ޚަބަރު

މަޝްހޫރު އެކްޓަރ ރިޝީގެ މަރާއެކު ބޮލީވުޑަށް ބޮޑު ހިތާމައެއް


އިންޑިއާގައި އެންމެ މޮޅު އެކްޓަރުންގެ ލިސްޓްގެ ކުރީކޮޅުގައި ގުނަލާވޭ މަޝްހޫރު ތަރި ރިޝީ ކަޕޫރް މަރުވެއްޖެއެވެ.

ހިންދީ ސިނަމާތަކުގެ ފުރަތަމަ އާއިލާ ކަޕޫރް އާއިލާއަށް ނިސްބަތްވާ އުމުރުން 67 އަހަރުގެ ރިޝީ ކަޕޫރު މަރުވީ މުމްބާއީ އެޗްއެން ރިލަޔަންސް ހޮސްޕިޓަލްގެ އެޑްމިޓްކޮށް، އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނުއެވެ. ރިޝީ މަރުވެފައިވަނީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.

ރިޝީގެ ހާލު ގޯސްވެގެން އޭނާ އަށް ފަރުވާދޭން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ބޮލީވުޑްގެ ކާމިޔާބު ތަރި ރިޝީ ކަޕޫރްގެ މަރުވެފައިމިވަނީ ބޮލީވުޑްގެ ކާމިޔާބު އެހެންތަރިއެއްކަމަށްވާ އިރްފާން ޚާން އިއްޔެ މަރުވެ އެކަމުގެ ހިތާމަ މުޅި ބޮލީވުޑްގައި ފާހަގަކުރަމުން އަންނަނިކޮށެވެ.

ރިޝީ ކަޕޫރަކީ މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ރާޖް ކަޕޫރުގެ ފަސްކުދިންގެ ތެރެއިން އެކަކެވެ. ރާޖް ކަޕޫރްގެ ދަރިންގެ ތެރެއިން ފިލްމީ ދުނިޔޭގައި އެެންމެ ކާމިޔާބު ތަރިއަކީ ރިޝީ ކަޕޫރުއެވެ. އޭނާގެ ބޭބެ ރަންދީރާއި ރާޖިވް ކަޕޫރްވެސް ފިލްމީ ދުނިޔެއަށް ނުކުމެ ބައެއް ފިލްމްތައް ކުޅެފައިވެއެވެ. އެހެންނަމަވެސް އެތަރިންނާއި ރިޝީއާއި އެއް ހަމައަކަށް ބޮލީވުޑް ސިނަމާތަކުގައި އާދެވިފައެއް ނުވެއެވެ.

ރިޝީ ކަޕޫރްގެ އަންހެނުން ނީޓޫއަކީވެސް ބޮލީވުޑްގައި ނަން ހިންގާ މަޝްހޫރު ތަރިއެކެވެ. ގިނަ ފިލްމަތަކެއް އެކުގައި ކުޅެފައިވާ މި ދެތަރިންގެ ދަރިފުޅު ރަންބީރު ކަޕޫރަކީވެސް މިހާރު ބޮލީވުޑްގައި އެންމެ ނަން ހިނގާ އެއްތަރިއެވެ.

ރިޝީ ކަޕޫރް ގިނަ ބަޔަކަށް ފާހަގަވެގެން އައީ އެނާ އެންމެ ފުރަތަމަ ލީޑް ރޯލުން ފެނިގެންދިޔަ "ބޮބީ: އިންނެވެ. 1973 ވަނަ އަހަރު ނުކުތް މި ފިލްމުގައި ރިޝީއާއި އެކު ލީޑްރޯލުން ފެނިގެންދިޔަ ޑިމްޕަލް ކަޕާޑިއާއެވެ. ލޯބީގެ މި ފިލްމު ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ އަނެއް ސަބަބަކީ މި ފިލްމްގެ ހިތްގައިމު ރީތި ލަވަތަކެވެ.

ބޮލީވުޑްގެ ސުޕަރސްޓަރ ބިގް ބީ ނުވަތަ އަމީތާބާއި އެކު ގިނަ ފިލްތަކުން ފެނިގެންގޮސްފައިވާ ރީޝީ ވަނީ ކާމިޔާބު އެތައް ފިލްތަކެއް ބޮލީވުޑްގެ ސްކްރީންނަށް ދޫކޮށްލާފައެވެ.

