ކާބޯތަކެތި ލިބުން ދަތިވެ، ދުނިޔޭގެ ގިނަ ޤައުމުތަކުގައި ބަނޑުހައިހޫނުކަން އާންމު ވެދާނެކަމުގެ އިންޒާރު އދ.ގެ ކާނާއާބެހޭ ޖަމުއިއްޔާ، ވޯލްޑް ފުޑް ޕްރޮގްރާމުން ދީފިއެވެ.
ވޯލްޑް ފުޑް ޕްރޮގްރާމް، ޑަބްލިއުއެފްޕީގެ ވެރިޔާ ޑޭވިޑް ބެސްލީ ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކެއް ބަނޑުހައި ހޫނުކަމާ ކުރިމަތި ލުމުގެ ބިރު އޮބައޮތްކަމަށާއި އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
ޑަބްލިއުއެފްޕީއިން ނެރެފައިވާ 4 ވަނަ ގްލޯބަލް ރިޕޯޓް އޮން ފުޑް ކްރައިސިސް ދައްކާގޮތުން ކޮވިޑް-19ގެ ގުޅިގެން ދުނިޔޭގައި ބަނޑުހައި ހޫނުކަން ތަހަންމަލްކުރާ މީހުންގެ އަދަދު ދެގުނަ އިތުރުވެ، 135 މިލިއަނުން 250 މިލިއަނަށް އަރާނެކަމަށް ބެލެވޭ ކަމަަށެވެ. އަދި މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ އެކިއެކި ހަމަނުޖެހުންތަކާއި، އިޤްތިސާދީ މައްސަލަތައް އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުރަމުންދާ 10 ޤައުމެއް ޑަބްލިއުއެފްޕީއިން ފާހަގަކޮށްފައިވެއެވެ. މިގޮތުން ޑަބްލިއުއެފްޕީގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ޔަމަން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، އަފްޤާނިސްތާން، ވެނެޒުއޭލާ، އިތިއޯޕިއާ، ސައުތު ސުދާން، ސީރިއާ، ނައިޖީރިއާ އަދި ހައިޓީއެވެ. އަދި ސައުތް ސޫދާންގެ އާބާދީގެ 61 އިންސައްތަ މިދިޔަ އަހަރު ކާނާއަށް ޖެހިފައިވާކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިންވެސް އުތުރު އެފްރިކާ އަދި ދެކުނު އޭޝިއާގެ ސަރަހައްދުތަކުގެ ދަނޑު ބިންތަކަށް ލިބޭ އެކި ބާވަތުގެ ގެއްލުންތަކާ ހުރެ ދިޔައީ ދަނޑު ގޮވާން ނުކުރުވުމުގެ ސަބަބުން ކާބޯތަކެއްޗަށް ޖެހުމުގެ މައްސަލައާ ކުރިމަތިލަމުންނެވެ.
މިމަހުގެ ކުރީކޮޅު ޑަބްލިއުއެފްޕީން ވަނީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޔަމަނަށް ދިނުމަށް ހަމަޖެހިފައިވާ އެހީގެ ފައިސާ ނުލިބުމުގެ ސަބަބުން ދެބައިކުޅަ އެއްބަޔަށް އެހީ ކުޑަކުރުމަށް ނިންމާފައެވެ. މިގޮތަށް ކަންތައް ކުރަންޖެހުނީ އެހީދޭ ބައެއް ފަރާތްތަކުން ފައިސާ ނުދޭތީކަމަށް ޑަބްލިއުއެފްޕީން ބުނެއެވެ. ޑަބްލިއުއެފްޕީއިން ދަނީ ކޮންމެ މަހަކު ޔަމަނުގެ 12 މިލިއަން މީހުންނަށް އެހީފޯރުކޮށްދެމުންނެވެ.
އދ.ގެ ސެކިއުރިޓީ ކައުންސިލްއަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކުރައްވާ ދެއްވި ބަސްދީގަތުމެއްގައި ޑަބްލިއުއެފްޕީގެ ވެރިޔާ ބީސްލީ ވިދާޅުވީ ވިސްނުންތެރިކަމާއެކު އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ކުރިޔަށް އޮތް ދުވަސްތަކުގައި ދުނިޔޭގެ ގިނަ ޤައުމުތަކެއް ބަނޑުހައި ހޫނުކަމާ ކުރިމަތިލާންޖެހިދާނެކަމަށެވެ. އަދި މިކަމަށް ފިޔަވަޅު އެޅުމަށް ވަގުތު ކުޑަތަން ވަމުންދާކަމަށްޗެސް އޭނާ ވިދާޅުވިއެވެ. ބީސްލީ ވިދާޅުވީ ޑަބްލިއުއެފްޕީގެ ތަޖުރިބާއާއި ޕާޓްނަރުންގެ އެހީތެރިކަމާއެކު ކޮވިޑް-19 އަކީ އިންސާނީ އަދި ކާބޯތަކެތި ނުލިބުމުގެ ކާރިސާއަކަށް ބަދަލުވުމުން ހުއްޓުވިދާނެކަމަށެވެ.