ޚަބަރު

ދިހަ ހަފުތާގެ ތެރޭގައި ޢިރާޤުގެ ބޮޑުވަޒީރުކަމަށް ތިންވަނަ ބޭފުޅެއް އައްޔަނުކުރައްވައިފި


ޢިރާޤުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އައު ބޭފުޅެއް ރައީސް ބަރުހާމް ޞާލިޙު އައްޔަނުކުރައްވައިފިއެވެ. މިފަހަރު ބޮޑުވަޒީރުކަމުގެ މަޤާމަށް ހަމަޖައްސަވާފައިވަނީ ޢިރާޤުގެ ޖާސޫސީ އިދާރާގެ ވެރިޔާ މުސްޠަފާ އަލްޚަދީމީއެވެ. އޭނާއަކީ ފާއިތުވި 10 ހަފުތާގެ ތެރޭގައި ޢިރާޤުގެ ބޮޑުވަޒީރުކަމަށް އައްޔަނުކުރެއްވި ތިންވަނަ ބޭފުޅާއެވެ. މީގެ ކުރިން ނަން ހުށަހެޅުނު ދެބޭފުޅުންނަށްވެސްވަނީ ސަރުކާރެއް އެކުލަވާލެވޭގޮތް ނުވެފައެވެ.

ޢިރާޤުގެ ބޮޑުވަޒީރުކަމުގެ މަޤާމުން ޢާދިލް ޢަބްދުލް މަޙުދީ އިސްތިއުފާދެއްވާފައިވަނީ މިދިޔަ އަހަރު އެޤައުމުގައި ސަރުކާރާ ދެކޮޅަށް ފެށުނު މުޒާހަރާތަކަށްފަހު ކުރިމަތިވި ފިއްތުންތަކުގެ ސަބަބުންނެވެ. އޭގެ ފަހުން ޢިރާޤުގައި ސަރުކާރެއް އެކުލަވާލުމަށް ކުރި ހުރިހާ މަސައްކަތެއްވަނީ ނާކާމިޔާބުވެފައެވެ. އިސްތިއުފާ ދެއްވިނަމަވެސް ރައީސްގެ އެދިވަޑައިގަތުމުގެ މަތިން ވަގުތީގޮތުން ބޮޑުވަޒީރުކަމުގެ މަޤާމުގައި އަދިވެސް ހުންނެވީ ޢަބްދުލް މަހުދީއެވެ.

ބޮޑުވަޒީރުކަމަށް ޚަދީމީގެ ނަން ރައީސް ޞާލިޙު ހުށަހަޅުއްވާފައިވަނީ ކުރިން ނަން ހުށަހެޅުނު ޢަދުނާން އައްޒުރުފީއަށް ސަރުކާރެއް އެކުލަވާލެވޭ ވަރަށް ޤާނޫނުހަދާ މަޖްލީހުގެ ތާއީދު ނުލިބުމުންނެވެ. ބޮޑުވަޒީރު މަޙުދީ އިސްތިއުފާ ދެއްވުމުން ރައީސް ޞާލިޙު އެންމެ ފުރަތަމަ އެމަޤާމަށް އައްޔަނުކުރެއްްވި ބޭފުޅަކީ މުޙަންމަދު އަލާވީއެވެ. ނަމަވެސް ޤާނޫނުހަދާ މަޖުލީހުގެ ތާއީދު ނުލިބުމުން މާރޗް މަހުގެ އެއްވަނަ ދުވަހު އަލާވީވަނީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ހުއްޓަވާލައްވާފައެވެ.

އެންމެ ފަހުން ބޮޑުވަޒީރުކަމުގެ މަޤާމަށް އައްޔަނުކުރެއްވި ޚަދީމީއަކީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބޭފުޅެއް ނޫނެވެ. އެހެންނަމަވެސް ޤާނޫނުހަދާ މަޖުލީހުގައި ހިމެނޭ ދެބަސްވުން ބޮޑު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ރުހުން އޭނާގެ ސަރުކާރަށް ލިބޭނެތޯވަނީ ސުވާލުއުފެދިފައެވެ.

ކުރިން ނޫސްވެރިއަކަށް އުޅުއްވި ޚަދީމީއަކީ އިރާޤުގައި އޮތް ޞައްދާމު ޙުސައިން ވެރިކަމާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އެހެންކަމުން އޭރު އޭނާއަށް އުޅުއްވަން ޖެހިވަޑައިގެންފައިވަނީ ޤައުމުން ބޭރުގައެވެ. އެނބުރި ޤައުމަށް ވަޑައިގަތީ 2003ވަނަ އަހަރު ޞައްދާމުގެ ވެރިކަން ނިމުމުންނެވެ.