ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ވިލާތުގެ ޤައުމުތަކަށެވެ. ދުނިޔޭގެ 2.426 މިލިއަން މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން 1 މިލިއަން މީހުންނަކީ ވިލާތުގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. ދުނިޔޭގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ 10 ޤައުމުގެ ތެރޭގައި ބާރާއި ނުފޫޒުގަދަ ވިލާތުގެ ޤައުމުތައް ހިމެނެއެވެ. ނަމަވެސް އުނދަގޫ ދުވަސްތަކަކަށްފަހު ވިލާތުގެ ޤައުމުތަކުގެ ޙާލަތުދަނީ އެއްދުވަހަށްވުރެ އަނެއްދުވަހު ރަނގަޅުވަމުންނެވެ.
ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 ޖެހިފައިވާ އެންމެ ގިނަ ޢަދަދެއްގެ މީހުން ފެނިފައިވަނީ ސްޕެއިނުންނެވެ. ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑަށް ކޯވިޑް-19 ފެތުރިފައިވާ ސްޕެއިންގައި 200,210 މީހުންނަށް ބަލިޖެހި، 20,852 މީހުންވަނީ މަރުވެފައެވެ. ސްޕެއިނުގައި އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރުނު ދުވަހު ބަލިޖެހިފައިވާ 8،000 މީހުން ފެނުނެވެ. ނަމަވެސް ފާއިތުވި ހަފުތާގެ ތެރޭގައި އަލަށް ބަލިޖެހިފައިވަނީ 4،500 މީހުންނަށެވެ. އަދި މަރުވާ މީހުންގެ ޢަދަދުވަނީ 900ން 400އަށް ދަށްކުރެވިފައެވެ. އެއީ ފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި މަރުވި މީހުންގެ ޢަދަދު އެންމެ ބޮޑަށް ދަށްކުރެވުނު ފަހަރެވެ.
އިޓަލީވިލާތުގައި 178,972 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ ސަބަބުން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ އިޓަލީިލާތުގައެވެ. ބަލިމަޑުކަމުގައި އެޤައުމުގައި 23,660 މީހުންވަނީ މަރުވެފައެވެ. ނަމަވެސް ފާއިތުވި ދެ ހަފުތާގެ ތެރޭގައި އިޓަލީވިލާތުގެ ޙާލަތުވަނީ ކުރިއަށްވުރެ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އިޓަލީވިލާތުގައި ކޯވިޑް-19ގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވެފައިވަނީ 433 މީހުންނެވެ. އެއީ ފާއިތުވީ ހަފުތާގެ ތެރޭގައި މަރުވި މީހުންގެ ޢަދަދު އެންމެ ދަށަށްދިޔަ ފަހަރެވެ. އަދި ބަލިމަޑުކަމުގެ އަސަރުކޮށްފައިވާ މީހުން ފެނިފައިވާ ޢަދަދުވެސްވަނީ އޭގެ ކުރީ ދުވަހަށްވުރެ 400އެއްހާ މީހުން މަދުވެފައެވެ. ނަމަވެސް ފާއިތުވި ހަ ހަފުތާގައި ފުރަބަންދުކޮށްފައިވާ އިޓަލީވިލާތުގައި ބަލިފެތުރޭ މިންވަރު އުއްމީދުކުރެވުނު މިންވަރަށް ދަށެއް ނުވެއެވެ. ބަލިމަޑުކަމާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިނުދެއްވާނެކަމަށް އިޓަލީވިލާތުގެ ބޮޑުވަޒީރު ގުސެއްޕެ ކޮންތެވަނީ ވިދާޅުވެފައެވެ.
ވިލާތުގެ ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ ފަރަންސޭސިވިލާތުގައެވެ. އެޤައުމުގައި 152,894 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި މަރުވި މީހުންގެ ޢަދަދުވަނީ 19،700އަށް އިތުރުވެފައެވެ. ބަލިމަޑުކަމުގެ ސަބަބުން ފަރަންސޭސިވިލާތުގައި މަރުވާ މީހުންގެ ޢަދަދުދަނީ ދަށްވަމުންނެވެ. މީގެ ކުރިން ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ މީހުން މަރުވިނަމަވެސް ފަރަންސޭސިވިލާތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވެފައިވަނީ 395 މީހުންނެވެ. އަދި ޙާލު ދެރަވެގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދުވެސް އެއްދުވަހުން އަނެއް ދުވަހަށްދަނީ ދަށްވަމުންނެވެ.
ޖަރުމަނުވިލާތުގައި ވަރަށް ހަލުވިކަމާއެކު ކޯވިޑް-19 ފެތުރުނުނަމަވެސް އެޤައުމުގައި މިހާރު ބަލިމަޑުކަން ފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ. އެޤައުމުގައި 145,742 މީހުންނަށް ކޯވިޑް-19 ޖެހި، ބަލިމަޑުކަމުގައި 4,642 މީހުންވަނީ މަރުވެފައެވެ. ދުނިޔޭގައި ފަސްވަނައަށް އެންމެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހުނީ ޖަރުމަންވިލާތުގައެވެ. ނަމަވެސް އެޤައުމުގައި މަރުވި މީހުންގެ ޢަދަދު އެހެން ޤައުމުތަކަށްވުރެ ނިސްބަތުން ދަށެވެ. އެޤައުމުގެ ޙާލަތު ވަރަށް ބޮޑަށް ރަނގަޅުވިނަމަވެސް އިތުރަށް ބަލިމަޑުކަން ފެތުރިދާނެކަމަށް ހުށިޔާރުވެ ތިބެންޖެހޭކަމަށް ޞިއްޙީީ މާހިރުން ބުނެއެވެ.
އިނގިރޭސިވިލާތުގައި 120,067 މީހުންނަށް ކޯވިޑް-19 ޖެހި، 16,000 މީހުންވަނީ މަރުވެފައެވެ. ވިލާތުގެ އެހެން ޤައުމުތަކަށްވުރެ އިނގިރޭސިވިލާތުގައި ބަލި ފެތުރޭ މިންވަރު ކުޑަކުރެވިފައިވާ މިންވަރު ދަށެވެ. ނަމަވެސް ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެޤައުމުގައި ކޯވިޑް-19 ޖެހިގެން މަރުވީ 596 މީހުންނަށެވެ. އެއީ ފާއިތުވި ހަފުތާގައި ރެކޯޑުކުރެވުނު އެންމެ ދަށް ޢަދަދެވެ. ނަމަވެސް އިނގިރޭސިިވިލާތުން އިޢުލާނުކުރާ ރަސްމީ ޢަދަދުތަކުގައި ހިމެނެނީ ހަމައެކަނި ހަސްފަތާލުތަކުގައި މަރުވާ މީހުންގެ ޢަދަދެވެ. އެހެންކަމުން ބަލިމަޑުކަމުގެ ސަބަބުން މަރުވާ މީހުންގެ އަސްލު ޢަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.