އެތުލެޓިކްސް

ޝަމްހާގެ ރެކޯޑް ކައިރި ހިސާބެއްގައި މުގުލާލުމަކީ އުނދަގޫކަމެއް


ދިހަހާސް މީޓަރު ދުވުމުން އިއްޔެ ބްރޯންޒް މެޑަލް ހޯދި ޝަމްހާ އަހުމަދުގެ
ރެކޯޑް ކައިރި ހިސާބެއްގައި މުގުރާލުމަކީ އުނދަގޫކަމެއްކަމަށް އެތްލެޓިކްސް
އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠޮލާލް ވިދާޅުވެއްޖެއެވެ. އިންޑިއަން އޯޝަން
އައިލެންޑް ގޭމްސްގައި ޝަމްހާ އިއްޔެ ލޯ މެޑަލް ހޯދީ ސާޅީސް ފަސް މިނިޓުން ރޭސް
ނިންމައިގެންނެވެ.



ޝަމްހާގެ ކުރިއެރުމަށް އިޝާރާތްކޮށް ޠޮލާލް ވިދާޅުވީ ޝަމްހާގެ ރެކޯޑާއި
ހަމައަށް އިނގެން އޮތީ ފަންސާސް އެއް މިނިޓުން ރޭސް ނިންމިކަން ކަމަށެވެ.
އެހެންކަމުން ދިހަހާސް މީޓަރ ދުވުމުގެ ރެކޯޑް ޝަމްހާ މުގުރާލީ ހަ މިނިޓްގެ
ކުރިއެރުމަކާ އެކުކަމަށެވެ.



" މިއީ ހަޤީޤަތުގައި ދުވާ، ދިގު ދުވުންތަކުގައި އުޅޭ މީހުން
ހައިރާންވާވަރުގެ ނަތީޖާއެއް. އަޅުގަނޑު ކުރިންވެސް ދެންނެވިން ސަމްހާ ދުވެ ނިމުނީމާ
ދިވެހިން ހަމަ ސުވާލުކުރާނެ ޝަމްހާ މިވަރަށް ދުވިތޯ؟ ބައެއް ފަރާތްތަކުން އިއްޔެ
އެސުވާލު އަޅުގަނޑާއި ކުރި. ތިއީހަމަ ރަނގަޅު ނަތީޖާތޯވެސް. " ޝަމްހާގެ
ކުރިއެރުމަށް އިޝާރާތްކޮށް ޠޮލާލް ވިދާޅުވިއެވެ.



ޠޮލާލް އިތުރަށް ވިދާޅުވީ ސާޅީސް ފަސް މިނިޓުން އަންހެން ކުއްޖަކު މާލެ ވަށާ
ދެބުރު ޖެހުމަކީ ފަސޭހަކަމެއްނޫންކަމަށެވެ. މިރިކޯޑް ދުއްވާލުމަކީ
ދަތިކަމެއްކަމަށް ޠޮލާލް ވިދާޅުވިއެވެ.



" މިރިކޯޑް ދެން ދުއްވާލެވޭނީ ހަމަ ވަރަށް ވަރަށް ޓްރެއިނިންގ
ހަދައިގެންކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. " ގޭމްސްގައި ރާއްޖެއަށް
ފުރަތަމަ ދެ މެޑަލް ހޯދައިދިން އެސޯސިއޭޝަންގެ ރައީސް ވިދާޅުވިއެވެ.



އެހެންކަމުން ޝަމްހާގެ ކާމިޔާބީ ވަރަށްބޮޑަށް ފާހަގަކުރާކަމަށް ޠޮލާލް
ވިދާޅުވިއެވެ. ސާއިދުގެ ކާމިޔާބީއަށް އިޝާރާތްކޮށް ޠޮލާލް ވިދާޅުވީ ގޭމެއްގައި ރާއްޖެއިން
އެންމެ ފުރަތަމަ ރަންމެޑަލް އެތްލެޓިކްސްއިން ހޯދުމަކީ ލިބުނު ވަރަށްބޮޑު
ޝަރަފެއްކަމަށެވެ. އަދި އެއީ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ލިބުނު ޝަރަފެއްކަމަށެވެ.