ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޑރ.އަޙްމަދު ނާސިރު އަލްމުޙައްމަދު އަލްއަޙްމަދު އަލްޖާބިރު އަލްސަބާޙާ މިއަދު ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.
މި ފޯނުކޯލުގައި ދެބޭފުޅުންވަނީ ކޯވިޑް-19އާ ގުޅިގެން ދެޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ ޝާހިދު ވަނީ ކޯވިޑް-19އާ ދެކޮޅަށް ކުވައިތުގެ ސަރުކާރުންނާއި ސިއްހީ ދާއިރާއިން އަޅާފައިވާ ފިޔަވަޅުތަކަށް ތަޢުރީފް ކުރައްވާފައެވެ.
އަދި މިބަލީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ އަސަރުތަކުން ސަލާމަތްވުމަށް ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މިނިސްޓަރ ޝާހިދު ވަނީ ކުވައިތުގެ ޚާރިޖީ ވަޒީރާ މަޝްވަރާކުރައްވާފައެވެ. އަދި ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ކުވައިތުން ރާއްޖޭގެ ތަރައްޤީއަށް ވެދީފައިވާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
1970ގެ އަހަރުތަކުން ފެށިގެން ކުވައިތަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިއްމު އެއް ބައިވެރިޔާއެވެ. އެގޮތުން ރާއްޖޭގައި ހިންގާފައިވާ އުމްރާނީ ތަރައްޤީގެ ވަރަށް ބޮޑެތި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މާލޭ ބައިނަލްއަޤްވަމީ ވައިގެ ބަނދަރަކީ މީގެ އެއް މިސާލެވެ.