ޚަބަރު

ކޮންމެ ދުވަހަކުވެސް ރަށްރަަށުން މާލެއަށް އެތައް ޕާރުސަލްތަކެއް


މާލެ ދަތުރުކުރާ ބޯޓުތަކުން ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ޕާރުސަލް މާލެ ގެންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މާލޭގައި ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާތީ މާލެ ސަރަހައްދު ފުރަ ބަންދުގައި އޮންނަތާ މިއަދު މީ 18 ވަނަދުވަހުއެވެ. މިބަންދާއެކު މާލެއަށް މީހުން އެތެރެވުމާއި މާލެއިން މީހުން ފުރުން މިވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. މާލޭ ފަޅުތެރެ ވަނީ މުޅިންހެން ފަޅުވެ ހުސްވެފައެވެ. ކޯވިޑްގެ ނުރައްކާ އެންމެ ބޮޑަށް ދިވެހިންނާއި ކުރިމަތިލާން މިޖެހުނީ ޢާއްމުކޮށް ދިވެހިންގެ ދިރިއުޅުމަށް އެތައް ބަދަލުތަކެއް އަންނަ ބަރަކާތްތެރި ރަމަޟާން މަހުއެވެ. ދިވެހިންގެ ކެއުމާއި ދިރިއުޅުމުގެ އާދަތަކަށް އެތައް ބަދަލުތަކެއް ކޮންމެ އަހަރަކުވެސް ރަމަޟާންމަހު އާދެއެވެ.

ޚާއްސަކޮށް މާލޭގެ ބާޒާރަށް ދިވެހިން ދަނޑުވެރިންގެ އުފެދުންތައް ނެރެ ދަނޑުވެރިންނަށް އެންމެ ނަފާވާ އެއް މަހަކީވެސް ރަމަޟާން މަހެވެ. ތޮއްޑޫ ކަރައާއި ކަނޑުދޫ މިރުހާއި ކާށިދޫ ކޮޕީފަތާއި ފުވައްމުލަކު ދޮން އަނބާއި މިނޫންވެސް ރަށްރަށުގެ އުފެއްދުންތަކުން މާލޭގެ ބާޒާރު ފުރާލައެވެ. ރޯދަމަހުގެ މެދަކާހަމައަށް އަންނަ އިރު ބާޒާރުން މިތަކެތި ފެންނަމުން ނުދިޔަނަމަވެސް ރަށްރަށުން ގެންނަ ތަކެތި މާލެ ގެނެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ރަށްރަށަށް ގެންނަ ތަކެތި މާލޭގެ ބަނދަރަށް ބޭލުމުން އެތަކެތި ރައްދުވާ ފަރާތްތައް ބަލައި އައުމުން ލިބޭނެ އިންތިޒާމުތައްވަނީ ހަމަޖައްސާފައެވެ.

ފުލުހުން ވިދާޅުވީ ކޮންމެ ދުވަހަކުވެސް ރަށްރަށުން ގިނަޢަދަދެއްގެ ފާރުސަލްތައް މާލެ އަންނަމުންދާ ކަމަށެވެ. މިގޮތުން މާލެ ދަތުރުކުރާ ބައެއް ބޯޓްތަކުން ގިނަ ޢަދަދެއްގެ ތަކެތި ގެންނަމުން އާދެއެވެ. މި ގޮތުން ރަށްރަށުން ގެނެސް މާލޭގެ ބަނދަރަށް ބާލާފައިވާ ފޮށިތަކަށް ބަލާލުމުން ފެންނަނީ ދަނޑުވެރިންގެ އުފެއްދުންތަކާއި ރަށްރަށުގެ ދިވެހި ހަދިޔާތަކެވެ.

ފުލުހުން ވިދާޅުވީ މާލެ ގެންނަ ތަކެއްޗާއި އަތޮޅުތަކަށް ފޮނުވަން ބޭނުންވާތަކެއްޗާ ޙަވާލުވާން ބޭނުންވާ ފަރާތްތަކުން ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދުމުން އެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށެވެ. ކިތަންމެ ބައިވަރު ނުވަތަ ކިތަންމެ ބަރު ޕާރުސަލްތަކެއް ރަށްރަށުން މާލެއަށް ނުވަތަ މާލެއިން ރަށްރަށަށް ފޮނުވިނަމަވެސް އެއްވެސް ޝަކުވާއެއްނެތެވެ. އެހެންނަމަވެސް ފުލުހުންވެސް އަދި ސިއްހީ މާހިރުވެސް އެދެނީ އެންމެ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ.

ޕާރުސަލްތައް ބަލާ އަންނަ ފަރާތްތަކުންވެސް އަދި ބޯޓްތަކުގެ ފަޅުވެރިންވެސް މާސްކް ބޭނުންކުރުމަށެވެ. އަދި އަންގިވެސް ބޭނުންކުރުމަށެވެ. ހަމައެއާއެކު ތަކެތި ގެނައުމާއި ގެންދިއުމުގައިވެސް ގައިދުރުކަން އިސްކޮށް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.