ރިޝީ ކަޕޫރަށް ލިބިފައިވާ އެވޯޑްތަކަށް ބަލާއިރު " ބޮބީ" އިން އެއަހަރުގެ ބެސްޓް އެކްޓަރ ފިލްމެ ފެއަރ އެވޯޑް އޭނާ ވަނީ އުފުލާފައިވެއެވެ. އޭގެފަހުން ގިނަ އެވޯޑްތަކެއް ބެސްޓް ސަޕޯޓިން އެކްޓަރުގެ ގޮތުގައި އެހެނިހެން ބައެއް ރޯލްތަކުންވެސް ރިޝީ ވަނީ އުފުލާފައިވެއެވެ. އަދި 2008 ވަނަ އަހަރު ފިލްމް ފެއަރ އެވޯޑުން ދިން ލައިފް އެޗީވްމަންޓް އެވޯޑްވެސް ދީފައިވަނީ ރިޝީއަށެވެ. މީގެއިތުރުން ރަޝިޔާ ސަރުކާރުން ވެސް ވަނީ ރިޝީގެ ސިނަމާގައި ކޮށްފައިވާ ހިދުމްތަ ފާހަގަކޮށް 2009 ވަނަ އަހަރު އެކަމުހެ ޝަރަފު ރިޝީއަށް އަރުވާފައެވެ.

ރިޝީ ބަލިވެގެން ފިލްމީ ދާއިރާއަށް ދުރަށް ޖެހި ފަރުވާއަށް އެމެރިކާއަށް ދާކަން ރިޝީ ކަޕޫރު ފުރެތަމަ ހިއްސާ ކުރީ އޭނާ ޓްވިޓަރ މެދުވެރިކޮށް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުއެވެ. އެހެންނަމަވެސް ފަރުވާ ހޯދަނީ ކޮން ބައްޔަކަށް ކަމެއް އޭރު ރިޝީވެސް އަދި އޭނާގެ އާއިލާއަކުންވެސް އޭރު ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ރީޝީ ފަރުވާ ހޯދަމުން ދަނީ ކެންސަރު ބައްޔައްކަން ހާމަކޮށް ބައެއް ނިއުސް ރިޕޯޓްތައް އޭރު ލިޔުމުން އެކަމާއި ރިޝީގެ އައިލާއިން ވަނީ އޭރު ނުރުހުން ފާޅުކޮށްފައެވެ.

އަހަރެއްހާ ދުވަސްވަންދެން އެމެރިކާގއި ފަރުވާ ހޯދި ރިޝީ ކަޕޫރްގެ ބައްޔަަކީ ކެންސަރުކަން އެ އައިލާއިން ހާމަކުރީ އެމެރިކާގައި ފަރުވާ ހޯދަމުންދާތާ އެތައް ދުވަހެއް ފަހުންނެވެ. އަދި ރިޝީ ކަޕޫރްގެ މަންމަ މި ދުނިޔެއާއި ވަކިވެގެން ގޮސްފައިވަނީވެސް ބަލި އެނދުގައި ރިޝީ އެމެރިކާގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ކެންސަރަށް ފަރުވާ ހޯދުމަށްފަހު ރިޝީ އަނެއްކާވެސް އެނބުރި ޤައުމަށް އައިސްވަނީ ފިލްމީ މަސައްކަތް ފަށާފައެވެ. މިގޮތުން އެންމެ ފަހުން ރިޝީ ކަޕޫރްގެ ރިލީޒްވި ފިލްމަކީ ކޮރެއާ ފިލްމެއް އަސްލަށް ބަލައިގެން އުފެއްދި "ދަ ބޮޑީ" އެވެ. އިމްރާން ހާޝިމީ އާއި އެކު ރިޝީ ފެނިގެންދިޔަ މި ފިލްމަކީވެސް ގިނަބަޔަކަށް ކަމުދިޔަ ފިލްމެކެވެ. މީގެއިތުރުން ރިޝީ މަރުވި އިރު އޭނާ އަންނަނީ ބައެއް ފިލްމުތަކުގައިވެސް މަސައްކަތް ކުރަމުންނެވެ. މި ގޮތުން މީގެކުރިން ރިޝީއާއި އެކު ސިނަމާތަކުން ފެނިގެން ދިޔަ ޖޫހީ ޗައުލާއާއި އެކު ކުޅެމުން އަންނަ " ޝަރުމާޖީ ނަމްކީން" ހިމެނެއެވެ. މީގެއިތުރުންވެސް ބައެއް ފިލްމްތަކަށް ރިޝީ ވަނީ ސޮއިވެސްކޮށްފައެވެ.

ކޮންމެ ރޯލަކަށްވެސް ފިޓް ރިޝީ ކަޕޫރގެ މަރާއި އެކު ބޮލީވުޑްގެ ހުރިހާ ތަރުން އަންނަނީ ރިޝީގެ ވަކިވެގެންދިޔުން ކަޅު ދުވަހެެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ. ރިޝީ މަރުވެފައި މި ވަނީ އެނާގެ ދަރިފުޅު ރަންބީރު ކަޕޫރާއި ކާމިޔާބު ޑައިރެކްޓަރ މަހޭސް ބަޓްގެ ދަރިފުޅު އަލިއާ ބަޓް ކައިވެނި އަންނަ އަހަރު ކުރާނެކަމުގެ ވާހަކަތައް ދެކެވެމުން އަންނަނިކޮށެވެ.