ޚަބަރު

އައިޕީޔޫގެ ރައީސް، ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމްގެ އަރިހަށް، އިންޓަރ-ޕާލިމަންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ)ގެ
ރައީސް ސަބީރު ޗޯދްރީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.



ހޯމަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، އައި.ޕީ.ޔޫގެ ރައީސް
ރައީސުލްޖުމްހޫރިއްޔާއަށް މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ.



މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ
ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް މިވަގުތު ދިމާވެފައިވާ އެކިއެކި
ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ
ދައުރު މިހާރަށްވުރެ ފުޅާ ކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި،
ދުނިޔޭގެ ޙާލަތު ރަނގަޅުކުރުމަށް އެކި ދާއިރާތަކުން އައި.ޕީ. ޔޫ ކުރައްވާ
މަސައްކަތްތަކުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައިވެސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



އައި.ޕީ.ޔޫ ގެ ރައީސް ދެއްކެވި ވާހަކަފުޅުގައި އެ
ޖަމްޢިއްޔާގެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެކި
ޤައުމުތަކުގައ އެ ޖަމްޢިއްޔާގެ ފަރާތުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ
މަޢުލޫމަތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. މިގޮތުން، މޫސުމަށް އަންނަ
ބަދަލުތަކުން ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، އިންސާނީ ޙައްޤުތައް ރައްކާތެރި
ކުރުމާއި، ޤާނޫނު ހަދާ މަޖިލިސް ހަރުދަނާ ކުރުމަށް އެކި ޤައުމުތަކުގައި ކުރަމުން
ގެންދާ މަސައްކަތްތަކަށް އައި.ޕީ.ޔޫއިން ޚާއްޞަ އަހަންމިއްޔަތެއްދޭ ކަމުގައި އެ
ޖަމްޢިއްޔާގެ ރައީސް ވިދާޅުވިއެވެ. އަދި މިކަންކަން ޙާޞިލް ކުރުމުގައި
ޤައުމުތަކުގެ އެންމެ އިސްވެރިންނާ ގުޅިގެން ކުރެވޭ މަސައްކަތްތައް އައި.ޕީ.ޔޫ ގެ
ރައީސް ފާހަގަ ކުރެއްވިއެވެ.



މީގެ އިތުރުން، ސާކް ޤައުމުތަކުގެ ޤަނޫނު ހަދާ
މަޖިލީސް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ހުރިހާ ޤައުމުތަކުން ގުޅިގެން
މަސައްކަތް ކުރުމުގެ މުހިންމުކަން ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ފާހަގަ
ކުރެއްވިއެވެ.



މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ
އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި،
ރައީސުލްޖުމްހޫރިއްޔާގެ އޮފިހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި،
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މުޙަންމަދު
މުޖުތާޒް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ
ރައީސް ޢަބްދުﷲ މަސީޙް މުޙަންމަދާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ
މަނިކާއި، ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު
މުޙަންމަދުވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.