ވިޔަފާރި

މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި


ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ޙަވާލުކުރުމަށް ނިންމާފައިވަނީ އެ މަޝްރޫޢު ޑިޒައިންކޮށް، އިންޖިނިއަރިންގެ މަސައްކަތްތަކާއި، ކޮންސްޓްރަކްޝަންގެ މަސައްކަތާއި، އަދި ޕްރޮކިއުމަންޓުގެ މަސައްކަތްތަކެއް ކޮންޓްރެކްޓަރ އަމިއްލައަށް ކުރާ ގޮތަށެވެ.

މި މަސައްކަތް ކުރުމަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ޕްރީކޮލިފިކޭޝަނަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުޅުވުން އޮންނާނީ 11 މެއި 2020 ވާ ހޯމަ ދުވަހުގެ 11:00ގައި އެމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އެޕްލިކޭޝަން ބަލައިނުގަންނާނެ ކަމަށެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަން ހުށަހަޅާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް އީ.އައި.އޭ ރިޕޯޓު އަލުން މުރާޖައާ ކުރުމަށްފަހު އެކަމުގެ ހުއްދަ އެންވަޔަރަމަންޓް މިނިސްޓަރ ދެއްވާފައިވަނީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގައެވެ.

3200 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމާ ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުއެވެ. އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭ ފެންވަރަށް މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި މި މަޝްރޫޢަށް ޔޫ.އޭ.އީން އެހީ ހަމަޖެހިފައިވާކަންވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.