މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޞިއްޙަތު ދުވަހު ޞިއްޙީގޮތުން ރާއްޖޭގެ ޙާލަތަށް ބާލުމުން ހާމަވާ އެންމެބޮޑު ހަޤީޤަތަކީ ގުޅި ލާމެހިފައިވާ ލާމަރުޒަކީ ޞިއްޙީ ނިޒާމެއްގެ ބޭނުންތެރިކަން ކަމުގައި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ އެންމެ ފަހުގެ ޙާލަތާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކްވަނީ މިހާރުގެ ޙާލަތުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މިއީ އޭނާގެ މުޅި ޙަޔާތުގައިވެސް ޞިއްޙީ ޚިދުމަތްތެރިންގެ އަގުނުކުރެވޭ މަސައްކަތުގެ އަގުވަޒަންކުރެވި އެމަސައްކަތުގެ މުހިންމުކަން ތަޞައްވުރުކުރެވުނު ޙާލަތުކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާގައި މިވަގުތު މަސައްކަތްކުރަމުންދާ 6000 އެއްހައި ޚިދުމަތްތެރިންނަށް މަބްރޫކުވަނީ ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ.
މަބްރޫކް ވިދާޅުވީ މިއަދުގެ ޙާލަތަށް ބަލާއިރު، ގުޅި ލާމެހިފައިވާ ލާމަރުކަޒީ ސިއްޙީ ނިޒާމެއްގެ ބޭނުންތެރިކަން ރާއްޖެއަށް މުހިންމުވާ މިންވަރު ވަރަށް ސާފުކަމަށެވެ. މިފަދަ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި މިޙާލަތުގެ ތަޖުރިޞާއިން ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ތަރައްޤީކުރައްވައި ކުރިއެރުވުމުގެ މަސައްކަތްވެސް ސަރުކާރުން ކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާވަނީ ކޯވިޑް-19އާ ގުޅޭ، ރާއްޖޭގެ ބައެއް ތަފާސްހިސާބު ހާމަކުރައްވާފައެވެ. ރާއްޖޭގައި މިހާތަނަށް ފެނިފައިވާ ޕޮޒިޓިވް ކޭސްތަކުގެ ޖުމުލަ ޢަދަދަކަށް ބަދަލެއް ނާދެއެވެ. މިރެއާހަމއަށް މިޢަދަދު އޮތީ 19 ގައެވެ. މިހާތަނަށް މިބައްޔަށް ޝައްކުކުރެވިގެން 2010 ސާމްޕަލް ނަގާފައިވެއެވެ. އޭގެތެރެއިން 1911 ސާމްޕަލެއްގެ ނަތީޖާ ދައްކަނީ ނެގެޓިވްކަމަށެވެ. ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ނުލިބި ވަނީ 80 ސާމްޕަލްގެއެވެ.
ކޯވިޑް-19އަށް މިވަގުތު ރާއްޖޭގައި ފަރުވާދެމުންދަނީ 4 މީހަކަށެވެ. އެއީ އިނގިރޭސިވިލާތުން އެނބުރި ރާއްޖެއައި 4 ދިވެއްސެކެވެ. މީގެ އިތުރުން ރާއްޖެއިން ޕޮޒިޓިވްކަމަށް ދެއްކި އިތުރު ދެމީހަކު ރާއްޖެއިން ބޭރުގައި ފަރރުވާ ހޯދަމުންދެއެވެ. އެދެމީހުން ޕޮޒިޓިވްވިކަން އެނގުނީ ބޭރަށް ފުރިފަހުންނެވެ. އެއީ ދެ ބިދޭސީންނެވެ.
ރާއްޖޭގެ އައިސޮލެޝަން ފެސިޓީތަކުގައި މިވަގުތު ޖުމުލަ 12 މީހަކު އެބަތިއްބެވެ. އަދި 877 މީހަކު ކަރަންޓީން ފެސިލިޓީތަކުގައިވެއެވެ. އޭގެ ތެރޭގައި 189 މީހުންނަކީ މިއަދު އިންޑިއާގެ ކޮޗިންއިން މާލެއަށް ދަތުރުކުރި މީހުންކަމަށް މަބްރޫކް ވިދާޅުވިއެވެ.
ގާތްގަނޑަކަށް މި އެންމެންނަކީވެސް އިންޑިއާގައި ތަފާތު އެކި ބަލިބައްޔަށް ބޭސްކުރަމުންދިޔަ މީހުންކަމަށްވާތީ މިމީހުން ކަރަންޓީންކޮށްފައިވާ އޮޅުވެލި ފުށްޓަށް އިތުރު ޑޮކްޓަރުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.