރާޅުއަލުން އަޅައި މިއަދުގެ އިރު އޮއްސުމުގެ ކުރިންމަރާމާތުކޮށް ނިންމޭތޯ ރައްޔިތުން މަސައްކަތް ކުރަމުން ގެންދާ ކަމުގައިވެސް ހުސައިން އަލީ ވިދާޅުވިއެވެ.
ރޭ ފަތިހު ޖެހުނު ކޮޅިގަނޑެއްގައި ރ ވާދޫއަށް ބޮދެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މިގޮތުން، ހއ އަތޮޅުން ބ އަތޮޅާއި ދެމެދުގެ ރަށްތަކަށް ފަތިހު 5:30ން ފެށިގެން މެންދުރު 11:30 އާއި ހަމައަށް ވައިޓް އެލާޓްވެސް ނެރެފައިވެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާ ގޮތުގައި ކުރިޔަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއި އެކު ވިއްސާރަކުރާނެއެވެ،
އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ.
ވިއްސާރަވި ނަމަވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާ ގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމުގައިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.