ޚަބަރު

ފުރަބަންދު : ފުރަތަމަ 24 ގަޑިއިރުގައި އެއްވެސް މީހަކާމެދު ފިޔަވަޅެއް ނާޅާ - ފުލުހުން


އިއްޔެއިން ފެށިގެން މާލެ ސަރަހައްދު ފުރަބަންދުކޮށް އެމުއްދަތު 48 ގަޑިއިރަށް މިހާރު އިތުރުކޮށްފައިވާއިރު އުސޫލުތަކާ ޚިލާފުވެގެން މިހާތަނަށް އެއްވެސް މީހަކާމެދު ހަރުކަށި ފިޔަވަޅެއް އަޅާފައި ނުވާނެކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންތަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު ވިދާޅުވީ ފުލުހުން ބޮޑަށް ބާރު އަޅުއްވަނީ ނަޞޭޙަތްދިނުމަށްކަމަށާ، މިވަގުތަކީ އަމިއްލައަށް ފަރުދީ ޒިންމާ ނަގައި ރައްކާތެރިވާންވީ ވަގުތުކަމަށް ފުލުހުން ވިދާޅުވެއެވެ. މިހާތަނަށް އުސޫލުތަކާ ޚިލާފުވެގެން އެއްވެސް މީހަކާމެދު ފިޔަވަޅު ނޭޅިޔަސް ކުރިއަށް އޮތްތަނުގައި ފިޔަވަޅު އަޅަންޖެހިއްޖެ ޙާލަތުގައި އެކަންކުރާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެކުރިން ހަވިރު 17:00އިން ރޭގަނޑު 20:00އަށް މާލެ ސަރަހައްދުގައި ގެއިން ބޭރަށް ނުކުރުން މަނާކޮށްފައި އޮތްއިރު ފުލުހުން މަގުމަތި ބެލެހެއްޓި މިންވަރަށްވުރެ މިހާރު ބަލަހައްޓާ މިންވަރު އިތުރުވާނެކަމަށާ، ޢާއްމުރައްޔިތުންގެ ސަލާމަތަށްޓަކައި ކަނޑައަޅާފައިވާ އުސޫލުތައް ތަންފީޒުކުރުމުގައި ފުލުހުން ދެމިތިބޭނެކަމަށް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.