ޚަބަރު

ކޯވިޑް-19: އެމްއެންޑީއެފްގެ އޮފިސަރެއް ޕޮޒިޓިވް ވެއްޖެ


ކޯވިޑް-19 އަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މީހަކު ޕޮޒިޓިވްވެފައިވާކަން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެންއީއޯސީން ކަށަވަރުކޮށްދެއްވަފިއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އަފްސަލް ވިދާޅުވީ ކޯވިޑް-19 އަށް އެމްއެންޑީއެފްގެ މީހެއް ޕޮޒިޓިވްވެފައިވާ ކަމަށާއި، މިއީ ކޭސް ނަމްބަރު 69 އެއް ކަމަށެވެ. އަދި މިހާރު މިމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންދާކަމަށްވެސް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައެވެ.

އެންއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިއަދު ބަލި ޖެހުނު މީހުންގެ މަޢުލޫމާތުތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން ކޭސް 68 އަކީ ކުޑަވިލިނގިލިން މާލެ އަށް ދަތުރުކުރި ބަންގްލަދޭޝް މީހެއްކަމަށާއި އޭނާއާ އެކު ލޯންޗުގައި ދަތުރުކުރި މީހާ ވެސް ޕޮޒިޓިވްވެފައިވާކަމަށް އެ ސެންޓަރުން ހާމަކުރައްވައެވެ.

އަދި ކޭސް 69 އަކީ އެމްއެންޑީއެފްގެ މީހެކެވެ. ކޭސް 70 އެއީ އެމްއެޗްއޭގައި މަސައްކަތް ކުރާ މީހެކެވެ. މީގެ އިތުރުން ކޭސް 71، 72 އެއީ ކޭސް 70 ގެ އާއިލާގެ މީހުން ކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައެވެ.

މީގެ އިތުރުން ކޭސް 73 އެއީ ކޭސް 68 އާ އެކު ދަތުރުކުރި މީހާކަމަށާއި ކޭސް 74 އާއި 75،އެއީ ކޭސް 36 ގެ ޑައިރެކްޓް ކޮންޓެކްޓްވި ދެ ބިދޭސީން ކަމަށްވެސް އެ ސެންޓަރުން ހާމަކުރައްވައެވެ. އަދި ކޭސް 76، 77، 78 އެއީ ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހަކާ ގުޅުން އޮތް ބައެކެވެ. އެ މީހުން އޭރު ތިބީ އިމާދުއްދީން ސްކޫލުގައި އައިސޮލޭޓްވެގެންކަމަށް ނޭޝަނަލް އިމަރޖެންސީ ސެންޓަރުން ހާމަކުރައްވައެވެ.

މީގެ އިތުރުން ކޭސް 79 އެއީ 31 އާ ޑައިރެކްޓް ކޮންޓެކްޓެކެވެ. ކޭސް 80 އަކީ ބޭންކް އޮފް ސިލޯނުން ޕޮޒިޓިވް ވި ކޭސް 35 އާ ގުޅުން އޮތް މީހެކެވެ. ކޭސް 81 އެއީ އުމުރުން ދުވަސްވީ މީހާއެވެ. އަދި ކޭސް 82 އެއީ ކޭސް 35 ގެ ދަރިފުޅުކަމަށާއި ކޭސް 83 އަކީ ބަންގްލަދޭޝްގެ މީހެއްކަމަށް އެ ސެންޓަރުން ހާމަކުރައްވައެވެ. މުޅި ރާއްޖެއިން މިހާރު ކޯވިޑް-19 އަށް 83 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.