ޚަބަރު

ކޯވިޑް-19އާ ގުޅޭގޮތުން ދޮގު ޚަބަރު ފަތުރާ މީހުންނަށް 5،500 ޑޮލަރުގެ ޖޫރިމަނާއެއް


ކޯވިޑް-19އާ ގުޅޭގޮތުން ބުރަދަނެއް ނެތް ޞިއްޙީ މަޢުލޫމާތު ފަތުރާ މީހުން ބޮޑު ޢަދަދަކުން ޖޫރިމަނާކުރުމަށް ޔޫއޭއީގެ ސަރުކާރުން ނިންމައިފިއެވެ. ޔޫއޭއީގެ ސަރުކާރުން ޞައްޙަނޫން މަޢުލޫމާތު ފެތުރުމާ ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅަކީ ޢާންމުންގެ ތެރޭގައި ކޯވިޑް-19އާ ގުޅޭގޮތުން ގިނަ ޢަދަދަކަށް ދޮގު ޚަބަރު ދައުރުވަމުންދާ ދަނޑިވަޅެއްގައި ޢާންމުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

ޔޫއޭއީގެ ސަރުކާރުން ނެރުނު އިޢުލާނެއްގައި ބުނީ އެޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާ ނުވަތަ އެނޫންވެސް ރަސްމީ އިދާރާއަކުން ކޯވިޑް-19އާ ގުޅޭގޮތުން ދޭ މަޢުލޫމާތަކާ ފުށުއަރާ އެއްވެސް މަޢުލޫމާތެއް ފަތުރާ މީހުން 5،500 އެމެރިކާ ޑޮލަރުން ޖޫރިމަނާކުރާނެކަމަށެވެ. ޗާޕުކޮށްފައިވާ ލިޔުމެއްގެ ގޮތުގައިއާއި އޯޑިއޯއާއި ވީޑިއޯއާއި ވެބްސައިޓުތަކާއި މީސްމީޑިޔާއާއި މަޢުލޫމާތު ފަތުރާ އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން ފަތުރާ ދޮގު ޚަބަރުތައް އޭގެ ތެރޭގައި ހިމެނޭނެއެވެ. ނޫސްވެރިން ޖޫރިމަނާ ކުރާނެކަމަށް އިޢުލާނުގައި ބުނެފައިނުވިނަމަވެސް ޞައްޚަ ނޫން މަޢުލޫމާތު ފަތުރާ ނޫސްވެރިންވެސް އޭގެ ތެރޭގައި ހިމެނޭކަމަށް ޤަބޫލުކުރެވެއެވެ.

ޔޫއޭއީގައި މިހާތަނަށް 6،300އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19ގެ އަސަރުކޮށްފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 37ށް އިތުރުވެފައެވެ. މާރިޗު މަހުގެ 26ވަނަ ދުވަހުން ފެށިގެން ޔޫއޭއީގައިވަނީ ރޭގަނޑުގެ ވަގުތުތަކުގައި ބޭރުގައި އުޅުން މަނާކޮށްފައެވެ. ޔޫއޭއީގެ ސަރުކާރުން މިހާރު ވަނީ ކާފިއުގެ ވަގުތު 24 ގަޑިއިރަށް އިތުރުކޮށް، އިތުރު ދެހަފުތާއަށް ކާފިއުގެ މުއްދަތު ދަންމާލާފައެވެ.