އެތުލެޓިކްސް

މިއީ ޖެމެއިކާގައި ތިން އަހަރު ކުރި މަސައްކަތުގެ ނަތީޖާ - ސާއިދު


މިކާމިޔާބީގެ އަޞްލަކީ ޖެމެއިކާގައި ތިން އަހަރުދުވަހު ކުރި މަސައްކަތުގެ
ނަތީޖާކަމަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނެފިއެވެ. އިއްޔެ
200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދުމަށްފަހު ޒުވާން އެތްލީޓް ބުނީ ވަރަށް
އުފާވެއްޖެކަމަށާއި، މިއީ ތިން އަހަރުގެ ނަތީޖާކަމަށެވެ. ރާއްޖެއަށް ފުރަތަނަ
ރަންމެޑަލް ހޯދައިދިން އެތްލީޓް ބުނީ މިއީ ދިގު މުއްދަތެއްގައި ތަމްރީން ހެދުމުގެ
ނަތީޖާ ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް ސާފް ގޭމްސްއިންވެސް މިނަތީޖާ
ތަކުރާރުކުރުންކަމަށެވެ.



" މިއީ ޖެމެއިކާގައި ހެދި ތިން އަހަރުގެ ތަމްރީންތަކުގެ ނަތީޖާ. ވަރަށް
އުފާވެއްޖެ. ކުރިއަށް އޮތް ސާފްގޭމްސްއިންވެސް މިފަދަ ނަތީޖާއަކަށް
އުއްމީދުކުރަން. " ސާއިދު ބުންޏެވެ.



 އަދި އިއްޔެ އޮތް 200 މީޓަރު ދުވުމުންވެސް
އުއްމީދުކުރީ ރަން މެޑައްޔަށްކަމަށާއި، ނަމަވެސް ކަން ދިމާކުރި ގޮތުން އެކަން ހާޞިލް
ނުވީކަމަށްވެސް ސާއިދު ބުންޏެވެ. ނަމަވެސް ރަނގަޅު ވާދެއްކޮށް ރިހި މެޑަލް
ލިބުމުންވެސް އުފާވާކަމަށް ސަރުކާރުން ޤައުމީ ބަޠެއްލަކަމަށް ދެކޭ ސާއިދު
ބުންޏެވެ.