މިއަހަރުގެ ރަމަޟާންމަހަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާ ކުރި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ކަދުރު ބަލާ އަންނަ ތަރުތީބުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން މިހާރުވަނީ ކަދުރު ބަހަން ފަށާފައެވެ.
އެގޮތުން މާލެސިޓީއާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ އަދި އަތޮޅުތަކުގެ ރަށްރަށައް ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ގޭބިސީއަކަށް 1 ޕެކެޓް ކަދުރެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިދިޔަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް ވެސް ދޭނީ 1 ޕެކެޓް ކަދުރު ކަމަށެވެ.
ސަޢުދީން މިއަހަރު ލިބުނު ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 33 ޕެކެޓެވެ. ގޭބިސީތަކަށް ކަދުރު ބަހާނީ ކަދުރާ ހަވާލުވާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ބެލުމަށްފަހުގައިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކަދުރު ބެހުމުގައި ފަޤީރުންނަށް އިސްކަންދޭނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށްކަމަށާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ ހައުސިން ޑިވެލޮޕްމަ ކޯޕަރޭޝަން މެދުވެރިކޮށްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރަށްރަށައް ކަދުރު ފޮނުވުމަސްޓަކައި ހެނދުނު 9:30 އިން 17:00 އަށް އެ މިނިސްޓްރީއަށް މާލޭގައި ހުރި މީހަކު ފޮނުވުމުން ހަވާލުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވއެވެ.
ސަޢުދީޢަރަބިއްޔާއިން މިއަހަރުވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ވަނީ ހަދިޔާ ކޮށްފައެވެ.