ކޯވިޑް-19އާ ގުޅިގެން ދިމާވެފައިވާ ޚާއްސަ ޙާލަތުގައި އެކިކުންފުނިތަކާއި ތަންތަނުން ވަޒީފާ ގެއްލުނު މީހުންނަށް ތިން މަސް ދުވަސްވަންދެން ކޮންމެ މަހަކު ފަސްހާސްރުފިޔާ ދޭން ސަރުކާރުން ނިންމަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިއަދު ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވީ، މިޙާލަތުގައި ވަޒީފާގެއްލޭ މީހުންނަށް ތިން މަސްދުވަހުގެ އެލަވެންސެއް ސަރުކާރުން ނިންމަވާފައިވާކަމަށާ، އެކަން ކުރެއްވުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގައި ޤާއިމުކޮށްފައިވާ ޖޮބްސެންޓަރުގައި ޖަރިސްތްރީވެފައިވާ މީހުންގެ މަޢުލޫމާތު ވެރިފައިކުރަމުންދާކަމަށެވެ.
ކޯވިޑް-19އާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށްވެސް ނުރައްކަލާ ކުރިމަތިލާންޖެހިފައިވާ މިދަނޑިވަޅުގައި ރާއްޖޭގެ އިގްތިސާދަށްވެސް ވަނީ ހީނުކުރާފަދަ ބޮޑެތި ގެއްލުމާ ކުރިމަތިވެފައެވެ. މިއާއެކު، ބައެއް އަމިއްލަ ފަރާތްތަކުން ދަނީ ޚަރަދުބަރަދު މެނޭޖު ނުކުރެވުމާއި، ދެކޮޅުޖައްސަން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމަށްބުނެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންނެވެ. އަދި ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށްދާން މަޖުބޫރުކުރުންފަދަ ކަންކަން ދަނީ ކުރަމުންނެވެ.
މިހާލަތުގައި އެކިތަންތަކުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި ވަޒީފާގެ އެކިއެކި މައްސަލަތައް ދިމާވާމީހުން އިކޮނޮމިކް މިނިސްޓްރީގައި ޤާއިމުކޮށްފައިވާ ޖޮބްސެންޓަރުގައި ރަޖިސްޓްރީވުމަށް ސަރުކާރުންވަނީ އިލްތިމާސްކުރައްވާފައެވެ.